ޝިފާން މޯޅިއަކަށް ދެމިލިއިރު އެމަންޒަރު ބަލަންވެސް ސިޔާދާ އިނީ ހިނިތުންވެފައެވެ. އޭނާގެ ފަންދިގު އިސްތަށިގަނޑުން ފެންހިއްކަން ޑްރެސިންގ ޓޭބަލްގެ ކައިރީގައި ހުރި އިރުވެސް އޭނާއަށް ބެލެނީ ޝިފާން އަށެވެ. އަލަތު ކައިވެނީގެ ފުރަތަމަ ރޭގެ ފޮނި މީރުކަމާއި އެކު އެރޭ މާޒީގެ ތެރެއަށް އެދިޔައީއެވެ. އެހަނދާންތައް އައުވުމާއި އެކު އަނެއްކާވެސް ސިޔާދާގެ މޫނު ލަދުން ރަތްވެއްޖެއެވެ. ތުންފަތުގައި ދަތް އެޅިއްޖެއެވެ. ދެއަތަށް ބޯހޫރާލުމަށް ފަހުގައި އިސްތަށިގަނޑުން ތުވާލި ނައްޓާލައި ހަރަށް އެއްލުމަށް ފަހު ސިޔާދާ ޖެހިލީ ކުޑަ ދޮރުގެ ކައިރިއަށެވެ. ފަރުދާތައް ކަހާލުމަށް ފަހު އޭނާ ހުޅުވާލި ކުޑަދޮރުން އެތެރެއަށް ވަދެގަތީ ފަތިހުގެ ތެތްފިނި ވައިރޯޅިތަކެވެ.
ޝިފާން ލޯހުޅުވާލާފައި ސިޔާދާ އާއި ދިމާއަށް އެއްލީ ބާލީ ހެކެވެ. ދެން އެނބުރުނީ އަނެއް ފަރާތަށެވެ. ރުޅިވެރިގޮތް ދައްކަމުންނެވެ. ގައިމަތީގައި އޮތް ބޯ ރަޖާގަނޑު ރަނގަޅުކޮށްލަމުންނެވެ. ސިޔާދާގެ ހިތްތެޅި ގަތެވެ. ޝިފާން ރުޅި އައީމައެވެ. އަވަހަށް ކުޑަ ދޮރު ލައްޕާލުމަށްފަހު އޭނާ އެނދާއި ގާތަށް ޖެހިލިއެވެ. އަނެއްފަރާތަށް އެނބުރިއޮތް ޝިފާންގެ މޫނު ކައިރިއަށް ގުދުވިއެވެ.
"ބަހާ" ކުއްލިއަކަށް ޝިފާން އެނބުރުމުން ސިޔާދާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ފަހަތަށް ނުވެއްޓުނީވެސް ޝިފާން އޭނާ ހިފެހެއްޓިކަމުންނެވެ. އެކަމަކު ސިޔާދާ މަޑުމަޑުން ބިންމައްޗަށް ތިރިވާން ފެށުމުން ޝިފާން ފުންމައިގެން ތެދުވެ ސިޔާދާ ހިފެހެއްޓިއެވެ. އަދި އަތުލަފިކޮށް އެނދުގައި ބޭއްވިއެވެ. އޭރު ސިޔާދާގެ ނޭވާ ދިޔައީ ކުރުވަމުންނެވެ. ހަށިގަނޑުގެ ހަރަކާތް ހުސްވަމުންނެވެ.
"ސިޔާ" ޝިފާން ބިރުގަތެވެ. ސިޔާދާއަށް ވާގޮތް ފެނިފައެވެ. ސިޔާދާ އަކީ، ވަރަށް ހިތްބަލި ކުއްޖެއްކަން ޝިފާންއަށް އެނގެއެވެ. ރައްޓެހިވެގެން އުޅުނު 2 އަހަރުގެ ތެރޭގައިވެސް އޭނާ އެކަން ތަޖުރިބާކުރިއެވެ. އެކަމަކު މިހާކުޑަކުޑަ ކަމަކުން ސިޔާދާއަށް އަސަރެއް ކުރާނޭ އޭނާއަށް ހީނުވީއެވެ.
ސިޔާދާގެ ނޭވާ ހުސްވީ ޝިފާން ބަލަންހުއްޓައެވެ. މަޑުމަޑުން ހުއްޓެމުން ހުއްޓެމުންގޮސް މީހާ ހުއްޓުނީއެވެ. ޝިފާން ހުރީ ހަދާނެގޮތެއް ނޭނގިގެން އެނބުރި އެނބުރިއެވެ. އެއްފަހަރު ސިޔާދާގެ އަތުގައި ހިފާލާނެއެވެ. އަނެއްފަހަރު ކޮލުގައި ޖަހާލައި ގޮވާލާނެއެވެ. ސިޔާދާގެ ހަށިގަނޑު މުޅިން ހިމޭން ވުމާއި އެކު، ޝިފާންއަށް ސިޔާދާގެ ގައިގައި ބައްދައިގަނެވުނެވެ. ބާރަށް ރޮއެގަނެވުނެވެ. އޭނާގެ ހިތަށް ކުރި އަސަރުންނެވެ.
"ބަހާ" ކުއްލި އަކަށް ސިޔާދާވެސް ފެށީ ހޭށެވެ. ޝިފާން ހައިރާންވެގެން ދެލޯ ބޮޑުވީއެވެ. މިއީ ސަމާސާއެއް ކަމުގައި އޭނާއަށް ޤަބޫލު ކުރަން ދަތިވީއެވެ. އަތުގެ ތެރޭގައި އޮތް ސިޔާދާގެ މޫނަށް ޝިފާން ބަލާލިއެވެ. އޭނާ ހޭތީއެވެ. މިފެންނަނީ ހުވަފެނެކޭވެސް އޭނާގެ ހިތަށް އެރިއެވެ.
"އޭތް! ދެން ތިކަހަލަ ސަމާސާ ނުކުރައްޗޭ! އަހަރެން މަރުވެދާނެ" ސިޔާދާގެ ނިއްކުރީގައި ބޮސްދެމުން ޝިފާން އެހެން ބުނި އިރު އޭނާގެ ލޮލުން ހުރީ ކަރުނަ ފޭދިފައެވެ. ލޯބީގެ އަސަރުގަދަ ޖަޒުބާތުގައި ޖެހިގެންނެވެ. އެހެން ނުވާންވީ ސަބަބެއް ނެތެވެ. އެދެމީހުންގެ އަލަތު ކައިވެނީގެ ފުރަތަމަ ރޭ އަދި އެނިމުނީއެވެ. އެގުޅުމުގެ ފުރަތަމަ ދުވަހަށް އެރި އިރު އަދި ހަމަ ކިރިޔާ ފެނުން ތޮޅެލީއެވެ.
މީހަކު ބޭރުން ކޮޓަރީގެ ދޮރުގައި ޓަކިޖަހާލުމުން އެކަތިގަނޑަކަށްވެފައި ތިބި ދެ ފުރާނައިން ދެހިޔަނި ފާޅުވެއްޖެއެވެ. ތެދުވެގެން ދޮރާއި ދިމާއަށް ހިނގައިގަންނަމުން ސިޔާދާ ފަހަތަށް އެއްލި އިސްތަށިގަނޑުޖެހުނީ ޝިފާންގެ މޫނުގައެވެ. ގުރެނިއާ ޝޭމްޕޫގެ މީރު ވަހާއި އެކުލަވާފައިވާ ހުވަނދުމާ ތެލުގެ މީރުވަސް އެއިސްތަށިގަނޑުން ޝިފާނަށް އިހްސާސް ކުރެވުނެވެ.
"ދޮންބޭ! އިރުއެރިއްޔޭ! ތެދުވޭ! ތެދުވޭ!" ސިޔާދާ ހުޅުވާލި ދޮރުން ވަދެގެން އައީ ގޭގައި އުޅޭ ކުޑަކުދިންގެ ފައުޖެވެ. އުމުރުން 14 އަހަރުން ފެށިގެން ފަސް އަހަރާއި ދެމެދުގެ ފަސް ކުދީންނެވެ. އެއީ ޝިފާންގެ ބޭބެ އާއި ދައްތަގެ ކުދީންނެވެ. އެއްގޭގައި އެއާއިލާ ދިރިއުޅެނީ ނުހަނު އުފަލުގައެވެ. ހުރިހާ ކުދިންނާއި އެކު ތުނޑީ ފިނޮޅަށް މިއަދު މޫދަށް އެރެން ދާނެ ވާހަކަ ޝިފާން ބުނެފައި އޮތުމުން ކުދިވެރީން ރޭގައި ނުވެސް ނިދާކަހަލައެވެ. ހުރިހާކުދީން އައިސް އެރީ އެނދަށެވެ. ޝިފާން ހިރިލާނެ ތަންވަޅެއްވެސް ނުދެއްކިއެވެ.
"ދޮންބޭ! މިއޮތީ މަދިރިއެއް ހަފާފަ" ޝިފާންގެ ކަރު ދަށުގައި ހުރި ރަތްކަން ފެނިފައި 6 އަހަރުގެ ޝަފްނާ ބުނީ އެހެނެވެ. ޝިފާންވީ ފާޑެއްގެ ރަތްކެކެވެ.އޭނާ ބަލާލީ ސިޔާދާގެ މޫނަށެވެ. ލާނެތް ގޮތަކަށް ހީނގަނެގެން ހުޅުވިފައި ހުރި ކޮޓަރީގެ ދޮރުފަތުގައި ހިފަހައްޓާލައިގެން ސިޔާދާ ހުއްޓެވެ. އެހެން ހުރެފައި އަތްދިއްކޮލައި ހަރުން ތުވާލި ނަގާފައި ސިޔާދާ އެއްލީ ޝިފާނާއި ދިމާއަށެވެ. ސިޔާދާ އެއްލި ތުވާލި ކަރުމަތިން ހަށިގަނޑު ނިވާވާގޮތަށް ވައްޓާލައިގެން ޝިފާން އަވަހަށް ތެދުވީ ފާހާނާއަށްދާށެވެ.
"ހުރިހާ ކުދިން ސައިބޮއެގެން، މޫދަށް. ދޮންބެ މިރެޑީވަނީ" ޝިފާން އެހެން ބުނުމާއި އެކު، "ޔޭ" އޭ ކިޔާފައި ހުރިހާކުދިންތައް އަނެއްކާ ކޮޓަރީ ނުކުތުމަށް ދުއްވައިގަނެފިއެވެ. ކޮންމެ ކުއްޖަކުވެސް އުޅެނީ އެއްކުއްޖަކަށްވުރެ ކުރީން އަނެއް ކުއްޖަކު ނުކުންނާށެވެ. އެވެސް ނުހަނު އުފާވެރި މަންޒަރެކެވެ.
ޝިފާން ފާޚާނާއަށް ވަނުމުން އެނދުތަންމަތި އަޅާލާފައި، ސިޔާދާ ދިޔައީ ބަދިގެއަށެވެ. އައުގެއަކަށް އައު ބައެއްގެ ތެރެއަށް އާދެވުމުން އޭނާ ހުރީވެސް ކޮންމެވެސް ވަރަކަށް ފަސްޖެހި ލަދުގެންފައެވެ. އެހެނީ އެގޭގެ ކޮންމެ އެއްޗެއް އަދި އޭނާއަށް ނުހަނު އަލެވެ. ގޭތެރޭގެ ތަރުތީބުތަކާއި އުސޫލާއި ޤަވާއިދުތަކެއް އޭނާއަކަށް ނޭނގެއެވެ. އެކަންކަން ވަގުތާއި ފާއިތުވަމުންދާ ވަގުތާއި އެކު އޭނާ ވާނީ ދަސްކުރާށެވެ.
ސިޔާދާ ބަދިގެއަށް ވަތް އިރު މައިދައިތަ އާއި ޝިފާން އާއި އެއްބަނޑު އެއްބަފާ ދެ އަންހެނުން އުޅެނީ ބަދިގޭތެރޭގައި އެއްޗެހި ހަމައަކަށް އެޅުވުމުގައެވެ. ކުރީރޭ ޕާޓީގައި ބޭނުން ކުރި ބޮޑެތި ތެލިތަކާއި ކާތަށިތަކާއި އޫސަމްސާތައް ދޮވެ ސާފުކޮށް ހިއްކައި ފޮށި ފޮށިގަނޑަށް އެޅުމުގައެވެ. ފަތިސް ނަމާދު ކުރިގޮތަށް އެމީހުން އެމަސައްކަތް ނުފެށިނަމަ މިހާރު އެމަސައްކަތުގެ ބޮޑުބައެއް ނިމިފައި ނެތީސްކަން ސިޔާދާއަށް އެނގުނެވެ. އޭނާ ލަދުގަތެވެ. ގޭގެ ހުރިހާ އަންހެނުން އެމަސައްކަތުގައި އުޅޭ އިރު އެކަމުގައި ބައިވެރިވާން އޭނާއަށް ނުނުކުމެވުނީމައެވެ.
"ސިޔާދާ އާއި ޝިފާން ކުދި ވެރިން ގޮވައިގެން ފިނޮޅަށް ދާވާހަކަ ބުނި ފަހުން ރޭ އެކުދިން ނުވެސް ނިދާ" ސިޔާދާ ބަދިގެއަށް ވަނުމުން ޝިފާންގެ ދައްތަ ސަފްނާ ބުންޏެވެ. ޖަވާބުގައި ސިޔާދާ ހީލީއެވެ. އިތުރަށް ބުނާނެ އެއްޗެއް އޭނާއަކަށް ނޭނގުނެވެ. ރޮށިފިހެ ރިހަ ކައްކައި ސައިވެސް ހަދާފައި ހުރުމުން ސިޔާދާ ހައިރާންވި އެވެ. އޭރު އަދި ކިރިޔާ 6:30 ވީއެވެ.
"މަންމަ، ހާދަ އަވަހަކަށް ސައިހެދި ދުވަހެއް" ސިޔާދާ އެހެން ބުނީ މައިދައިތައަށް ބަލާލުމަށް ފަހުގައެވެ. އެމީހުންގެ މަސައްކަތަށް ތައުރީފު ކުރާ މޭރުމުންނެވެ. އަދި އެއީ އޭނާވެސް ތަބާވާންޖެހޭނެ އުސޫލުތޯ ޔަޤީން ކޮށްލުމުގެ ގޮތުންނެވެ.
"ދަރިފުޅުމެން ކުދިވެރިން ގޮވައިގެން ދާވާހަކަ ބުނީމަ މަންމަ ފަތިސް ނަމާދުކޮށްލައިގެން ތިޔަކަން ކުރީ. މިގޭގައި އާއްމުކޮށް ސައިބޯނީ އަށެއް ނުވައެއް ޖަހާލާ ހާއިރު." މައިދައިތަ ހިނިތުންވެލާފައި ސިޔާދާއަށް ޖަވާބު ދިނެވެ.
ހުރިހާ ކުދިން ގޮވައިގެން ސިޔާދާ އާއި ޝިފާން ގެއިން ނުކުތީ ތުނޑިއަށް ދާށެވެ. އެކުދިންގެ ތެރޭގައި އެކަނި މޫދު ތެރޭގައި ނޫޅެވޭ ކުއްޖަކަށް ހުރީވެސް އުމުރުން ފަސް އަހަރުގެ ނަވީން އެވެ. ރަށްފުށުގައި އުޅެ ބޮޑެތިވަމުން އަންނަ ކުދިންނަށް ވުމާއި އެކު ދެންތިބި ހުރިހާ ކުދިންނަށްވެސް ކޮންމެވެސް ވަރަކަށް ފަތަން އެނގެއެވެ. އެންމެ ބޮޑަށް ހުރި 14 އަހަރުގެ ނަޒީމް ޝިފާން އަށްވުރެވެސް ރަނގަޅަށް ފަތަން ދަންނާނެއެވެ.
އޭރު ދުވާލުގެ ރަން އަވިން ޖައްވުގައި ވަނީ ރަނުގެ ދޫލައެއް ފަތުރާފައެވެ. ހޫނުކަމެއް ނެތް އެ ރަން އަވިން މުޅި ރަށުތެރެއަށް ވަނީ އަރާމް ހިތްހަމަޖެހުމެއް ވެރި ކުރުވާފައެވެ. އުފާވެރިދުވަހެއްގެ ފެށުމެވެ. އެހެން ދުވަސް ދުވަސްތައް ފަދަ އުފާވެރި ހިމޭން ދުވަހަކަށެވެ. މަސްވެރިން މަހަށް ފުރައިފިއެވެ. ފަރުވެރިން ފަރުމައްޗަށް ހިނގައްޖެއެވެ. ފަނާއި ދަރު ހޮވާ މީހުން ވަލަށް ވަދެއްޖެއެވެ.
ކުދީންތައް އަތުލަވައިގެން މަގުމަތީގައި ބޯޅަތަޅަމުން ހެމުން މަޖާކުރަމުން ޝިފާން ކުދިންތައް ގޮވައިގެން ތުނޑީގެ ވެލިގަނޑުމައްޗަށް ނުކުމެއްޖެއެވެ. ސިޔާދާ ހުރީ ނަވީން އުރާލައިގެންނެވެ. ގޭގައި އުޅޭ އިބްރާހިމްބޭ ވެސް ބަރޯއަށް އަޅައިގެން ގެނައި ބަންދުކޮށްފައި ހުރި ހެނދުނުގެ ނާސްތާގެ ޕާރްސަލްތަށި ތަކާއި ފެންފުޅިތައް، ކުރެދި ގަހެއްގެ ބުޑުގައި ކުނާ ފަތުރައި ބެހެއްޓުމަށް ފަހު އެނބުރި ދިޔައީ އެއްގަމަށެވެ.
ކުޅެން ނުކުތުމުގެ ކުރިން އެންމެން ސައިބޯން ސިޔާދާ އިރުޝާދު ދިން ނަމަވެސް ޝިފާން އެއަޑެއް ނޭހިއެވެ. އެތައް ޒަމާނެއް ވަންދެން މާލޭގައި އުޅުނު ޝިފާންއަށް ރަށުގެ ހިތްގައިމު މޫދު ފެނުނީމާ ކެތް ނުވީއެވެ. ހީވަނީ ހުރިހާ ކުދިންނަށް ވުރެވެސް އޭނާ ކުޑަ ހެންނެވެ.
ނަވީންއަށް ކާންދޭން އޭނާ އުނގަށް ލައިގެން ސިޔާދާ އިނީ ކުރެދި ގަސްދަށުގައެވެ. ދިޔަވަރު ހިކި ފަރުގެ ގާތަށްވެސް ފެންނަން އޮތުމާއި އެކު، ޝިފާން އާއި އެހެން ކުދިން މޫދަށް އެރުނީ ތުނޑީ ފިނޮޅުގެ ބޭރަށް އޮތް ވިލުދޮޅިއަށެވެ. އެމީހުން އެތަނުގައި މަޖާކޮށް ހަޅޭލަވާ ހަދާއިރު އެމަންޒަރުބަލަށް ދުރުގައި ސިޔާދާ އިނެވެ.
ފަރުމަތިން ހުދު ފޮނުޖަހާފައި އަންނަ ތިރިތިރި ރާޅެއް ސިޔާދާގެ ލޮލުގައި އަޅައި ގަތީ، މަތިންދާ ބޯޓެއްގެ އަޑު ކަހަލަ އަޑެއްގެ ތެރެއިންނެވެ. ކުނާ މަތީގައި ނަވީން ބައިންދާފައި ދެފަސް ބެދުނު ހިސާބަށް ސިޔާދާ ފޭބީ އާދަޔާ ޚިލާފް ކަމެއް އިހްސާސް ވާތީ، ޝިފާންއަށް ގޮވާށެވެ. ޝިފާންއަށް ގޮވަމުން ސިޔާދާ ފިނޮޅާއި ދިމާއަށް ހިނގަމުން އަތް ހޫރަމުން ދިޔައިރު، މޫދުގައި މަޖަލުގެ ތެރެއަށް ގެނބިފައި ތިބި އެމީހުންނަށް ހިލަމެއް ނުވެއެވެ.
ނަވީން ކޮބައިތޯ އެނބުރިލި އިރު، ކުރެދި ގަހުގެ އެއްގަމަށް ހުރި ބޮޑު ބިޔަ ކާނިގަހުގައި އެލުވާފައިވާ، ވަލުން ހަދާފައިވާ ހަރުގަނޑުން ނަވީން މައްޗަށް އަރާތަން ފެނިފައި ސިޔާދާގެ މޭގަނޑު އަނގައަށް ނައީ ކިރިޔާއެވެ. އެއްގަމަށް ދުއްވައި ގަންނަން އުޅެފައި ސިޔާދާ އަނެއްކާވެސް މޫދާ ދިމާއަށް ބަލާލިއިރު އޭނާއަށް ފެނުނީ، ސިކުނޑި އުދުހިގެންދާ ވަރުގެ ބިރުވެރި މަންޒަރެކެވެ. ތިލަފަޅު ތެރޭ ފޮނުޖަހާފައި އަންނަ ތިރި ތިރި ރާޅުގެ ފަހަތުން މާސިންގާ ބޮޑު ބިޔަ ރާޅެއް އުފުލެމުން އަންނާތީއެވެ.
ސިޔާދާ އެނބުރި އެއްގަމަށް ބަލާލިއިރު ނަވީން ގަހުގެ ގޮފިގަނޑަށް އަރައިފިއެވެ. ދުއްވައިގަންނަންވީ ކޮންކޮޅަކަށް ކަން ނޭނގިފައި ހުރި ސިޔާދާ އެއްގަމަށް ދުއްވައި ގަތީ ގަހަށް އަރައި އޮތް ކުޑަ ކުޑަ ނަވީން ގޮފިގަނޑުން ކައްސާލައި އޭނާ ދެއަތުން ހިމަ ގޮފިގަނޑެއްގައި ހިފެހެއްޓިތަން ފެނިފައެވެ.
ސިޔާދާ ބާރަށް ހަޅޭލަވައިގެންފައި އެއްގަމަށް ދުއްވައި ގަތުމުން، މޫދުތެރޭގައި ތިބި ކުދީންނާއި ޝިފާންވެސް އެއްގަމަށް މޫދުން އަރަން ފަތައިގަތެވެ. ހުރިހާކުދިން އެކުގައި ގޮވައިގެން އެދިގު ފިނޮޅުމަތިން ޝިފާންއަށް ދުވެވެމުން އައި ބާރަކަށް ދުވަމުން އައީ، ރާޅުފެނިގެން ނޫނެވެ. ސިޔާދާ ހަޅޭލަވައިގެންފައި އެއްގަމަށް ދުއްވައިގަތްތަން ފެނުމުންނެވެ. މަޑުފަސްގަނޑުގެ ތެރޭން ނުދުވެވި ހަ އަހަރުގެ އަލްޔާން ވެއްޓެން ފެށުމުން އޭނާ ގޮވައިގެން ދާން ޝިފާން އާއި އެހެން ކުދިން މަޑުކޮށްލި ވަގުތު ރާޅުއެއައި ބާރު މިނުގައި އެމީހުންގެ ކުރިމަތިން ފިނޮޅު ގިރާލައި ރަށާއި ވަކިކޮށްލައިފިއެވެ.
ފަހަތް ބަލާލުމެއް ނެތި ދުވެފައި ދިޔަ ގޮތަށް ސިޔާދާ ވަލުން ހަދާފައިވާ ހަރުގަނޑުން މައްޗަށް އެރީ ރާޅު އަންނާތީއެއް ނޫނެވެ. ގަހުގެ ގޮފިގަނޑުގައި އޮތް ނަވީން ސަލާމަތް ކުރާށެވެ. ސިޔާދާ އަށް ނަވީން އޭނާގެއަތުތެރެއަށް ގެނެސް މޫދާއި ދިމާއަށް ބަލާލެވުނު އިރު ޝިފާން އާއި ދެންތިބި ކުދިން ފިނޮޅުމަތީގައި ތިބީ އެންމެ އެކަތިގަނޑެއްހެން ބައްދައިގަނެގެންނެވެ. އޭރު ރާޅާއި އެކު ގަދަ އޮއެވަރު ޖެހި ފިނޮޅު ގިރާލައިފިއެވެ. ސިޔާދާ ބަލަ ބަލައި ހުއްޓައި ޝިފާން އާއި ކުދީން ލޯމަތިން ގެއްލި މޫދުގެ ތެރެއަށް ގެނބިއްޖެއެވެ. ސިޔާދާއަށް އެއްވެސް ކަމެއް ނުކުރެވުނެވެ. މަންޒަރުބަލަން ރޮއެ ރޮއެ ހުރުން ފިޔަވައެވެ. ބޮޑުވެގެން އައި ރާޅުގައި ރަށު ބައެއް ހިސާބުތަކުގައި ލޮނުގަނޑު ފެތުރިއްޖެއެވެ.
ލޮނުގަނޑު ރަށުތެރެއަށް މާބޮޑަށް ނުފެތުރުނު ނަމަވެސް ގޭގެ މީހުންނާއި ރަށުގެ ބައެއް މީހުންވެސް ތުނޑިއަށް އައީ ޝިފާންމެން ތުނޑިއަށް އައިކަން އެނގިގެންނެވެ. ރަށަށް ރާޅު ނޭރި ނަމަވެސް ނުރައްކާތެރި ކަމެއް ހިނގީކަން އެނގިގެންނެވެ. އެއީ 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 26 ވަނަ ދުވަހުގެ ސުނާމީގެ ހާދިސާއެވެ.
އެއްގަމުން އައި މީހުން ސިޔާދާ އާއި ނަވީން ގަހުން ބޭލީވެސް އެތައް މަސައްކަތަކުންނެވެ. ސިޔާދާ ބިރުގެންފައި ހުރި ވަރުންނެވެ. ޝިފާންއާއި އަނެއް ހަތަރު ކުދީންނަށް ވީގޮތެއް ނޭނގުނީއެވެ. ރާޅުގެ އޮއެގައި ޖެހި ކަނޑަށް ދަމައިގަތީއެވެ.
އެހާދިސާ ހިނގިތާ އެތައް އަހަރެއް ވެދިޔަ އިރުވެސް ސިޔާދާ ހުރީ ގަބުވެފައެވެ. މީހާ ގަނޑުވެފައެވެ. އޭނާއަށް އެކައްޗެއްވެސް ހަނދާން ނުވަނީ އެވެ. ނުވިސްނެނީއެވެ. އަލަތުގައިވެނީގެ ފުރަތަމަ ރެއަށް ފަހު އޭނާގެ ހަޔާތުގައި ނަސީބުގެ ތަރި އޮއްސުނީއެވެ. އުދަވެގެން އައި އެންމެ ރާޅެއްގެ އޮއެގައި އޭނާގެ ހުރިހާ އުއްމީދަކާއި މުޅި ހަޔާތް އޮޔާލެވުނީއެވެ. އެކަމަކު ސިޔާދާ އަކީ އެއޮއެގައި ދިރިއުޅުން އޮޔާ ދިޔަ ހަމައެކަނި މީހާއެއްނޫނެވެ. އެކަމެއް ސިޔާދާއަކަށް މިއަދަކު ނޭނގެއެވެ. ނުވިސްނެއެވެ. އޭނާގެ ސިކުނޑީގައި އެފަދަ ވިސްނުމުގެ ބާރެއް ނެތީމައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް