މިއަދު ހަވީރުއްސުރެ ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުން ކެނޑުނު ކަރަންޓު އަލުން ދީފިއެވެ.
ސްޓެލްކޯއިން ދެންމެ ބުނެފައިވަނީ ކަރަންޓު ދެވުނީ ވަގުތީ އާރުއެމް ޔުނިޓެއް ބަހައްޓައި ސްޓެލްކޯގެ މުވައްޒަފުން ކެނޑިނޭޅި ކުރި ބުރަ މަސައްކަތުން ކަމަށެވެ.
"ހިޔާގެ ކަރަންޓުގެ ހިދުމަތް މެދުކެނޑުނު ހުރިހާ ޓަވަރަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައި. ދިމާވި ދަތިތަކަށް މާފަށް އެދެން." ސްޓެލްކޯއިން ބުނެފައިވެއެވެ.
މިއަދު އިރުއޮއްސުނު ހާއިރު ހިޔާގެ އެޗް އެކަކުން އެޗް އަށަކާއި ދެމެދުގެ ޓަވަރުތަކުން ކަރަންޓު ކެނޑި ކަރަންޓު ނުލިބި ގިނައިރުތަކެއް ފާއިތުވެފައިވާއިރު ކަރަންޓު ދެވިފައިވަނީ މިރޭ 09:30 ހާއިރުގައެވެ.
ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑުނީ ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ ސްވިޗްގިއަރގެ ބަސްބާ ޝޯޓުވުމާއި ގުޅިގެން ކަމަށް ސްޓެލްކޯއިން ކުރިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް