އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވަކި ކުރުން ގޯސްކަމަށްބުނެ ކިޔާ ފާޑުތަކަށް ޕްރައިވަޓައިޒޭޝަން އަދި ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން ރައްދު ދީފިއެވެ.
އެގޮތުން އެ ބޯޑުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް ސަރުކާރުން އައްޔަންކުރާ ފަރާތްތައް އައްޔަންކޮށް ވަކިކުރަނީ އެ ބޯޑުން ފާކޮށްފައިވާ އުސޫލާއެއްގޮތްވާ ގޮތުގެމަތިން ކަމަށެވެ.
" މި އުސޫލަކީ 2013 ވަނަ އަހަރު މި ބޯޑު ފުރަތަމަ އެކުލަވާލެވުނު ދުވަހުން ފެށިގެންވެސްސ އަމަލުކުރަމުން އައި މައިގަނޑު އުސޫލުގެ އަސާސްތަކަށް ބިނާކޮށް، އިތުރަށް ހަރުދަނާކުރުމަށްފަހު، މި ބޯޑުން މިހާރު އަމަލުކުރަމުން އަންނަ އުސޫލެއް" ޕީސީބީން ބުނެފައިވެއެވެ.
ޕީސީބީއަށް ފާޑުކިޔުން އަމާޒުވެފައިވާ މި ދަނޑިވަޅުގައި އެ ބޯޑުން ބުނެފައިވަނީ އެ ބޯޑުން ނިންމާ ކޮންމެ ނިންމުމެއްވެސް ނިންމަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އެންމެހާ ހިއްސާދާރުންނާއި ދައުލަތާއި ރައްޔިތުންގެ މަސްލަހަތު ހިމާޔަތްކުރެވޭނެކަން ކަށަވަރުވާނެހެން، މިނިވަންކަމާއި މުސްތަގިއްލުކަމާއިއެކުގައި ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް އެ ބޯޑުން އަމަލުކުރަމުންދާނީ ގާނޫނާއި ގަވާއިދުތަކާއި އެއްގޮތަށް ކަމުގެ ޔަގީންކަން އަރުވާކަމަށެވެ.
އިތުރަށް ބުނެފައިވަނީ ސަރުކާރުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެންނަމުންދާ ކަންވެސް މައުލޫމާތަށްޓަކައި ދަންނަވާކަމަށެވެ.
އަމްރު ވަކި ކުރުމާއެކު ޕީސީބީއަށް އެންމެ ބޮޑަށް ފާޑުކިޔުން އަމާޒުވެގެންގޮސްފައިވަނީ ޕީސީބީއަކީ ސަރުކާރުން އަންގާހާ ގޮތަކަށް ކަންކަން ނިންމަން އޮންނަ މިނިވަންކަމެއް ނެތް ތަނެއްކަމަށް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް