ހިޔާ ފްލެޓްތަކުގެ ޓަވަރުތަކެއްގައި ހަވީރުއްސުރެ ކަރަންޓު ކެނޑިފައިވާއިރު ކަރަންޓު އަލުން ދެވޭވަރު ވާނީ 10 ޖަހާ އެހާކަންހާއިރުކަމުގައި ސްޓެލްކޯއިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައިވަނީ ހިޔާގެ ބައެއް ޓަވަރުތަކުން ކަރަންޓުގެ ހިދުމަތް ކެނޑެން މެދުވެރިވި، ހިޔާގެ ފުރަތަމަ ޓަވަރުގެ މައްސަލަ ދިމާވެފައިވާ ސަބްސްޓޭޝަންގެ އާރްއެމް ޔުނިޓްގެ ބަދަލުގައި އެހެން އާރްއެމް ޔުނިޓެއް ގުޅާ އެ ސަބްސްޓޭޝަންގެ ކޭބަލްތައް އައު އާރްއެމް ޔުނިޓަށް ބަދަލުކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.
"ހިޔާގެ ފުރަތަމަ ޓަވަރުގެ ސަބްސްޓޭޝަންގެ އާރުއެމް އަށް ގުޅާފައިވާ ކޭބަލްތައް ނެއްޓުމުގެ މަސައްކަތް ކުރިއަށް ދަނީ. ޓަވަރުތަކަށް ކަރަންޓު ދިނުމަށްޓަކައި އާރުއެމްގައިވާ ޖުމްލަ 9 ކޭބަލް ނެއްޓުމަށްފަހު އައު އާރއެމް ޔުނިިޓާ ގުޅާލަންޖެހޭ" ސްޓެލްކޯއިން ބުނެފައިވެއެވެ.
ހިޔާ ފްލެޓްތަކުގެ އެޗް އެކަކުން އަށަކާއި ދެމެދުގެ ފްލެޓްތަކުން ކަރަންޓު ދިޔައީ އިރު އޮއްސެން ގާތްވެފައިވަނިކޮށެވެ. އެ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުން މިއަދު ރޯދަ ވީއްލީ ކަނު އަނދިރީގައެވެ.
ހިޔާ ފްލެޓްތަކުން ކަރަންޓު ކެނޑި ގިނަ އިރުތަކެއް ވެފައިވާއިރު މީގެ ކުރިންވެސް ފްލެޓްތަކުން ކަރަންޓު ކެނޑި ކަރަންޓު ނުލިބި ގިނަ އިރުތަކެއް ހޭދަކުރަން ޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް