ނޮވެމްބަރު ތިނެއްގައި މައުމޫންގެ ސެކިއުރިޓީ ބެލެހެއްޓި ވާފިރު އަވަހާރަވެއްޖެ

ނޮވެމްބަރު ތިނެއް 1988 ގައި ތަމަޅަ ޓައިގަރުން މާލެ އަރައި ހަމަލާ ދެމުންދިޔަ ވަގުތު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާއަށް ސެކިއުރިޓީ ދެއްވި އެއް ބޭފުޅާ ކަމަށްވާ މޭޖަރ ރިޓަޔާޑް އަހްމަދު ވ...

27 Mar 2023 | 10:42

ނޮވެމްބަރު ތިނެއް 1988 ގައި ތަމަޅަ ޓައިގަރުން މާލެ އަރައި ހަމަލާ ދެމުންދިޔަ ވަގުތު އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އާއިލާއަށް ސެކިއުރިޓީ ދެއްވި އެއް ބޭފުޅާ ކަމަށްވާ މޭޖަރ ރިޓަޔާޑް އަހްމަދު ވާފިރު (ދޮންއެނބޫ) އަވަހާރަވެއްޖެއެވެ.

އުމުރުފުޅުން71 އަހަރުގައި ދޮންއެނބޫ އަވަހާރަވީ އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި އެވެ. ވާފިރުގެ ޖަނާޒާ ބާއްވާފައިވަނީ މިއަދު އަސަރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.

ވާފިރު އެ ދުވަހު ސަލާމަތީ ކަންކަން ބެލެހެއްޓެވީ ރައީސް މައުމޫނާއި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް އަދި ދަރިކަލުން ގައްސާން މައުމޫންގެ އެވެ. އެ އާއިލާ ތީމުގެއިން ނުކުމެގެން ގޮސް ގުލިސްތާނު ގެއަށް ވަޑައިގެން އެގޭގައި ތިއްބެވި ހުރިހާ ވަގުތެއްގައިވެސް ސެކިއުރިޓީގެ ކަންކަން ބެލެހެއްޓެވި ބޭފުޅުންގެ ތެރޭގައި ދޮންއެނބޫ ހިމެނެ އެވެ.

ވާފިރު އަވަހާރަ ވުމާއި ގުޅިގެން ގުރައިދޫ ދާއިރާގެ މެމްބަރުކަން މިހާރު ކުރައްވަމުން ގެންދަވާ ގައްސާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ދޮންއެނބޫއަކީ ގައުމީ ބަތަލެއް ކަމަށެވެ. އެމަނިކުފާނުގެ ހިތްވަރާއި އަޒުމް ފެނިވަޑައިގެންފައިވާ ކަމަށް ގައްސާން ވިދާޅުވި އެވެ.

އަދި އާއިލާއަށް ތައުޒިޔާ ވިދާޅުވެފައިވެ އެވެ.

ދޮންއެނބޫ ޝަރަފުވެރިކަމާއެކު ސިފައިންގެ ޚިދުމަތުން ރިޓަޔާ ކުރެއްވީ 22 ޖަނަވަރީ 2012 ގައެވެ. އެމަނިކުފާނު ސިފައިންގެ ޚިދުމަތުގައި 41 އަހަރާއި 9 މަހާއި 16 ދުވަހު ވަނީ ހިދުމަތް ކުރައްވާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް