ކުރުވާހަކަ: ލައުނަތް

ޒޫޝާންއަށް މޫނު ބަލާ ލޯގަނޑުން އޭނާގެ ސޫރަ ފެނުމާއި އެކު، ލަވައިގަތީ ހަޅޭކެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ބިއްލޫރި ސެންޓްފުޅިން ޖެހި ޖެހީނުން އޭނާ ޑްރެސިންގ ޓޭބަލްގެ ބިއްލޫރި ގަނޑު ތަޅާލައިފިއެވެ....

27 Mar 2023 | 10:24

ޒޫޝާންއަށް މޫނު ބަލާ ލޯގަނޑުން އޭނާގެ ސޫރަ ފެނުމާއި އެކު، ލަވައިގަތީ ހަޅޭކެވެ. ޑްރެސިންގ ޓޭބަލް މަތީގައި ހުރި ބިއްލޫރި ސެންޓްފުޅިން ޖެހި ޖެހީނުން އޭނާ ޑްރެސިންގ ޓޭބަލްގެ ބިއްލޫރި ގަނޑު ތަޅާލައިފިއެވެ. އޭނާ ބާރަށް ރޯންފެށިއެވެ. ގިސްލާންފެށިއެވެ. އެނބުރިލީ ވަގުތު އަލަމާރީގައި ހުރި ލޯގަނޑުން ޒޫޝާން އަށް އޭނާގެ ސޫރަ ފެނުނެވެ. ދެންވެސް އޭނާ ލަވައިގަތީ ހަޅޭކެވެ. ޑްރެސިންގ ޓޭބަލްމަތީގައި އޮތް ބިއްލޫރި ބަރުން އެއްލައި އެލޯގަނޑުގައި ޖެހިއެވެ. އެއާއި އެކު އަލަމާރީގެ ބިއްލޫރިތައްވެސް ފުނޑުފުނޑުވެގެން ހިނގައްޖެއެވެ.

"ހެޔޮނުވާނެ އޭނާ ހިފަހައްޓަބަލަ!" ކޮޓަރީގެ ތެރެއިން އެއްޗެހިތައް ތަޅާއަޑު އިވެން ފެށުމުން ޒޫޝާންގެ ބައްޕަ ޒަމީރުގެ ގާތުގައި ނަފީސާ ބުންޏެވެ.

ނަފީސާއަކީ ޒޫޝާންގެ މަންމައެވެ. އެކަމަކު މަންމަ އަކަށްވުރެ ބޮޑަށް އެއީ ދޮންމަންމައެކެވެ. ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމަކީ މަންމަގެ ޒިންމާއެއް ނަމަވެސް އެކަމުގައި ނަފީސާގެ އިހުމާލުވުން ބޮޑެވެ. އޭނާ ޒޫޝާން ވިހޭކަން އެކަންޏެވެ. ދެން އޭނާގެ ހުރިހާކަމެއް ކުރީ ގޭގައި ގެންގުޅުނު ބިދޭސީ އަންހެން މީހާއެވެ.

ޒޫޝާންގެ މުޅި ހަޔާތް ވަނީ ބަރުބާދުވެފައެވެ. ދިރިހުރުމަށްވުރެ ބޮޑަށް އޭނާ ބޭނުންވަނީ މަރުވާށެވެ. އަމިއްލައަށް މަރުވާން ކިތަންމެ ފަހަރަކުވެސް އޭނާ މަސައްކަތް ކޮށްފިއެވެ. އަމިއްލައަށް މަރުވާންވެގެން އޭނާ ދަންޖެހިފައި ހުއްޓައި ފެނި ސަލާމަތްކޮށްގެން ހޮސްޕިޓަލަށް ގެންދިއަކީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރީންނެވެ. މިއަދަކީ އޭނާ ގެއަށް ދޫކޮށްލިދުވަހެވެ.

"ވަދެ ބަލަ އޭނަ ހުއްޓުވަން. އޭނަ އަމިއްލައަށް މަރުވެސް ވެދާނެ" އަނެއްކާވެސް ކެތް ނުވެގެން ނަފީސާ ބުންޏެވެ. އޭރުވެސް ޒޫޝާންގެ ކޮޓަރީތެރެއިން އިވެނީ އެއްޗެހިތައް ތަޅާ އަޑެވެ.

"ބަހައްޓާ! ހިތުގައި ހުރި ނުތަނަވަސްކަމާއި ހިތާމަ އޭނާ ބޭރުކުރިޔަދީ" ޒަމީރު ފުންނޭވާއެއްލިއެވެ.

އެންމެފަހުން ނަފީސާއަށް ކެތްނުވެގެން އެކޮޓަރީގެ ތެރެއަށް ވަނެވެ. އޭރު މުޅި ކޮޓަރީގެ ތެރޭގައި އޮތީ ހުސް ބިއްލޫރިއެވެ. ޒޫޝާން އިނީ އޭނާގެ ފޮޓޯ އަލްބަމް ހިފައިގެން އެނދުމަތީގައެވެ. އޭނާ ދިޔައީ އެއަލްބަމުގައި ހުރި އޭނާގެ ފޮޓޯ ތަކުން ފަހަރަކު ފޮޓޯއެއް ނަގައި ވީދަމުންނެވެ. އުކަމުންނެވެ. އޭރުވެސް ޒޫޝާންގެ ލޮލުން ކަރުނަތައް ފައިބަމުން ދިޔައެވެ.

"ދަރިފުޅާ!" ވޭނާއި ރިހުން އެކުލެވިފައިވާ އަޑަކުން ނަފީސާ ޒޫޝާންއަށް ގޮވާލިއެވެ.

"ނުކުމޭ! ދާން އުޅޭ! އަހަރެން އެކަކުވެސް ބޭނުމެއް ނޫން!" ޒޫޝާން އޭނާގެ މަންމަ ނަފީސާ އާއި ދިމާއަށް ހަޅޭލަވައިގަތެވެ.

"ދަރިފުޅާ ކެތް ކޮށްބަލަ! ހިއްވަރުކޮށްބަލަ!" ނަސޭހަތާއި އާދޭހުގެ ރާގެއްގައި ނަފީސާބުންޏެވެ.

"ބަލާބަލަ! އަހަރެންގެ ސިފަ ބަލާބަލަ! މިފޮޓޯތައް ބަލާބަލަ! ނުފެނޭތަ! ކިހިނެއް ކެތްކުރާނީ" ޒޫޝާން ރޮއިގަތެވެ.

ނަފީސާ އައިސް އެނދުގައި ޒޫޝާންގެ މަގަތުން އިށީނެވެ. އަދި ޒޫޝާންގެ އަތުގައި އޮތް އަލްބަމަށް ބަލާލިއެވެ. އެއިން ފެންނަން އިނީ ޒޫޝާން އާއި ސިނާންގެ ކައިވެނީގެ ރޭ ނަގާފައިވާ ފޮޓޯއެވެ. އެފޮޓޯގައި ޒޫޝާން ފެންނަނީ ހުދު ހެދުމުގައި ހުރި ޕަރީއެއް ހެންނެވެ. ފަލަކުގައި ވިދާ ބަބުޅާ ގުރަހައެއް ހެންނެވެ. އުފާވެރި ހިނިތުންވުމެއް އޭނާގެ މޫނުގައި ހުއްޓެވެ.

ފޮޓޯއަށް ބަލާލުމަށްފަހު ނަފީސާއަށް ބަލާލެވުނީ ޒޫޝާންގެ މޫނަށެވެ. އެއާއި އެކު އޭނާވެސް ފެންކަޅިވިއެވެ. ދެންދުވަހަކުވެސް ޒޫޝާންގެ މޫނަކުން ހިނިތުންވުމެއް ނުފެންނާނެއެވެ. ތުންފަތަށް ހިނިތުންވުމެއް ވެރިއެއް ނުވާނެއެވެ. އެހެނީ ނެތް އެއްޗަކުން ފާޅުވާނެ އަސަރެއް ނޯންނާނެތީއެވެ.

ޒޫޝާން ހުރީ ނަފްސާނީ ގޮތުން ބަލިވެފައެވެ. އަމިއްލަ ނަފުސާއި މެދު އުންމީދު ކެނޑިފައެވެ. ދެން ދިރިއުޅޭނެ ހިއްވަރެއް ނެތިފައެވެ. އެހެނީ އޭނާއަކީ މިއަދު އެހެން މީހެކެވެ. ކުރިން އޭނާ ދުށް މީހަކަށް މިހާރު އެއީ ޒޫޝާން ކަމުގައި ޤަބޫލެއް ނުކުރެވޭނެއެވެ.

މިއަދު ޒޫޝާންގެ ރީތިކަމާއި އުފާވެރިކަން ރައްކާ ކުރެވިފައި ވަނީ އޭނާގެ ފޮޓޯ އަލްބަމް ތަކުގައެވެ. އެރީތިކަމާއި އުފާވެރިކަން މިއަދުވެފައި ވަނީ އެނބުރި ނާންނާނެ މާޒީއަށެވެ. އެހެން ކަމުން މިއަދު ޒޫޝާން އަކީ ދިރިހުރީ ހިތާމަޔާއި ހިތްދަތި ކަމާއި މާޔޫސްކަމުގެ ތަސްވީރެއް ފަދައިންނެވެ. އެއްއިރަކު އޭނާ ފެނުމުން މީހުންގެ ހިތަށް އުފާވެރިކަން ވަނަސް މިއަދު ވަންނަނީ ބިރުވެރިކަމެވެ. ދާނީ އޭނާ އާއި ދުރަށެވެ. އެއްއިރެއްގައި އޭނާއަށް ތަޢުރީފާއި ސަނާކީ ދޫތަކުން މިއަދު އޭނާއަށް ދެނީ ލަޢުނަތެވެ.

ނަފީސާ ފަރުވާތެރިކަމާއި އެކު ޒޫޝާންގެ މޫނާއި ހަށިގަނޑަށް ބަލާލިއެވެ. އޭނާގެ މޫނުގެ ހަންގަނޑު ވަނީ އަނދާފައެވެ. ނޭފަތް ހުރިތަނުގައި ހުރީ ވަޅުގަނޑެކެވެ. ތުންފަތްވެސް ނެތް އިރު ދަތްތަކާއި ހިރުގަނޑުވެސް ހުރީ ހާމައަށް ފެންނާށެވެ. ދެލޯ ހުޅުވިފައި ހުއްޓަސް އަނދާފައިވާ ހަންގަނޑަށް އަރާފައިވާ ވާން ކަމުގެ ސަބަބުން ލޮލުގެ ބައްޓަންވެސް ވަނީ ގެއްލިފައެވެ. ކަރުދަށުގެ ހަންތަކަށް ވާންވެ ކަނދުރާ އަނބުރާލަންވެސް އޭނާއަށް ދައްޗެވެ.

ޒޫޝާންއަށް ނަފްސާނީ ގޮތުން އެހާބޮޑަށް ގެއްލުން ލިބުނީ ޝިނާން އޭނާ ވަރިކޮށްލާފައި ދަރިފުޅުގޮވައިގެން ދިޔުމުންނެވެ. އެގޮތަށް އެކަން ނުކުރުމަށް ނަފީސާވެސް އަދި ޒަމީރުވެސް ސިނާން އަށް އާދޭސް ކުރިއެވެ. އެހެނަސް އެއަޑެއް އޭނާ ނޭހިއެވެ. އުޒުރެއް ކަމުގައި ދެއްކީ ކުޑަކުޑަ މައިޝާ ޒޫޝާންދެކެ އިންތިހާއަށް ބިރުގަތުމެވެ. ޒޫޝާން ފެނުނަސް އެކުއްޖާ ވަރަށް ރޯނެއެވެ. ޒޫޝާން އަކީ މަންމަ ނަމަވެސް ސިފަ ހުތުރުވެފައިވާ ޒޫޝާން އަކީ މަންމަ ކަމުގައި ޤަބޫލުކޮށް އެކު އުޅެން ވިސްނޭ ވަރެއް އެޅަ ސިކުނޑިއަކުނެތެވެ.

ޒޫޝާންގެ މޫނު ހަލާކުވީ އެއްދުވަހެއްގެ ހުކުރު ވަގުތުގައި އޭނާ ކާރުގައި ބޭރުގައި އުޅެނިކޮށެވެ. ރޯވާންވީ ސަބަބެއް ނޭނގި ދުއްވާފައި ދިޔަ ކާރުގެ އިންޖީނުގައި ރޯވީއެވެ. އޭނާއަށް ކާރުން ނުކުންނާނެ ވަގުތެއް ނުލިބެނީސް ހުޅުގަނޑު ފެތުރުނީ އެވެ. އަލިފާން ނިވާމީހުން ކިތަންމެ ބާރަށް އައިސް އަލިފާން ނިވާލައި ޒޫޝާން މަރުން ސަލާމަތް ކުރި ނަމަވެސް ހަޤީޤަތުގައި އެދުވަހު އޭނާ މަރުވި ނަމަވެސް މާރަނގަޅޭ މިހާރު ނަފީސާގެ ހިތަށްވެސް އަރައެވެ. ދަރިފުޅު ކުރާ ހިތާމައާއި އަޅާ ކަރުނައާއި އުޅޭ ގޮތް ދެކޭން ކެތްނުވާތީއެވެ.

ނަފީސާ އާއި ޒަމީރުގެ ހުރި ހަމައެކަނި އަންހެން ދަރިއަކީ، ޒޫޝާން ކަމަށްވާތީ، އޭނާގެ ގެއްލުނު ސިފަ އަނބުރާ ހޯދައި ދިނުމަށް އެމީހުން ބޭނުންވިޔަސް އެމީހުންގެ އަތުގައި އެފަދަ އަގުބޮޑެތި ޕްލާސްޓިކް ސާޖަރީތަކެއް ހެދޭނެހާ ތަނަވަސް ކަމެއް މިއަދު ނެތެވެ. ޒޫޝާންއަށް ދިމާވި އެކްސިޑެންޓަށްފަހު އެމީހުންގެ ހަޔާތުގައި އައި ކޮންމެ ދުވަހަކީވެސް ހިތާމައިގެ ދުވަހަކެވެ. ކޮންމެވެސް ދެރަކަމެއް މެދުވެރިވާ ދުވަހެކެވެ. އެންމެ ފަހުން ވިޔަފާރިތައްވެސް ބަނގުރޫޓުވެ ދަރަނިވެރިވެ އަތްމަތި ދަތިވުމުން ދަރިފުޅު ނިމިދާންދެންވެސް އެމީހުން އެތިބެންޖެހެނީ ބަލާށެވެ.

ނަފީސާ ޒޫޝާންގެ ކޮޓަރިން ނުކުތެވެ. އެއަށްފަހު ގެއިން ވެސް ނުކުތެވެ. އޭނާ ހަރުކޮށް ހިނގައިގަތީ، ބަނދަރު މައްޗަށެވެ. އޭނާ އެއްނަމްބަރު ފާލަން ކައިރިއަށް އައީ ހުވަފެންފުށި ރިޒޯޓުން އަންނަ މުވަޒަފުންގެ ފެރީއާއި ދިމާކުރާށެވެ. އެފެރީން ޒޫޝާންގެ ހަޔާތަށް އަލިކަމެއް ހޯދައިދެވޭނެ ވަރުގެ މީހަކު އަންނާނެތީއެވެ.

އެމީހަކީ ނިހާންއެވެ. އޭނާއަކީ ޒޫޝާންދެކެ ނުހަނު ލޯބިވި ޒުވާނެކެވެ. ޒޫޝާންވެސް އޭނާ މޮޔަހައްދައިގެން އެތައް ދުވަހަކު ގެންގުޅުނެވެ. ރައްޓެހިންނާއި އެކު ރެސްޓޯރެންޓަށް ގޮސް ބިލް އަދާކުރަންވީމާ ގުޅާނީ ނިހާން އަށެވެ. ފިލްމަށްދާންވީމާ، ޓިކެޓް ހޯދާނީވެސް އޭނާ އަތުންނެވެ. އޭރު ޒޫޝާން ނިހާން ގެންގުޅުނީ ލޯބިވެރިއަކަށް ވުރެ ބޮޑަށް އޭނާގެ ޚަރަދުތައް ކުރުމަށް ބޭނުން ކުރާ ކޭޝްކާޑެއްގެ ގޮތުގައެވެ. ތަންތަނަށްދާން ބޭނުން ކުރާ ފެރީއެއްގެ ގޮތުގައެވެ.

ބައްޕަގެ ވިޔަފާރި ކުރިއަރައި ފްލެޓްލިބި އަތްމަތި ތަނަވަސްވާގޮތް ވުމުން ޒޫޝާންވެސް ބަދަލުވީއެވެ. އޭނާ ކަހަލަ ރީތި ފަތްމިންޏެއް ކަހަލަ ކުއްޖަކާއި، އެއްލޯ އަވަރު ހަމުގެ ކުލަ ކަޅު ކުއްޖަކާއި ކުފޫ ހަމަނުވީއެވެ. އެގުޅުމުގައި ޒޫޝާން ނިމުމުގެ ސިއްކަ ޖަހާލީ، ކައިވެންޏަށް ނިހާން އެދި އާދޭސް ކުރަނިކޮށެވެ. އޭނާ ނިހާން ފަދަ ސިފަހުތުރު މީހަކާއި އިނދެފިނަމަ މީހުން މަލާމާތް ކުރާނެ ކަމުގައި ބުނަމުންނެވެ.

އެގުޅުމާއި މެދު ނަފީސާ އަށްވެސް ނުރުހެވުނު ހަމަ އެކަނި ސަބަބަކީ އެއެވެ. އެއްލޯ އަވަރު ހަމުގެ ކުލަކަޅު، އަދި އެއްވެސް އެއްޗެއް މާލޭގައި ނެތް ރާއްޖެތެރޭ މީހަކަށް ނިހާން ވުމެވެ. ބައެއް ފަހަރު ނިހާންއަށް އިވޭ ހިސާބުގައި ނަފީސާވެސް މަލާމާތުގެ ބަސްތައް ނިހާންއަށް އިއްވިއެވެ.

ފެރީ ދޯނި ލެފުމާއި އެކު، ކޮނޑުގައި ދަބަހެއް އަޅުވައިގެން އައި ނިހާން ނަފީސާ އާއި އަރާ ހަމަވެފައި ހީލިއެވެ. އިހުތިރާމާއި ލޯތްބާއި އެކުގައެވެ. ފަސްދީ ހިނގައިގަތް ނިހާންގެ އަތުގައި ނަފީސާއަށް ހިފެހެއްޓުނީ ބޭއިހްތިޔާރުގައެވެ. ނިހާންއަށްވެސް ލިބުނީ ހައިރާން ކަމެކެވެ. އޭނާ ހުއްޓުނެވެ.

ނިހާން އަށް ޒޫޝާންގެ ހާލު ކިޔައިދިނުމަށް ފަހު، އޭނާއަށް އެހީވެދިނުމަށް ނަފީސާ އެދުނެވެ. އެހެނީ ނިހާން ފިޔަވައި އޭނާއަށް ބަލާލާނެ ފިރިހެނަކުވެސް ދެން ނުވާނެތީއެވެ. ތެދުވެރި ވަފާތެރި ލޯތްބަކީ ނަފުސާއި ބުރުސޫރަ ދެކެ ވެވޭ ލޯތްބަކަށް ނުވާތީއެވެ. އެއީ ހިތާއި ހިތުގެ ގުޅުމެކެވެ. ރޫހީ ގުޅުމެކެވެ.

ނިހާން އެއްޗެއް ނުބުންޏެވެ. އެހެނަސް އޭނާގެ ލޮލުން ފޭދުނު ކަރުނަ ނަފީސާއަށް ފެނުނެވެ. ނިހާން ވޮލެޓް ނަގާ ހުޅުވާލިއެވެ. ނަފީސާ ގަތީ ލަދެވެ. އޭނާ ހީކުރީ ނިހާން އޭނާއަށް ފައިސާ ދޭން އުޅެނީކަމަށެވެ.

ވޮލެޓުން ނެގި ފޮޓޯ ނިހާން ނަފީސާގެ އަތުގެ ތެރެއަށް ލުމަށްފަހު ހިނގައިގެންފިއެވެ. ނަފީސާ އެފޮޓޯއަށް ބަލާލީއެވެ. އެފޮޓޯގައި ތިބީ ލޯބި ލޯބި އެއްމާބަނޑު ދެފިރިހެން ކުދިންނާއި، އަންހެނެކެވެ. ދެންހުރީ ނިހާންއެވެ.

ނިހާން ދިންމެސެޖް ނަފީސާއަށް ވިސްނުނެވެ. އޭނާ އެބުނި އެއްޗެއް މޭރުންވެސް ވިއެވެ. ފޮޓޯގައިވާ އަންހެންކުއްޖާއަށް ނަފީސާ ބަލާލިއެވެ. ޒޫޝާންހައި ރީތި ނޫނަސް އެއީވެސް ހުތުރު ކުއްޖަކަށް މީހަކު ނުކިޔާނެއެވެ.

ނަފީސާ ގެއާއި ދިމާއަށް ހިނގަމުން ދިޔައެވެ. އޭރު އޭނާ ހުރީ ވަރަށް ބޮޑަށް ހިތުގައި ޖެހިފައެވެ. އޭނާގެ ދަރިފުޅާއި އޭނާގެ އަމަލުތަކުގެ ސަބަބުން އެމީހުންގެ މައްޗަށް ލަޢުނަތް ލެއްވުނީއެވެ. ރަޙުމަތުން ބޭރު ކުރެއްވުނީއެވެ. ހިތާމަޔާއި މުސީބާތާއި ވޭނާއި ހިއްދަތިކަން ނޫން އެއްޗެއް ދެން ނެތީއެވެ. ޒޫޝާންގެ ހަޔާތުގައިވެސް އަދި އެމީހުންގެ ހަޔާތުގައިވެސް މެއެވެ.


---ނިމުނީ---

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް