އިންތިޚާބުތަކުގައި ވޯޓުލާއިރު ފެނުމުން މަޙްރޫމު ވެފައިވާ މީހުންނަށް އެމީހަކު އަމިއްލައަށް ވޯޓުލާން ބޭނުންވާނަމަ އެކަމަށް މަގުފަހިކުރުމަށް އިންތިޚާބުތަކާއި ބެހޭ އާންމު ޤާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.
އެގޮތުން މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަޙްމޫދެވެ.
މި ބިލު ހުށަހެޅުމުގެ މަޤުޞަދަކީ އިންތިޚާބުތަކުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން ވޯޓުލާއިރު އެކަމަށް ޚާއްޞަކޮށްފައިވާ ޕްލާސްޓިކް ޓެމްޕްލޭޓެއް މެދުވެރިކޮށް ވޯޓު ކަރުދާހުގައި ފާހަގަ ޖެހޭނެ އިންތިޒާމު ހަމަޖެއްސުމާއި އެކު އެފަދަ ފަރާތްތަކުގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރެވޭނެ އުޞޫލަކުން ހަމަޖައްސައި ދިނުމެވެ.
ހަމަ އެހެންމެ އެހެން މީހެއްގެ އެހީތެރިކަމާ ނުލައި ވޯޓުކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމުގެ ފުރުޞަތު ފަހިކޮށް ދިނުމެވެ.
މި ބިލު އިސްލާހު ވުމާއެކު ވޯޓު ކަރުދާހުގައި އަމިއްލައަށް ފާހަގަޖެހުމަށް ޖިސްމާނީގޮތުން ނުކުޅެދޭ މީހުންގެ ތެރެއިން ފެނުމުން މަޙްރޫމު ވެފައިވާ މީހުންނަށް، އެހެން މީހެއްގެ އެހީތެރިކަމާއި ނުލައި ވޯޓު ކަރުދާހު ގައި އަމިއްލައަށް ފާހަގަޖަހަން އެދޭނަމަ އެފުރުޞަތު ދެވިގެންދާނެ އެވެ.
މިގޮތުން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށްޓަކައި، އެތެރެ ފެންނަ ޕްލާސްޓިކް ކާޑެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެ ކަމަށް މި ބިލުގައި ބަޔާންކޮށްފައި ވެއެވެ.
ސަރުކާރުގެ ފަރާތުން މި އިސްލާޙު ހުށަހަޅާފައިވާއިރު، ފެނުމުން މަޙްރޫމުވެފައިވާ މީހުންނަށް އަމިއްލައަށް ވޯޓުލުމުގެ ޙައްޤު ހޯދައި ދިނުމަށްޓަކައި، ކަމާއި ގުޅުންހުރި އިދާރާތަކާވެސް ވަނީ ބައްދަލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް