ރަމަޟާން މަހުގެ އިނާޔަތް ނުލިބޭ މީހުން ޝަކުވާ ހުށަހެޅުމަށް ލޭބާ ރިލޭޝަން އޮތޯރިޓީން އަންގައިފި އެވެ.
އެ އޮތޯރިޓީން ކުރި ޓުވީޓެއްގައި ބުނީ ގާނޫނާ އެއްގޮތަށް ރޯދަ އެލަވަންސް ނުލިބޭ ފަރާތްތަކުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ. ޝަކުވާ ހުށަހަޅަން ޖެހެނީ https://lra.gov.mv/dv/complaint-form/ މެދުވެރިކޮށެވެ.
ރޯދަ އެލަވަންސް ދޭން ގާނޫނުގައި ލާޒިމް ކުރަނީ ރޯދަ މަހުގެ ފުރަތަމަ ދުވަހުގެ ކުރިންނެވެ. އެ އޮތޯރިޓީން ވަނީ އެ ދުވަހުގެ ކުރިން މުވައްޒަފުންނަށް އިނާޔަތް ދިނުމަށް އޮފީސްތަކަށް ހަނދާން ކޮށްދީފައި އެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައިވާ ގޮތުން ހުރިހާ ދިވެހި މުވައްޒަފުންނަށް ރޯދަ އެލަވަންސްގެ ގޮތުގައި 3،000 ރުފިޔާ، ވަޒީފާ އަދާކުރާ ތަނަކުން ދޭން ޖެހެއެވެ.
އެލްއާރްއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، ރޯދަ އެލަވަންސް ނުދީގެން މިދިޔަ އަހަރު އެ އިދާރާ އަށް 65 ޝަކުވާ ހުށަހެޅި އެވެ. އޭގެތެރެއިން 53 މީހަކު މަސައްކަތްކުރާ ތަނާ މަޝްވަރާކޮށް، އެ މައްސަލަ ހައްލުކޮށް އެލަވަންސް ދީފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް