ބޭނުންވާނެ ތަކެތި
1 ޕެކެޓް ސުޕެގެޓީ
1 ޕެކެޓް ކުކިން ކުރީމް
250 ގ މަސްރޫމް، ކޮށާލާފަ
250 ގ ބޯންލެސް ޗިކަން ތައި، ކުދިކޮށް ކޮށާލާފަ
1 ބޮޑު ފިޔާ ތުނިކޮށް ކޮށާލާފަ
4 ފިށް ލޮނުމެދު ކުދިކޮށް ކޮށާލާފަ
ބެސިލް ލީފް ކޮޅެއް
ރަހަލާވަރަށް ލޮނު އަދި އަސޭމިރުސް
150 ގ ޕާމެޒަން ޗީޒް،ގާނާފަ ހުރި
5 ބިހުގެ ގޮބޮޅި ބައި
ހައްދަވާނެ ގޮތް
ސުޕެގެޓީ ކޮޅު ކައްކަވާލައްވާ. ސުޕެގެޓީ ކައްކަވާނީ ޕެކެޓްގައިވާ އިރުޝާދާ އެއްގޮތަށް. ކައްކަވާލެއްވުމަށްފަހު، އައިދައިގެ ފެނުން ދޮވެލަންވާނެ. ދޮވެލަނީ ސުޕެގެޓީގެ ކުކިން ޕުރޮސެސް ހުއްޓާލުމަށްޓަކައި. ދޮވެލުމަށްފަހު ތެޔޮ ފޮދެއް އަޅައި އެއްކޮށްލުމަށްފަހު ބަހައްޓަވާ. ދެން ތަވާގަ ތެޔޮފޮދެއް ހޫނު ކޮށްލުމަށްފަހު ފިޔާ އަދި ލޮނުމެދު އަޅުއްވާ މީރުކޮށްލައްވާ. ދެން ކުކުޅު ކޮޅު އެޅުއްވުމަށްފަހު ކުކުޅު ކޮޅު ދެބައިކުޅަ އެއްބައި ރޯފިލަންދެން ކައްކަވާލަށްވާ. އެއަށްފަހު މަސްރޫމް އަޅުއްވާ ދެ މިނެޓް ވަރު ވަންދެން ހުރިހާ އެއްޗެށް އެކީގައި ކައްކަވާލަށްވާ. ކައްކަމުންދާ ހުރިހާ ވަގުތެއްގައިވެސް ސްޕެޓިއުލާއަކުން ހަލުވަމުން ގެންދަވާ. ދެން އެއަށްފަހު ކުކިން ކުރީމް އަޅައިގެން، ކުރީމް ކޮޅު ކެކެންފަށާވަރަށް ކައްކަވާލަށްވާ. ކުރީމް ކޮޅު ކެކެން ފެށުމުން ކައްކަވާލާފަހުރި ސުޕެގެޓީކޮޅު އަދި ޗީޒް އަޅުއްވާ އެއްކޮށްލައްވާ. ލޮނު އަދި އަސޭމިރުސް އަޅާލުމަށް ފަހު ރަހަ ހެޔޮވަރުކޮށްލައްވާ. އުނދުނުގެ އަލިފާން ނިއްވާލުމަށްފަހު ބިހުގެ ގޮބޮޅި ބައި އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ. ސޯސް ކޮޅު ހުންނާނީ ކުރީމީ ރީނދޫ ކުލައެއްގައި. ގާނިސް ކޮށްލަން ޕާސްލީ ކޮޅެއް ކޮށާލުމަށްފަހު ސުޕެގެޓީގެ މަށްޗައްއަޅުއްވާ.
ނޯޓް. ތާޒާ މަސްރޫމް ނުލިބޭކަމުގައި ވާނަމަ ދަޅުގައި ބަންދުކުރި މަސްރޫމްވެސް ބޭނުން ކުރެވިދާނެ. ޗިކަން ތައި ގެ ބަދަލުގައި ޗިކަން ބުރޭސްޓް ވެސް ބޭނުން ކުރެވިދާނެ.އިޓަލިއަން ބެސިލް ނުލިބޭކަމުގައި ވާނަމަ ގަނދަކޯޅި ފަތް ބޭނުންކުރަށްވާ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް