އެމެރިކާގެ މިސިސިޕީ އަދި އަލަބާމާ ސްޓޭޓަށް އެރި ތޫފާނުގައި މަރުވި މީހުންގެ އަދަދު 26 އަށް އަރައިފިއެވެ.
މިދިޔަ ހުކުރު ދުވަހުގެ ރޭ އެރި މި ތޫފާނާއި ގުޅިގެން މިސިސިޕީގައި މިހާރު އެމަޖެންސީ އިއުލާނުކޮށްފައިވާއިރު ބިމާއި ހަމަވެފައިވާ ގެއްލުން ލިބުނު ސަރަހައްދުތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތް ކަމާއިބެހޭ ފަރާތްތަކުން އަދިވެސް އަންނަނީ ކުރަމުންނެވެ.
މި ހާދިސާގައި މިސިސިޕީން މިހާތަނަށް 25 މީހަކު އަދި އަލަބާމާއިން އެކަކު މަރުވެފައިވާކަމަށާއި އަދި މި އަދަދު މިއަށްވުރެ އިތުރުވުން އެކަށީގެންވާކަމުގައިވެސް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
ބާރުގަދަ ތޫފާނާއެކު ގިނަ ނަގޫރޯޅިތަކެއް އެކުވެ ހާދިސާގައި ލިބުނު ގެއްލުން އިތުރަށް ބޮޑުވެގެންގޮސްފައިވާއިރު ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކުރި ސަރަހައްދުތަކުގެ ގެތަކުގެ ފުރާޅުތައް ގަދަ ވަޔާއެކު އުކާލައި މަގުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށްވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް