ބުރުގާ އެޅި މީހަކު އިންޑިއަން ރެސްޓޯރެންޓަކަށް ނުވެއްދުމުން ބަހްރެއިން ސަރުކާރުން އެތަން ބަންދު ކޮށްފި

ބަހްރެއިންގައި ހިންގާ އިންޑިއަން ރެސްޓޯރެންޓަކުން އަމަލު ކުރި ގޮތަކުން އެގައުމުގެ ސަރުކާރުން އެ ރެސްޓޯރެންޓު ބަންދުކޮށްފި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ބަހްރެއިންގެ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީން...

27 Mar 2022 | 15:44

ބަހްރެއިންގައި ހިންގާ އިންޑިއަން ރެސްޓޯރެންޓަކުން އަމަލު ކުރި ގޮތަކުން އެގައުމުގެ ސަރުކާރުން އެ ރެސްޓޯރެންޓު ބަންދުކޮށްފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި ބަހްރެއިންގެ ޓޫރިޒަމް އެންޑް ކަލްޗާ މިނިސްޓްރީން ވަނީ އެ ގައުމުގައި ހިންގާ ބޭރު ގައުމުތަކުގެ ފުޑް އައުޓްލެޓް ތަކާއި އެ ގައުމުގެ ވިޔަފާރިތަކުގައި ގާނޫނާއި ގަވައިދާ އެއްގޮަތަށް އަމަލު ކުރަން ޖެހޭނެ ކަމަށް މި މައްސަލައިގަ އަންގާފަ އެވެ. އަދި ހަމަ ހަމަކަމާއި އެކު އެންމެންނަށް ހިދުމަތް ނުދެވޭނަމަ އެގައުމުގައި މިފަދަ ތަންތަން ހިންގުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ކަންބޮޑުވުން ފާޅުކޮށް އިންޑިއާ ކާއެއްޗިއްސަށް ހާއްސަ އެ ރެސްޓޯރެންޓު ބަންދު ކުރީ ބުރުގާ އެޅި އަންހެނަކު އެތަނަށް ވަންނަން އުޅުމުން ހުރަސް އަޅައި ވަނަ ނުދީ އަނބުރާ ފޮނުވާލިކަން ސާބިތުވުމުންނެވެ. މިކަން ފަޅާއެރީ އެ ރެސްޓޯރެންޓުގެ އެ މުވައްޒަފަކު އަންހެން މީހާ ވަނުމަށް ހުރަސް އަޅާ ވީޑިއޯއެއް ސޯޝަލް މީޑިއާ ގައި ދައުރު ކުރުމުންނެވެ.

ބަހްރެއިންގެ ކަލްޗާ މިނިސްޓްރީން ބުނީ ކުރިޔަށް އޮތްތަނުގައިވެސް މިފަދަ ތަފާތު ކުރުމެއް ގެންގުޅޭތަން ފެނިއްޖެ ނަމަ ވީޑިއޯކޮށްގެންނާއި ގުޅައިގެން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނައުމަށް އެދޭ ކަމަށެވެ. އަދި ހާއްސަކޮށް މުސްލިމުންނާއި މެދު މިފަދަ ތަފާތު ކުރުމެއް ނުގެންގުޅޭވެ ކަމަށާއި އެފަދަ ފަރާތްތަކާއި ދެކޮޅަށް ފިޔަވަޅު އަޅަން އެ ގައުމު ފަސް ނުޖެހޭނެ ކަމަށެވެ.

މި މައްސަލައިގަ އެ ރެސްޓޯރެންޓުން ވަނީ ބަހްރެއިންގެ ރައްޔިތުން ކިބައިން މައާފަށް އެދި ބަޔާނެއް ނެރެފަ އެވެ. ބަޔާނުގައި ބުނެފައިވަނީ އެ އަންހެން މީހާ އެތަނަށް ވަނުމަށް ހުރަސް އެޅި މުވައްޒަފު ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ.

އެފަދަ ކަމެއް ދެ ވަނަ ފަހަރު ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ސަރުކާރާއި ރައްޔިތުންނަށް ދޭން ބޭނުންވާ ކަމަށެވެ. އަދި އަލުން ރެސްޓޯރެންޓު ހުޅުވުމުގެ ހުއްދައަށް އެދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުންޏެވެ.

އެ ރެސްޓޯރެންޓު ބަހްރެއިންގައި ހިންގާތާ35 އަހަރު ވެއްޖެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް