ބުރުގާގެ ދިފާއުގައި ވާހަކަ ދައްކައި، މިސް ޔުނިވާސް ހަރްނާޒް އިންޑިއާ ހައިރާން ކޮށްލައިފި

އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ ޕްރޮޕެންޑާ އާއި ދެކޮޅަށް ވާހަކަ ދައްކައި މިސް ޔުނިވާސް 2021 ހަރްނާޒް ސަންދޫ އިންޑިއާ ހައިރާން ކޮށްލައިފި އެވެ. ހަރްނާޒް އަކީ އިންޑިއާގެ ޕަންޖާބް ސްޓޭޓަށް ނިސްބަތްވާ...

27 Mar 2022 | 07:48

އިންޑިއާގައި ވެރިކަން ކުރާ ބީޖޭޕީގެ ޕްރޮޕެންޑާ އާއި ދެކޮޅަށް ވާހަކަ ދައްކައި މިސް ޔުނިވާސް 2021 ހަރްނާޒް ސަންދޫ އިންޑިއާ ހައިރާން ކޮށްލައިފި އެވެ.

ހަރްނާޒް އަކީ އިންޑިއާގެ ޕަންޖާބް ސްޓޭޓަށް ނިސްބަތްވާ ހިންދޫ ދީނުގެ މޮޑެލް އެކެވެ. އޭނާ މިސް ޔުނިވާސްގެ ލަގަބު ހޯދައިގެން ގައުމަށް ދިޔައީންސުރެ މީޑިއާއިން ދަނީ މުސްލިމް އަންހެނުންނާއި މެދު އިންޑިއާގައި މިހާރު އަމަލު ކުރަން ފަށާފައިވާ އުސޫލުތަކާއި ގުޅިގެން އޭނާ ދެކޭގޮތް ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާގޮތުގައި ހަރްނާޒް ބައިވެރިވި އިވެންޓެއްގައި ނޫސްވެރިއަކު އެ ސުވާލު ކުރުމާއި އެކު އިވެންޓު އިންތިޒާމް ކުރި ފަރާތުން ވަނީ ހަރްނާޒް އެ ސުވާލަށް ޖަވާބު ދިނުމަށް ހުރަސް އެޅުމުގެ ގޮތުން ސިޔާސީ ސުވާލު ނުކުރުމަށް ނޫސްވެރިޔާ ގާތުގައި އެދިފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި އެމީހާ އެވާހަކަތައް ދައްކާ ނިމެންދެން ހަރްނާޒް އިނީ ވަރަށް ހަމަޖެހިލައިގެން އެއްވެސް އެއްޗެއް ނުބުނެ އެވެ.

އިންތިޒާމް ކުރި ފަރާތުގެ ޖަވާބާއި ގުޅިގެން ނޫސްވެރިޔާ ވަނީ މުސްލިމް އަންހެނުން ބުރުގާ އަޅައިގެން ސްކޫލް އަދި ކޮލެޖުތަކަށް ވަނުން މަނާ ކުރުމަކީ ސިޔާސީ ކަމެއް ކަމަށްވާތީ ޖަވާބުދޭން ބޭނުން ނުވާކަމަށް ބުނާ އަޑު އޭނާ އަހަން ބޭނުންވަނީ ހަރްނާޒްގެ އަނގައިން ކަމަށެވެ.

އެހެން ބުނުމުން ހަރްނާޒް މައިކު އަތުލުމަށް ފަހު ބުނެފައިވަނީ އަބަދު އަންހެން ކުދިންނާއި ދިމާކޮށްލައިގެން އުޅެނީ ކީއްވެތޯ އޭނާ އަމިއްލައަށް ސުވާލުކޮށްލަން ބޭނުންވާ ކަމަށެވެ. ހަރްނާޒް ބުނީ ބުރުގާ މައްސަލައިގަ ޖައްސާލައިގެން އެ އުޅެނީވެސް އަންހެން ކުދިންތަކަކާއި ކަމަށެވެ.

އޭނާ ބުނީ މުސްލިމް އަންހެން ކުދިން ބޭނުން ގޮތަކަށް ދިރިއުޅުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށެވެ. އަދި އެމީހުން ދާން ބޭނުންވާ މަންޒިލަށް ދަތުރު ކުރުމުގެ ފުރުސަތު ދޭން ޖެހޭ ކަމަށާއި އެމީހުންގެ ފިޔަގަނޑުގައި ހިފައި ބަންދު ނުކޮށް، އެގޮތް ބޭނުން ނުވާ މީހުން އަމިއްލައަށް ބަންދުވެގެން ތިބުން މާ ރަނގަޅުވާނެ ކަމަށެވެ.

ބުރުގާ އަޅައިގެން އިންޑިއާގައި ސަރުކާރު ސްކޫލްތަކާއި ކޮލެޖު އަދި ޔުނިވާސިޓީތަކަށް ދިއުން ފުރަތަމަ މަނާ ކުރީ ކަރްނާޓަކާ ސްޓޭޓްގައި އެވެ. މި މައްސަލަ މުސްލިމް ދަރިވަރުންގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކަރްނާޓަކާ ހައި ކޯޓުން ކުރި ހުކުމުގައި ބުނީ ބުރުގާ އަކީ އިސްލާމް ދީނުގައި އެޅުން މަޖުބޫރު އެއްޗެއް ނޫން ކަމަށާއި ސްކޫލްތަކުގައި އެފަދަ ގަވައިދެއް ތަންފީޒު ކުރެވިދާނެ ކަމަށެވެ.

މި މައްސަލައިގަ އެ ސްޓޭޓްގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް