ރާއްޖެއާ އިންޑިއާގެ ވެކްސިން ކާޑު ދެ ގައުމުގައި ގަބޫލު ކުރުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި އިންޑިއާގެ ވެކްސިން ކާޑު ދެ ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު އެއްބަސްވުމެއް ގާއިމްކޮ...

27 Mar 2022 | 04:03

ރާއްޖެއާއި އިންޑިއާގެ ވެކްސިން ކާޑު ދެ ގައުމުގައި ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިވެހިރާއްޖޭގެ ހަޔަރ އެޑިއުކޭޝަން ނެޓްވޯކާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކާ ދެމެދު އެއްބަސްވުމެއް ގާއިމްކޮށްފިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމުގެ ގޮތުން މުހިންމު ދެ އެއްބަސްވުމެއްގައި ދެގައުމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ސޮއި ކުރީ ރޭ އައްޑޫ ސިޓީގައި ބޭއްވި ރަސްމިއްޔާތެއްގައި އެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓްރީ އޮފް ހެލްތާއި އިންޑިއާގެ މިނިސްޓްރީ އޮފް ހެލްތު އެންޑް ފެމިލީ ވެލްފއަރއާ ދެމެދު ޤާއިމްކުރެވުނު ވެކްސިން ސެޓްފިކެޓާއި ގުޅޭ އެއްބަސްވުމުގެ ދަށުން ދިވެހިންނަށް އިންޑިއާއަށް ދަތުރުކުރުމުގައި މިހާރަށްވުރެ ގިނަ ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.

މިއެއްބަސްވުމުގެ ދަށުން، ދިވެހި ސަރުކާރުން ގާއިމްކޮށްފައިވާ ކޮވިޑް ސޭފް ވެބްސައިޓް މެދުވެރިކޮށް ދޫކުރާ ޑިޖިޓަލް ސެޓްފިކެޓް އަދި އިންޑިއާގެ ކޮވިން ޕްލެޓްފޯމް މެދުވެރިކޮށް ދޫކުރާ އިންޑިއަން ކޮވިޑް ވެކްސިން ސެޓްފިކެޓް އެއްގައުމު އަނެއް ގައުމުން ބަލައިގަންނަން މަގުފަހިވާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމެވެ. އިންޑިއާގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

މީގެއިތުރުން، އިންފޮމޭޝަން ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދިވެހިރާއްޖޭގެ ނޭޝަނަލް ސެންޓަރ ފޮރ އިންފޮމޭޝަން ޓެކްނޮލޮޖީ (އެން.ސީ.އައި.ޓީ) އާއި، އިންޑިއާގެ ނޭޝަނަލް އިންފޮރމެޓިކްސް ސެންޓަރ (އެން.އައި.ސީ) އާއި ދެމެދު ޕިއަރިންގ އެގްރިމެންޓެއްގައި ވަނީ ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަންސް ޓެކްނޮލޮޖީގެ ދާއިރާއިން ދެގައުމުގެ ދެމެދުގައި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅިގެން މަސައްކަތްކުރުން ކަމަށާއި، މިކަމުގެ ސަބަބުން މިކަމުގެ ސަބަބުން، އީ-ގަވަރނަންސް، ޑިޖިޓަލް ޑިސްޓެންސްޑް އެޑިޔުކޭޝަން، ސެކިއުރިޓީ، ސްޕޭސް، މޫސުން، އަދި އީ-ހެލްތް ފަދަ ދާއިރާތަކުން އިންޑިއާ ސަރުކާރުން ކުރިއަށް ގެންދާ ގިނަ ދާއިރާތަކަކުން ކަނެކްޓިވިޓީ އާއި އެއްބާރުލުން ރަނގަޅުވެގެންދާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެއެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ދެގައުމުގެ ޚާރިޖީ ވަޒީރުން ވަނީ ހަޔަރ އެޑިއުކޭޝަން ނެޓްވޯކް އޮފް މޯލްޑިވްސް އާއި އިންޑިއާގެ ނޭޝަނަލް ނޮލެޖް ނެޓްވޯކްއާ ދެމެދު ރަސްމީކޮށް ގުޅުން ގާއިމްކޮށްފައެވެ.

މި އެއްބަސްވުންތަކަކީ އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒް ޑރ. އެސް ޖައިޝަންކަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމާއި، މީހުން ބިނާކުރުމުގެ ގޮތުން ގާއިމްކުރި އެއްބަސްވުންތަކެކެވެ.

އިންޑިއާގެ މިނިސްޓަރ އޮފް އެކްސްޓާނަލް އެފެއާޒްގެ މިދަތުރުފުޅުގައި އިންޑިއާގެ ހައިދަރްއާބާދުގެ ސަރުދާރު ވަލަބްކޮއްކޮ ޕަޓޭލް ނެޝަނަލް ޕޮލިސް އެކަޑަމީއާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު އެއްބާރުލުން އިތުރުކުރުމާބެހޭ އެމް.އޯ.ޔޫ.އެއްގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މި އެމްއޯޔޫއަކީ ދެ އިންސްޓިޓިއުޓްގެ ދެމެދުގައި ޓްރެއިނިންގ މެނޭޖްމަންޓް އަދި ޓްރެއިނަރުން ބަދަލުކުރުމާއި މި ދާއިރާއިން އެއް ގައުމުން އަނެއް ގައުމަށް އެއްބާރުލުން ދިނުމުގެ އެމްއޯޔޫއެއް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް