އަންހެން ދަރިންގެ ތައުލީމަށް ހުރަސްއަޅައިގެން ތާލިބާނުންނަށް ގިނަދުވަހު ނުތިބެވޭނެ: މަލާލާ

އަފްޣާނިސްތާނުގައި އަންހެން ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށް އަންހެން ދަރިންގެ ތައުލީމަށް ހުރަސް އަޅައިގެެން ތާލިބާނުންނަށް ގިނަދުވަހު ނުތިބެވޭނެކަމުގައި މަލާލާ ޔޫސުފްޒައި ވިދާޅުވެއްޖެއެވެ. މަލާލާ...

27 Mar 2022 | 01:24

އަފްޣާނިސްތާނުގައި އަންހެން ދަރިވަރުންނަށް ސްކޫލުތައް ބަންދުކޮށް އަންހެން ދަރިންގެ ތައުލީމަށް ހުރަސް އަޅައިގެެން ތާލިބާނުންނަށް ގިނަދުވަހު ނުތިބެވޭނެކަމުގައި މަލާލާ ޔޫސުފްޒައި ވިދާޅުވެއްޖެއެވެ.

މަލާލާ މިހެން ވިދާޅުވެފައިވަނީ ޤަތަރުގައި މިހާރު ކުރިއަށްދާ ދޯހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މަލާލާ މިހެން ވިދާޅުވެފައިވާއިރު ތާލިބާނުންވަނީ ނިމިދިޔަ ހަފްތާގައި އަފްޣާންގެ ސެކަންޑަރީ ގްރޭޑްތަކުގެ އަންހެންދަރިވަރުންނަށް ސްކޫލުތަކާއި މަދަރުސާތައް ހުޅުވާލުމަށްފަހު މަދު ވަގުތުކޮޅެއްގެ ތެރޭގައި އަލުން ސްކޫލުތައް ބަންދުކޮށްފައެވެ.

މިކަމާއި މެދު ވާހަކަ ދައްކަވަމުން މަލާލާ ވިދާޅުވީ 1996 ގައި ގަދަބާރުން އަންހެން ދަރިންގެ ތައުލީމަށް ހުރަސް އަޅައިގެން ތާލިބާނުން ތިބި ނަމަވެސް މިހާރު އެކަން އެގޮތަށް ކުރަން ފަސޭހަ ނުވާނެކަމަށެވެ. އަންހެނުންގެ ހައްގުތަކަށް އަފްޣާނުގެ އަންހެނުން މިހާރު ބިރަކާނުލާ އަޑު އުފުލާނެކަމުގައި މަލާލާ ވިދާޅުވިއެވެ.

މިދިޔަ ހަފްތާގައި ތާލިބާނުން އެގޮތަށް އަމަލުކުރުމުން ކާބުލްގައި އަންހެންވެރިން މަގުތަކަށް ނިކުމެ މުޒާހަރާކޮށްފައިވެއެވެ.

1996 އިން 2001 އަށް ތާލިބާނުން އަފްޣާންގެ ވެރިކަންކުރި އިރު ސެކަންޑަރީ ގްރޭޑްތަކުގައި އަންހެންކުދިން ކިޔެވުން އޮންނަނީ މަނާކޮށްފައެވެ. އެއަށްފަހު 2001 އިން މިދިޔަ އަހަރުގެ އޮގަސްޓާހަމައަށް އެމެރިކާގެ ކޯލީޝަނުގެ ބާރުގައި ހިންގި ސަރުކާރުން އަންހެން ދަރިވަރުންނަށް ތައުލީމު ހުޅުވައިލިއެވެ. ނަމަވެސް އޯގަސްޓްގައި އެމެރިކާއިން އަފްޣާނުން ފޭބުމާއެކު ތާލިބާނުންގެ އަތްދަށަށް ދިޔަަފަހުން އަނެއްކާވެސް ތާލިބާނުން މިވަނީ އެ ޖަމާއަތް ގަބޫލުކުރާ އުސޫލު ތަންފީޒުކުރަން ފަށާފައެވެ.

މަލާލާ އަކީ ޕާކިސްތާނުގެ ސްވާތް ޑިސްޓްރިކްޓްގައި ތާލިބާނުން އެންމެ ދަތިކުރިއިރު ތައުލީމު ހާސިލުކުރުމަށް ކުރި މަސައްކަތުގައި ފުރާނައަށް ނުރައްކާވާފަދަ ހަމަލާއެއް އަމާޒުވި ނަމަވެސް ތައުލީމު ކުރިއަށްގެންދިއުމުގެ އިތުރުން އަންހެނުންގެ ހައްގުތައް ކަށަވަރުކުރުމަށް ގޮވާލި އެކްޓިވިސްޓެކެކެވެ. މަލާލާއަށް 2014 ވަނަ އަހަރު ނޮބެލް ސުލްހައިގެ އިނާމުލިބުނީ މަލާލާގެ އެ ދަތުރުގައި ދެއްކި ހިތްވަރަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް