ސަރުކާރު ބަލިވެ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރުނެތް ކަމަށް ފާސްވެއްޖެ ކަމަށް މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ޑރ ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މަސީހުގެ އިތުބާރު ނެތް ކަމަށް ކަށަވަރުވެއްޖެ ކަމަށާއި ދެން އޮތީ ރައްޔިތުން ހުކުމް އިއްވުން ކަމަށެވެ. ޖަމީލް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން މަސީހާ ދެކޮޅަށް ހުށަހެޅި މައްސަލަ ކާމިޔާބު ކުރާނެ ކަން ސަރުކާރަށް ކަށަވަރު ވެފައިވާ ކަމަށެވެ.
އަދި ވިދާޅުވީ ދެން މަޖިލީހުގައި ސަރުކާރަށް ތާއީދު ކުރާ ރައީސަކު ނުހުންނަވާނެ ކަމަށެވެ.
https://twitter.com/MJameelAhmed/status/846282747429703682
ޑރ ޖަމީލް މިހެން ވިދާޅުވީ މަޖިލީހުގެ އިލެކްޓްރޯނިކް ވޯޓިން ސިސްޓަމް ރަނގަޅު އިރު، އަނގަބަހުން ވޯޓު ނަގައިގެން މަސީހު ވަކި ކުރުމުގެ ވޯޓު ނެގުމަށް ސަރުކާރަށް ތާއީދު ކުރާ މެންބަރުން ހުށަހަޅައި ފާސްކޮށްގެން ވޯޓަށް އެހުމުންނެވެ. އިދިކޮޅު މެންބަރުން ގެންދަވަނީ އެގޮތަށް ވޯޓަށް ނަގަން މަޖިލީހުގެ ޖަލްސާ ކުރިޔަށް ގެންދިއުމަށް ފުރުސަތު ނުދޭނެ ކަމަށް ވިދާޅުވެ މަޖިލީހުގައި އަޑުގަދަ ކުރައްވަމުންނެވެ.
އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަން ފެށުމުން މަޖިލީހުގެ ޖަލްސާ ވަނީ މެދުކަނޑާލާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް