ކުރިޔަށް އޮތް ތިން ދުވަހަށް ބައެއް ސްކޫލްތައް ބަންދުކޮށްފި

ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން ކުރިޔަށް އޮތް ތިން ދުވަހަށް ބައެއް ސްކޫލްތައް ބަންދުކޮށްފި އެވެ. މިކަން އިއުލާނުކޮށްފައިވަނީ ދެންމެ ރައީސް އޮފީހުގައި ބޭއްވި ނޫސްވ...

27 Mar 2017 | 08:23

ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފްލޫ ނުވަތަ އެޗް1އެން1 އާއި ގުޅިގެން ކުރިޔަށް އޮތް ތިން ދުވަހަށް ބައެއް ސްކޫލްތައް ބަންދުކޮށްފި އެވެ.

މިކަން އިއުލާނުކޮށްފައިވަނީ ދެންމެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހުމާއި ބެހޭ  ކޮމިޓީގެ އިސް މެންބަރެއް ކަމަށްވާ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފެވެ. މިނިސްޓަރު ވިދާޅުވީ މިގޮތަށް ނިންމެވީ ރައީސް އަބްދުﷲ ޔާމީން އެގޮތަށް ނިންމެވުމުން ކަމަށެވެ.

މިއަދު އަލުން ސްކޫލްތައް ބަންދު ކުރަން ނިންމި އިރު މިދިޔަ ހަފްތާ އަކީ ފުރަތަމަ ޓާމްގެ މިޑް ޓާމް ބްރޭކެވެ. އޭގެ ކުރީ ހަފްތާގައި ސްވައިން ފްލޫ އާއި ގުޅިގެން ތިން ދުވަސް ވަނީ ސްކޫލް ބަންދުކޮށްފައި އެވެ.

މިޑް ޓާމް ބަންދަށް ފަހު އިއްޔެ ސްކޫލްތައް ހުޅުވަން އެޑިއުކޭޝަން މިނިސްޓްރީން ނިންމީ ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ) އިން މި ހަފްތާގައި ސްކޫލްތަކުގެ ކިޔެވުން ނުފެށުމަށް ލަފާދީފައި ވަނިކޮށް ކަމަށް ވަނީ އަޑުފެތުރިފައި އެވެ. އިއްޔެ އަލުން ސްކޫލްތައް ހުޅުވުމުން ސްކޫލަށް ގޮސްފައިވަނީ ވަރަށް މަދު ދަރިވަރުންނެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް ވިދާޅުވީ ސްކޫލު ބަންދުކުރީ ރަނގަޅު ކަމެއް ކަމަށް ވާތީ ކަމަށާއި ސްކޫލުތައް ހުޅުވީ ވެސް ފެންނަން ހުރި ތަފާސްހިސާބުތަކަށް ބަލައިފައި ކަމަށެވެ.

މިހަފްތާގައި ނުކިޔަވައިދޭގޮތަށް ހަމަޖެއްސީ ބައެއް ސްކޫލްތަކުގައި އެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލްތަކަކީ ކޮބައިކަން ހާމަކުރައްވާނެ ކަމަށެވެ.

މި ހަފްތާގައި ބަންދު ކުރަން ނިންމާފައިވާ ސްކޫލް ތަކަކީ

މާލެ، ވިލިމާ، ހުޅުމާލޭގެ ހުރިހާ ސްކޫލެއް

ރ. އިނގުރައިދޫ ސްކޫލް

ރ. އުނގޫފާރު ސްކޫލް

ހދ. އަތޮޅު ތައުލީމީ މަރުކަޒު

އަފީފުއްދީން ސްކޫލް

ޖަލާލުއްދީން ސްކޫލް އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް