ފަލަ މީހުންނަށް ހާއްސަކޮށްގެން ކާންވީ ހާއްސަ އެއްޗިއްސާއި ޑައިޓުތައް އެކި ވެބްސައިޓުތަކުގައި ހުރެ އެވެ.
އެއް ލިޔުމެއްގައި ހަތް ދުވަހުން ހަތް ކިލޯ ހިއްކާލާނެ ކާއެއްޗެހީގެ ވާހަކަ ލިޔެފި ނަމަ އަނެއް ލިޔުމުގައި އިންނާނީ އެއް ދުވަހުން އެއް ކިލޯ ހިކޭނެ ކާއެއްޗެއްގެ ވާހަކަ ނުވަތަ ކާންވީ އެއްޗެހީގެ ވާހަކަ އެވެ. އެކަމަކު މިފަހަރު މިއޮތީ މާބޮޑު ހަރަދަކާއި ނުލާ އިންޓަނެޓް މެދުވެރިކޮށް ހިކޭނެ އެޕެއްގެ ވާހަކަ އެވެ.
އިނިގރޭސިވިލާތުގެ ކާޑިފް ޔުނިވާސިޓީގެ ރިސާޗަރުން ތައްޔާރު ކުރި މި އެޕަށް ކިޔަނީ "ފުޑްޓީ" އެވެ. މި އެޕާއި ބެހޭގޮތުން އެ ޔުނިވާސިޓީގެ ރިސާޗަރުން ބުނެފައިވަނީ ކުޑަކުދިން ކުޅޭ ކަހަލަ ގޭމެއް ގޮތަށް ތައްޔާރުކޮށްފައިވާ މި އެޕް މެދުވެރިކޮށް ބަރުދަން ލުއި ކުރުމަށް އެހީވެދޭތޯ ދިރާސާ ކޮށްފައިވާ ކަމަށެވެ.
އެގޮތުން ދިރާސާގައި ބައިވެރިވި ފަލަ 83 މީހުން ވަނީ މި އެޕް މެދުވެރިކޮށް ގޭމް ކުޅުމުން އެމީހުންގެ ބަރުދަން ލުއިވަމުންދާ ކަމަށް ބުނެފައި އެވެ. އޭގެ ތެރެއިން މީހަކު ބުނެފައިވަނީ މި ގޭމް ކުޅުމުން ދެ ކިލޯ ލުއިވެ، ފާޑު ފާޑުގެ ކޫސަނި އެއްޗެހި ކެއުމާއި ދުރުވެފައިވާ ކަމަށެވެ. ބަރުދަން ލުއި ކުރަން ނުޖެހޭ އާދައިގެ ހަށިގަނޑު ހުންނަ މީހުން ބުނެފައިވަނީ މި ގޭމް ކުޅުމުން ކެއުން މަދު ކުރަން ދަސްވެ، ރަނގަޅު ކާނާ ކެއުމަށް އާދަވެފައިވާ ކަމަށެވެ.
މި އެޕް މެދުވެރިކޮށް ކުޅޭ ގޭމުގައި ހުންނަނީ ސިއްހަތަށް ފައިދާ ހުރި ކާނާ އާއި ގެއްލުން ހުރި އެއްޗެހީގެ ފޮޓޯ އެވެ. އެ ފޮޓޯތައް ފެންނަނީ ރަނގަޅު ކާނާއެއް ނަމަ ފެހި ކުލައިގެ ބޮޅެއްގެ ތެރޭގައި އެވެ. ހަށިގަނޑަށް ގެއްލުން ހުރި އެއްޗެއް ނަމަ ރަތް ބޮޅެއްގެ ތެރޭގައި އެވެ.
ގޭމް ކުޅޭ މީހުން ކްލިކް ކުރަން ޖެހެނީ ފެހި ކުލައިގެ ބޮޅު ފެނުމުންނެވެ. މި ގޭމުން މީހާގެ ސިކުނޑު އަބަދު ކާހިތްވުމާއި ދުރުކޮށްދޭނެ އެވެ. އަދި ހަށިގަނޑަށް ރަނގަޅު ކާނާ އަކީ ކޮބައިކަން އެ ފޮޓޯތައް މެދުވެރިކޮށް ބުނެދެ އެވެ.
މި އެޕް އުފެއްދުމުގެ މަގުސަދަކީ ސިކުނޑިއަށް ތަމްރީންދީ، ހަށިގަނޑަށް ގެއްލުން ލިބޭ ކާ އެއްޗެހިން އާންމުން ދުރުކުރުވުމުވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް