ނާޒިމް 11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް  11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ. ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާގައި ހުކުމް އިއ...

26 Mar 2015 | 19:04

ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް  11 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ދައުވާގައި ހުކުމް އިއްވުމަށް މިރޭ ބޭއްވި ޝަރީއަތުގައި އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް މައްސަލަ ބެއްލެވި ތިން ފަނޑިޔަރުންގެ އިއްތިފާގުން ކަނޑައަޅާފައިވަނީ  އެ އެޕާޓްމަންޓުން ފެނުނު ހަތިޔާރަކީ ނާޒިމްގެ އެއްޗެހި ނޫންކަން ކޯޓުގައި އޭނާއަށް ސާބިތުކޮށްދެވިފައި ނުވާތީ އެވެ.

ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގެ ދައުވާ ނާޒިމްގެ މައްޗަށް އުފުލީ އޭނާ ދިރިއުޅުއްވާ ގެއިން ފިސްތޯލަކާއި ތިން ވަޒަނާއި މެގަޒިނެއްގެ އިތުރުން އަައިއީޑީއެއް ފެނިފައިވާ ކަމަށް ބުނެ އެވެ. ދައުލަތުން ޝަރީއަތުގައި ބުނެފައި ވަނީ، އެ ތަކެތި ބޭނުންކޮށްގެން ދައުލަތުގެ އިސް ވެރިންތަކަކަށް ހަމަލާ ދޭން ނާޒިމް ރާއްވަވާފައިވާ ކަމުގެ ހެކި، އެ ތަކެއްޗާ އެކު ފެނުނު ޕެންޑްރައިވަކުން ލިބިފައިވާ ކަމަށެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ ދިފާއީ ހެކީގެ ގޮތުގައި "ހެކި އުފެއްދުމަށް" ނާޒިމްގެ ވަކީލުން މަސައްކަތް ކޮށްފައިވާ ކަމަށާއި، އެމްއެންޑީއެފްގެ ފިސްތޯލައެއް ގެއްލިފައިވާ ކަމަށް ބުނެ ނާޒިމްގެ ފަރާތުން ހުށަހަޅާފައިވާ ރިޕޯޓުން އެކަން ސާބިތުވާ ކަމަށެވެ. އަދި އެ ރިޕޯޓަކީ ސައްހަ ރިޕޯޓެއް ނޫންކަން އެމްއެންޑީއެފުން އެއްވެސް ހަތިޔާރެއް މަދު ނޫންކަމަށް ބުނެ ފޮނުވި ސިޓީއިން އެނގޭކަމަށެވެ.

ހުލާސާ ބަޔާން އިއްވުމަށް މިއަދު ހަވީރު ބޭއްވި ޝަރީއަތުގައި ކޯޓު އަމުރު ހޯދުމަށް ފުލުހުން އަމަލުކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށް ނާޒިމްގެ ވަކީލުން ވިދާޅުވެފައިވާތީ އެކަމާ ގުޅޭ ގޮތުން ހުކުމުގައި ބުނެފައިވަނީ ކޯޓު އަމުރު ފުލުހުންނަށް ދިނުމުގައި ކޯޓުން އަމަލުކޮށްފައިވަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް ކަމަށެވެ.

ޝަރީއަތަށް ފަހު ނާޒިމް އާއިލާގެ ބޭފުޅުންނަށް ހިތްވަރު ގަދަކުރެއްވުމަށާއި ފަހުން އިންސާފު ލިބޭނެ ކަމަށް ވިދާޅުވެފަ އެވެ.

ކްރިމިނަލް ކޯޓުން މިރޭ އިއްވި ހުކުމާއި ގުޅިގެން ޝަރީއަތަށް ފަހު ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ނާޒިމްގެ ގާނޫނީ ވަކީލް މައުމޫން ހަމީދު ވިދާޅުވީ ކޯޓުން މިރޭ އިއްވި ހުކުމުގައި ގާނޫނީ މައްސަލަތަކެއް އެބަހުރި ކަަމަށެވެ. އަދި ވަރަށް އަވަހަށް އިސްތިއުނާފު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް