އިންޓަރބެންކާއި އޯޕަން މާކެޓްތަކުގައި ޕާކިސްތާނުގެ ރުފިޔާގެ އަގާއި ދެމެދު އޮތް ފަރަގު އަނެއްކާވެސް މައްޗަށް ގޮސް، ޑޮލަރުގެ އަގު ބޮޑުވެ، ކަޅު ބާޒާރުގައި ކުރިއަރަމުންދާ ކަމަށް ލޯކަލް ރިޕޯޓްތަކުން ބުނެއެވެ. މިކަން ދިމާވެފައި މިވަނީ ޕާކިސްތާނުގެ ރުފިޔާގެ އަގު ވަރުގަދަވެ، ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ރެކޯޑް ދަށް ދަރަޖަ 276.58 އިން ހުކުރު ދުވަހު އިންޓަބެންކް މާކެޓުގައި 259.99 އަށް އުފުލުނު ދަނޑިވަޅެއްގަ އެވެ. ޕާކިސްތާނުގެ ޑޯން ނިއުސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި އޯޕަން މާކެޓްގައި އެޤައުމުގެ ރުފިޔާގެ އަގު ޑޮލަރާ އަޅާބަލާއިރު 268 އަށް ވަނީ ބަދަލްވެފައެވެ.
ނަމަވެސް ކަޅު ބާޒާރުގައި މިހާރު ޕާކިސްތާން ފައިސާގެ އަގު ބަދަލުވަމުން އަންނަނީ ޑޮލަރަކަށް 300 ރުފިޔާއާއި ހަމައަށް ވަރަށް ބޮޑަށް މަތީ ރޭޓެއްގަ އެވެ. ޑޯން ނިއުސް އިން އިތުރަށް ރިޕޯޓްކޮށްފައިވާ ގޮތުގައި ޕާކިސްތާނުގެ ބޭންކަރުން ބުނީ ރުފިޔާގެ އަގު މަތިވީ ސަރުކާރުން ނުވަތަ މަރުކަޒީ ބޭންކުން އެކްސްޗޭންޖް ރޭޓަށް ނުފޫޒު ފޯރުވާތީ ނޫން ކަމަށާއި އެއީ އިމްޕޯޓަށް ލެޓަރ އޮފް ކްރެޑިޓް (އެލްސީ) ހުޅުވުމުގެ ހުއްދަ ނުދިނުމުގެ ހަރުކަށި ސިޔާސަތެއްގެ ސަބަބުން ކަމަށެވެ.
"ސްޓޭޓް ބޭންކް އޮފް ޕާކިސްތާން [އެސްބީޕީ] އިން ޑޮލަރު ބޭރަށް ނުކުތުމާއި އިމްޕޯޓަރުންނަށް ބޭންކުތަކުން ގަނެވޭ ގޮތް ނުވުމުން އެކްސްޗޭންޖް ރޭޓް ސްޓޭބަލްވި" ބޭންކިން މާކެޓުގައި ފައިސާ ވިއްކާ އާތިފް އަހުމަދު ވިދާޅުވި އެވެ.
ބޭންކަރުން ބުނީ އިމްޕޯޓަރުން މިހާރު ޑޮލަރު ގަތުމަށް ކަޅު ބާޒާރަށް ބަރޯސާވާން ފަށައިފިކަމަށެވެ. އަދި އެކަމުގެ ސަބަބުން އެ މާކެޓުގައި އެމެރިކާގެ ފައިސާ ވަރުގަދަވަމުން އަންނަ ކަމަށެވެ. އެކްސްޗޭންޖް ކުންފުނިތަކުން ސަރުކާރުގައި އެދިފައި ވަނީ އިމްޕޯޓްގެ ގޮތުގައި 50،000 ޑޮލަރާއި ހަމައަށް އެލްސީ ސެޓްލް ކުރުމުގެ ހުއްދަ ދިނުމަށެވެ.
ޕާކިސްތާނަށް ޖޫން މަހު އައިއެމްއެފްގެ އިތުރު ބެއިލްއައުޓެއް ބޭނުންވާނެ ކަމަށް އެސްބީޕީގެ ކުރީގެ ވެރިޔާ ވިދާޅުވެފައިވާ ކަމަށް ޑޯން ނިއުސްގެ ރިޕޯޓުގައިވެ އެވެ. މީގެ އިތުރުން އެސްބީޕީގެ ކުރީގެ އެކްޓިން އަދި ޑެޕިއުޓީ ގަވަރުނަރު މުރުތާޒާ ސައިދު ބްލޫމްބާގަށް ވިދާޅުވީ ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި 10-12 ބިލިއަން ޑޮލަރު ދައްކަން ޖެހޭތީ ޖޫން މަހު އައިއެމްއެފްގެ އިތުރު އެއްބަސްވުމެއް ބޭނުންވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް