އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގަ މޭޖާ ނަވީންގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ މޭޖާ ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ. އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބ...

27 Feb 2023 | 09:22

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގަ މޭޖާ ނަވީން ޒުބައިރުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފި އެވެ.

އެންޓީ ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު ބުނީ ނަވީންގެ މައްޗަށް ހަ ދައުވާއެއް އުފުލަން އެދިފައިވާނެ ކަމަށެވެ. އޭނާގެ މައްޗަށް ދައުވާ އުފުލަން ނިންމީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ ފައިސާ ޖަމާކުރި އެސްއޯފުން ފައިސާ ޖަމާކުރި އެކައުންޓުތަކުގެ ތެރޭގައި އޭނާ ހިމެނޭތީ އެވެ.

މި މައްސަލައިގަ ނަވީންގެ މައްޗަށް ދައުވާ އުފުލައިދޭން އެދިފައިވަނީ ރިޝްވަތު ހިފުމުގެ ދައުވާ، ރިޝްވަތު ލިބިގަތުމަށް އެދުމުގެ ދައުވާ އަދި ރިޝްވަތު ލިބިގަތުމަށް އެއްބަސްވުމުގެ ދައުވާ އެވެ. ދެން އުފުލާފައިވަނީ ސިފައިންގެ ކެޕްޓަނެއްގެ މަގާމުގައި ހުރެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި މީހަކަށް ނުވަތަ ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.

މީގެ އިތުރުން ރިޝްވަތުގެ ކުށުން ހޯދާފައިވާ ފައިސާ އަތުގައި ބަހައްޓައި، ބޭނުންކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އޭސީސީން ބުނީ މިއާއެކު މި މައްސަލައިގައި ދައުލަތަށް ލިބެން ޖެހޭ 100،000 ޑޮލަރު އަނބުރާ ހޯދުމަށް އެމްއެމްޕީއާރްސީ އަށް ވަނީ އަންގައިފައި ކަމަށެވެ.

އެ މައްސަލައިގައި އެމްއެންޑީއެފުން 2019 ވަނަ އަހަރު އޭނާ ސަސްޕެންޑް ވެސް ކުރި އެވެ. އެކަމަކު ފަހުން، ހަމަ އެ އަހަރު އޭނާގެ ސަސްޕެންޝަން އުވާލައި އަލުން ވަޒީފާއަށް ނުކުންނަން ހުއްދަ ދިނެވެ. އޭނާ މިހާރު ވެސް ހުންނެވީ ހަމަ އެ މަގާމުގަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް