ލާމަރުކަޒީ ނިޒާމް ހަރުދަނާކުރުމަށް ޢިލްމީ ޒުވާނުން ބިނާކުރުން މުހިންމު: ޢިމްރާން

ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް، ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުން ކަމަށް މިނިސްޓަރ އޮފް ހޯމް އެ...

27 Feb 2023 | 05:29

ލާމަރުކަޒީ ނިޒާމް ފުރިހަމަކޮށް، ހަރުދަނާކޮށް އުސް ހަރުފަތަކަށް ގެންދިއުމަށް ކުރަންޖެހޭ އެންމެ މުހިއްމު އެއް މަސައްކަތަކީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުން ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ރައީސް ޢިމްރާން ޢަބްދުالله ވިދާޅުވެއްޖެ އެވެ.

އިމްރާނު މިހެން ވިދާޅުވީ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް އިފްތިތާހުކުރުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ 2500 އަހަރުގެ ކުރިއަށް ރާއްޖޭގެ ހިންގުމުގެ ނިޒާމް އެކިގޮތްގޮތަށް ބަދަލުވަމުން އައިސް މިއަދު 2010 ން ފެށިގެން އަޅުގަނޑުމެން ހިންގަމުން މިދާ ނިޒާމަކީ އަދި ހަމަ ޅަފަތުގައި އޮތް ނިޒާމެއްކަމަށެވެ.

އަދި އެނިޒާމް ހަރުދަނާކޮށް ކުރިއަށް ގެންދަން އެންމެ މުހިއްމީ ޢިލްމީ ހުނަރުވެރި ޤާބިލް ޒުވާން ޖީލެއް ބިނާކުރުން ކަމަށް ވިދާޅުވިއެވެ.

މިކަމަށް އިޝާރަތް ކުރައްވާ މިނިސްޓަރ ވިދާޅުވީ 2010 ން ފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީ އުފެއްދީންސުރެ, ރާއްޖޭގެ ލާމަރުކަޒީ ނިޒާމް ހިންގުމަށް ބޭނުންވާނެ މުވައްޒަފުންނާއި, ޤާބިލް ފަރުދުން ތައްޔާރުކުރުމުގެ މަސައްކަތް މެދުކެނޑުމެއްނެތި ކުރަމުން ގެންދިޔަ ކަމަށެވެ.

މިގޮތުން ހަމައެކަނި މިވޭތުވެދިޔަ 2022 ވަނަ އަހަރު އެކަނިވެސް 1574 ބައިވެރިން އެލްޖީއޭގެ ޓްރެއިނިންގ ތަކުގައި ބައިވެރިވެ ޓްރެއިންވެފައިވާކަން މިނިސްޓަރ ފާހަގަ ކުރެއްވި އެވެ.

މިނިސްޓަރ ވިދާޅުވީ އެހެންނަމަވެސް މިހާރު މިގެންދެވޭ އުޞޫލާ ހަމަތަކުން ބަލާއިރު މިއަށްވުރެ ހަރުދަނާ ނިޒާމެއް ގެންނަން ޖެހޭކަމަށް ފާހަގަކުރެވި ޤަބޫލު ކުރެއްވުނު ކަމަށެވެ.

އޭގެ ނަތީޖާއެއްގެ ގޮތުން 2019 ވަނަ އަހަރު މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނަންސް ރަޖިސްޓްރީކުރުމުގެ މަސައްކަތް ފައްޓަވާ, އެއަހަރު ރަޖިސްޓްރީވެސް ކުރެވުނުކަމަން މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް އެމަސައްކަތް ފެށިތަނާ ދާދިގާތުގައި ކޮވިޑް19 ގެ އާލަމީ ވަބާއާ ކުރިމަތިލާންޖެހުމުގެ ނަތީޖާއެއްގެ ގޮތުން އަމަލީގޮތުން މަސައްކަތް ފެށުން މިހާ ހިސާބަށް ލަސްވެގެން ދިޔައީ ކަމަށް ވިދާޅުވި އެވެ.

އެއާގުޅިގެން ލިބުނު މުއްދަތަކީ އިތުރަށް ތައްޔާރުވެ, ހަރުދަނާކޮށް, ފުރިހަމަކުރަން ހުރި ކަންކަން ފުރިހަމަކުރަން ލިބުނު ފުރުޞަތެއްކަންވެސް މިނިސްޓަރ ފާހަގަކުރެއްވި އެވެ.

އެމުއްދަތުގެ ތެރޭގައި އިތުރު ވިސްނުންތައް ގެނެސް, އެކަމަށް އެކަށޭނަ ޤާބިލް މިންގަނޑުތައް ކަނޑައެޅުނުކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

އޭގެ ސަބަބުން މުއައްސަސާގެ ވިޝަންއާއި މިޝަންއާއި, އެހެނިހެން ގޯލްސްތަކާއި ލަނޑުދަނޑިތައް ޤާއިމްކުރެވި އެކަމަށްބޭނުންވާ ތަފާތު މާއްދާތައް އެކުލެވި, އެކަމަށް އެކަށީގެންވާ ފުރިހަމަ ތައްޔާރީއަކުން މިއަދު މިވަނީ ތައްޔާރުކުރެވިފަ. " މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ އޭގެނަތީޖާއެއްގެ ގޮތުން އިންސްޓިޓިއުޓް އިފްތިތާހުކުރެވޭއިރު އެހެން މުއައްސަސާތަކާއެކު ފަހުމުނާމާގައި ސޮއި ކުރެވިގެންދާ ކަމަށެވެ. އެއީ މިދިޔަ މުއްދަތު ލިބުމުގެ ނަތީޖާކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ މިހާރު މިފެށުނު މަސައްކަތުގެ ސަބަބުން ލިބޭނެ އެންމެ މުހިއްމު އެއް ނަތީޖާއަކީ އުފާވެރި ޒިންމާދާރު މުސްތަޤުބްލަކަށްޓަކައި އިންސްޓިޓިއުޓްގައި ތަމްރީނުވުމުގެ ފުރުޞަތު އެބޭފުޅުންނަށް ފަހިކޮށްދިނުން ކަމަށެވެ.

ރާއްޖޭގެ ގަވަރނިންގ ސިސްޓަމް ހަރުދަނާކޮށް, ޖަޒީރާ ރަށްތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާ ގާތުން ފަސޭހަމަކާއެކު އެކަށީގެންވާ ފެންވަރުގެ ޚިދުމަތެއް ތައްޔާރުކުރައްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެފުރުޞަތު އިންސްޓިޓިއުޓްގެ ސަބަބުން ލިބިގެންދާނެކަން ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ލިބިފައިވާ ވަޞީލަތްތަކުގެ ބޭނުންކޮށްގެން ލާމަރުކަޒީ ސިފައެއްގައި އިޤްތިޞާދީ, އިޖުތިމާއީ ހަމަތައް ފުރިހަމައަށް ޤާއިމްކޮށް ރަށްރަށުން ސިއްހަތާއި އިލްމްގެ މަގުތައް ފަހިކޮށްދިނުމަށް މިމުއައްސަސާގެ ތެރެއިންލާފަ އަޅުގަނޑުމެންނަށް މަގުފަހިކުރެވިގެންދާނެ ކަމަށާއި މިބިންގަލަކީ މިފަދަގޮތަކަށް އެޅިގެންދާ މިފަދަ ޢިލްމީ އެންމެ ފުރަތަމަ ބިންގާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެ އިތުރުން މުޖުތަމައެއް މަތިވެރިވެ ކުރިއަރާދަނީ އިލްމްގެ ނަތީޖާތައް ހާސިލްކުރުމުން ކަމަށާއި، އެހެން ކަމުން ދީނުގައި އިލްމް އުގެނުމަށް ބާރު އަޅުއްވާފައިވާކަން ވެސް ފާހަގަ ކުރެއްވި އެވެ. އަދި އިންސާނާ ކާމިޔާބު ކަމާއެކު ކުރިއަށް ދިއުމަށް ބޭނުން ވަނީ އީމާން ކަމާއި އިލްމް އެކުގައި ކުރިއަށް ގެންދިއުން ކަމަށް މިނިސްޓަރ އިމްރާން ވިދާޅުވެފައި ވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް