ފަސްޖެހުމެއް ބިރެއްނެތި ކުށްކުރަމުން ދަނީ މުއައްސަސާތަކާއި ހަވާލުވެގެން ތިބި ފަރާތްތަކުގެ ނާގާބިލުކަމުން ކަމަށް އެމްއެންޕީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.
އެމްއެންޕީގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ނާޒިމް ރޭ ވިދާޅުވީ މިހާރު ފެންނަނީ ރާއްޖޭގެ އިޖްތިމާއި ފޭރާން ވީދިފައި އޮތް މަންޒަރު ކަމަށެވެ. މި ފަހުން ފިހާރައެއްގެ ސޭޓަކަށް ހަމަލާދީ ޒަޚަމްކޮށްލި ހާދިސާއާއި ފަތުރުވެރިއަކު ރޭޕްކޮށްލި މައްސަލައަށް އިޝާރާތް ކުރައްވާ ނާޒިމް ވިދާޅުވީ އާއިލާއާ އެކު ގޭގައި މަޑުކޮށްލައިގެން ހުންނައިރު ހިތުގައި ބިރުވެރިކަން އުފެދޭ މިންވަރަށް ރާއްޖޭގެ ހާލަތު ގޯސްވެފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ރާއްޖެއަށް ނަފާ ލިބެންއޮތް ފަތުރުވެރިކަމުގެ ސިނާއަތް ހަލާކުވެގެންދާތަން ބަލަން ތިބެގެން ނުވާނެކަމަށެވެ. މުސްތަޤުބަލާއި މެދު ވިސްނަން ޖެހޭ ކަމަށް ވިދާޅުވިއެވެ.
އެގޮތުން މިފަދަ ކުށްތައް ހިނގަނީ ކޮންބައެއްގެ އިހުމާލުންތޯ ބަލައި އެކަމުން އަރައިގަނެވޭނެ ގޮތްތައް ހޯދަން ޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ހަތަރުލައްކަފަންސާސްހާސް މީހުން އުޅޭ ޤައުމެއްގައި ސަލާމަތާ ރައްކާތެރިކަން ނުބެލެހެއްޓޭނަމަ ވެރިއަކު ހުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ނާޒިމް ވިދާޅުވީ ވެރިއަކަށް ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްތިއުފާ ދެއްވައި ގެއަށް ވަޑައިގެންނަވަން ޖެހޭ ކަމަށެވެ.
ދައުލަތުގެ ކޮންމެ އަހަރަކު އެތައް ފައިސާއެއް ސަލާމަތީ ބާރުތަކަށް ހޭދަކުރާއިރު ނަތީޖާ ނުފެންނަ ސަބަބަކީ ހަވާލުވެގެން ތިބި މީހުންނަށް އެކަން އެންމެ އެކަށީގެންވާ ގޮތަށް ނުކުރެވޭތީ ކަމަށް މުޙައްމަދު ނާޒިމް ވިދާޅުވިއެވެ. އަދި ދެއްވި ޔަގީންކަމަކީ އެމްއެންޕީގެ ވެރިކަމެއްގައި މުއައްސަސާތަކަށް އައްޔަންކުރަނީ ގާބީލު ތައުލީމީ ބޭފުޅުންކަމެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް