މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ މާފުށީ ޖަލުގައި ފުރަތަމަ ފަހަރަށް މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށް ޖަލުގައި ތިބޭ ގައިދީންނަށް އަމާޒުކޮށްގެން ޑްރަގް ރިހެބިލިޓޭޝަން ޕްރޮގްރާމް ފަށައިފިއެވެ.
މިއަދު އެ ޖަލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް އިފްތިތާޙް ކޮށްދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް އިމްރާން ޢަބްދުﷲ އެވެ.
މި ޕްރޮގްރާމަކީ މަސްތުގެ ވަބާގައި ޖެހިފައިވާ ޤައިދީން ރިހެބިލިޓޭޓްކޮށް، ބޭނުންތެރި ބައެއްގެ ގޮތުގައި މުޖުތަމަޢަށް އަނބުރާ ނެރުމަށް އެ ފަރާތްތައް ޑިޓޮކްސްކޮށް ޑްރަގް ޓްރީޓްމަންޓު ދިނުމާއި، ދިރިއުޅުމުގެ ހުނަރުތަކާއި ވަޒީފާ އަދާކުރުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ފަށާ ޕްރޮގްރާމެކެވެ.
އެގޮތުން މި ޕްރޮގްރާމް ފަށާފައި ވަނީ މަސްތުވާތަކެއްޗާ ގުޅިގެން ޙުކުމް ތަންފީޒުކުރަމުންދާ 40 ޤައިދީންނާއެކުގައެވެ.
އަދި މި ޕްރޮގްރާމް އެކުލެވިގެންވަނީ 4 މަރުހަލާއަކަށެވެ. ފުރަތަމަ މަރުހަލާއަކީ 21 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޑީޓޮކްސިފިކޭޝަން މަރުޙަލާއެވެ. ދެވަނަ ވަނަ މަރުހަލާއަކީ ރީހެބިލިޓޭޝަން މަރުޙަލާއެވެ. މި މަރުޙަލާގައި ކަނޑައެޅޭ ވަކި ތާވަލެއްގެ ދަށުން ޕްރޮގްރާމުގެ ބައިވެރިންނަށް ސައިކޯ-ސޯޝަލް ސަޕޯޓް ފޯރުކޮށްދިނުމާއެކު ދިރިއުޅުމުގެ ހުނަރުތަކާއި ވޮކޭޝަންލް އަދި ސްކިލް ޓްރެއިނިންތައް ފޯރުކޮށްދިނުމާއި ދީނީ ކަންކަމަށް ހޭލުންތެރިކޮށް ހަރުދަނާ ބަޔަކަށް ހެދުމަށް ހިންގާ ޕްރޮގުރާމްތައް ހިމެނޭ ކަމަށް ކަރެކްޝަންސް އިން ހާމަކުރެއެވެ.
ތިން ވަނަ މަރުހަލާގައި ޕްރޮގްރާމުގެ ބައިވެރިން މުޖްތަމަޢަށް ނެރުމުގެ ކުރިން މުޖްތަމަޢަށް ނެރުމުގައި ހުރި ރިސްކްތައް ދެނެގަތުމަށްޓަކައި ރިސްކް އެސެސްމަންޓްތައް ހަދައި، މުޖުތަމަޢުން ލިބެންހުރި ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމުގެ މަސައްކަތްތަކާއެކު ޕެރޯލްގެ ދަށުން މުޖުތަމަޢަށް ނެރުމަށް މަސައްކަތްކުރެވިގެންދާނެއެވެ.
މީގެ އިތުރުން ހަތަރު ވަނަ މަރުޙަލާއަކީ އަފްޓަރ ކެއަރ ސަރވިސް ނުވަތަ ޕްރޮގްރާމްގެ ތެރެއިން މުޖުތަމަޢަށް ނެރޭ ފަރާތްތައް މޮނިޓަރ ކުރާ މަރުހާލާއެވެ.
ހޯމް މިނިސްޓަރ އިމްރާންގެ އިތުރުން، މިނިސްޓަރ އޮފް ޙެލްތް އަޙްމަދު ނަސީމް އާއި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް ޢަލީ ނަޒީރު އަދި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް މުޙައްމަދު މާހިރު އީސާ އާއި ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙްމަދު މުޙައްމަދުފުޅު އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ އާއި އެސިސްޓަންޓް ކޮމިޝަނަރ އޮފް ޕްރިޒަންސް މުޙައްމަދު އާޞިފްގެ އިތުރުން ނެޝަނަލް ޑްރަގް އޭޖެންސީގެ ޗެއަރމަން ޝަމާއު ޝަރީފް އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ޖެނެރަލް މެނޭޖަރ ހަސަން ސައީދު އަދި ކޮމިޝަންޑް އޮފިސަރުން މި ރަސްމިއްޔާތުގައި ބައިވެރިވެފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް