މާދަމާ ވާއްވަން ކުރިން އިއުލާނުކޮށްފައި އޮތް، އެމްޑީޕީގެ ޑެޕިއުޓީ ޕީޖީ ލީޑަރު ހޮވުމުގެ އިންތިހާބު ފަސްކޮށްފިއެވެ.
މި އިންތިހާބު ކުރިން ބާއްވަން ތާވަލުކޮށްފައިވަނީ މާދަމާ އެވެ. ނަމަވެސް މި އިންތިހާބު މި އަންނަ މަހުގެ ހަތްވަނަ ދުވަހު ބާއްވަން މިހާރު މިވަނީ ނިންމާފައެވެ.
މިގޮތުން އެމްޑީޕީޏް މިރޭ ބުނެފައިވަނީ މިޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މަޤާމްތަކަށް މެމްބަރުން އިންތިޚާބު ކުރުމަށް 28 ފެބްރުއަރީ 2022 ވާ (ހޯމަ) ދުވަހު ބޭއްވުމަށް ކުރިން އިއުލާން ކޮށްފައިވާ އިންތިޚާބު، 7 މާރޗް 2022 ވާ ހޯމަ ދުވަހު ބާއްވާ ގޮތަށް ފަސްކޮށްފައިވާކަމަށެވެ.
"މިއިންތިޚާބުގެ ވޯޓުލުން އޮންނާނީ 7 މާރޗް 2022 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 2:00 އިން ހަވީރު 4:00 އަށެވެ. ވީމާ މިކަން އާއްމުކޮށް އިއުލާން ކުރީމެވެ." އެމްޑީޕީން ބުނެފައިވެއެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މަގާމުތަކަށް މެމްބަރުން އިންތިހާބު ކުރުމަށް ވޯޓު ނެގީ މި މަހުގެ 18 ވަނަ ދުވަހުގައެވެ. ޕީޖީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި ދެ މެމްބަރުން ތިއްބަވާއިރު ދެ ވަނަ މެމްބަރަކު ކަނޑަނޭޅުނީ ވޯޓު އެއްވަރުވުމުންނެވެ.
މި އިންތިހާބުގައި ވާދަ ކުރެއްވީ މުހައްމަދު ރަޝީދު ހުސައިން (ބިގޭ) އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބާއި، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް އެވެ. ބިގޭއަށް 49 ވޯޓު ލިބިވަޑައިގެން މަގާމު ލިބިވަޑައިގެންނެވި އިރު އަނދުން ހުސައިން އާއި އިލްޔާސްއަށް ލިބިވަޑައިގެންނެވީ34 ވޯޓެވެ.
މާރިޗް މަހުގެ ހަތްވަނަ ދުވަހު ވޯޓު ނަގާނީ އިލްޔާސް އާއި އަނދުން ހުސައިންގެ މެދުގައި އެވެ.
18 ވަނަ ދުވަހު އިންތިހާބުގައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރުކަން ކާމިޔާބު ކުރެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ކެންޑިޑޭޓް ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ.
ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު ކަން އަސްލަމް ކާމިޔާބު ކުރެއްވީ 40 ވޯޓުންނެވެ. އަސްލަމްއާއި ވާދަކުރެއްވި މިހާރު ވެސް އެ މަގާމު ފުރުއްވާ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމަށް ލިބިވަޑައިގަތީ 25 ވޯޓެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް