ހަނގުރާމަ އާއި ގުޅިގެން އެނބުރި ގައުމަށް ނުދެވި ރާއްޖޭގައި ތިބި ޔޫކްރެއިން ޓޫރިސްޓުންގެ ވިސާ އާކޮށްދޭން ފަށައިފި އެވެ.
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މީޑިއާގައި ވިދާޅުވީ ހަނގުރާމަ އާއި ގުޅިގެން ރާއްޖޭގައި ތާށިވެފައި ތިބި ބައެއް ޓޫރިސްޓުން ފުރަން ބޭނުންވާތީ އެ މީހުން ފުރުމުގެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ. މިވަގުތު ރާއްޖެއިން ފުރައިގެންދާ މީހުންނަށް ޔޫކްރެއިން އާއި ކައިރި ގައުމުތަކަށް އެތެރެވުމުގެ އިންތިޒާމްވެސް ފޮރިން މިނިސްޓްރީ އާއި ގުޅިގެން ހަމަޖައްސައި ދެމުންދާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގައި އިތުރަށް މަޑުކުރަންޖެހޭ ޓޫރިސްޓުންގެ ވިސާ އިތުރުކޮށްދެމުންދާ ކަމަށެވެ. އަދި އެމީހުން ދިގު މުއްދަތަކަށް ތިބެން ބޭނުންވެދާނެ ކަމަށް ބަލައި ޓޫރިޒަމް ދާއިރާގެ ފަރާތްތަކާއި ގުޅިގެން އަގު ހެޔޮ ތަންތަން ބަލައި ތިބެވޭނެ އިންތިޒާމް ހަމަޖައްސަމުންދާ ކަމަށެވެ.
ހަނގުރާމަ އާއި ގުޅިގެން މިދިޔަ ބުދަ ދުވަހުން ފެށިގެން ޔޫކްރެއިންގެ ވައިގެ ދަތުރުތައް ވަނީ ހުއްޓާލާފަ އެވެ. މިހާރު އެ ގައުމުން މީހުން ބޭރުވަމުން ދަނީ އެއްގަމު މަގުން އަވައްޓެރި ގައުމުތަކަށް އެތެރެވެގެންނެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ މިވަގުތު ރާއްޖޭގައި ރަޝިޔާގެ 8،000 ޓޫރިސްޓުންނާއި، ޔޫކްރޭނުގެ ޖުމްލަ 750 ޓޫރިސްޓުން އެބަ ތިބިކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް