މަޖަލާއި ސަކަރާތުގައި ތިބެފައި އަމްރާ އެއްޗެއް ބަލައި ބަދިގެއަށް ދާންވެގެން ތެދުވި ވަގުތު ދޮރަށް އެރި ބައެއް ފެނިފައި އޭނާއަށް ލިބުނީ ކުއްލި ސިހުމެކެވެ. އަމްރާއަށްވީ ގޮތް ފެނި ދެން ތިބިމީހުންވެސް ދޮރާ ދިމާލަށް ބަލައިލިއެވެ.
" މަމް.. ބައްޕާ..." ދޮރުމަތީގައި ތިބި ހުރާޝާއާއި އައްބާސް ފެނުމުން އަމްރާއަށް ގޮވައިލެވުނެވެ. އެތައް ދުވަހަކަށް ފަހު މައިންބަފައިން ފެނުމުން އެންމެންނަށްވެސް ލިބިފައިވަނީ ބަޔާންކުރަން ދަތި އުފަލެކެވެ. ރޫބީގެ ހިތްއަވަސްވެލުމާއެކު ހޯދައިލެވުނީ އޭނާގެ މައިންބަފައިންނެވެ. އަމްރާ ދުވެފައި ކަހަލަ ގޮތަކަށް ގޮސް ހުރާޝާ ގައިގައި ބައްދައިލިއެވެ. ހުރާޝާއާއި އައްބާސްގެ ފަހަތުން ގެއަށް ވަން ރީނާ ފެނި ރޫބީވެސް ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރީނާ ގައިގައި ބެއްދިއެވެ.
" މަންމަމެން ނުވެސް ބުނެ ތިއައީ ސަޕްރައިޒެއް ދޭންވެގެން ދޯ.. ރީނާއްތަ ކޮން އިރަކު ރަށުން އައީ.؟" އެމީހުންނާ އަރާ ހަމަވުމުން ޒޫނީ އަހައިލިއެވެ. ހުރާޝާ އާއި އައްބާސް އެކަކު އަނެކަކަށް ބަލައިލިއެވެ. އެހިނދު ރީނާގެ ލޮލުން ވެއްޓުނު ކަރުނަތިކި ފެނި ރޫބީގެ ހިތް ބިރުގަތެވެ. އެތިން މީހުންނަށްވެސް ލިބިފައިވާ ހިމޭންކަން ހުރިހާ ކުދިންގެ ހިތް ނުތަނަވަސް ކުރުވައިފިއެވެ. ރޫބީގެ ދެލޯ ހޯދަމުން ދިޔައީ އޭނާގެ ލޯބިވާ ބައްޕައެވެ.
" މަންމާ.. ކޮބާ ބައްޕަ؟" އެންމެ ފަހުން ރޫބީ އަހައިލިއެވެ. ރީނާ ވަކި އެއްޗެއް ނުބުނެ އިސްޖަހައިލިއެވެ.
" ވަޓްސް ރޯންގް... ކަމެއްވީތަ؟" އާކިން އަހައިލިއެވެ.
" ބައްޕާ... ކޮބާ މުއީންބެ..." ހާލަތު ކޮންމެވެސް ވަރަކަށް އެނގިހުރެ އަރީކް އަހައިލިއެވެ.
" އިހަށް ހިނގާބަލަ މިތާ އިށީންނަން...." ސޯފާ އާއި ދިމާލަށް ހިނގައިގަންނަމުން އައްބާސް ބުންޏެވެ. އެހެން ހުރިހާ އެންމެންވެސް އައްބާސްގެ ފަހަތުން ހިނގައިގަތެވެ.
" ނޫން.. މަންމާ ކޮބާ ބައްޕަ... ކޮބާހޭ ބައްޕަ..." ރޫބީގެ ބާރު އަޑަށް އެންމެން ސިހިފައި ބަލައިލިއެވެ.
" ރޫބީ.. ހަމަޖެހިލައިގެން ވާހަކަ ދައްކާނީ..." ރޫބީ ކައިރިއަށް ޖެހިލަމުން ހުރާޝާ ބުންޏެވެ.
" ނޫން.. އިހަށް ބުނޭ ބައްޕަ ވީތަނެއް... މަންމާ ކޮބާތަ ބައްޕަ؟" ރީނާގެ ދެކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ރޫބީ އަހައިލިއެވެ. އެހިނދު އިތުރަށް ކެތް ނުކުރެވި ރީނާއަށް ރޮވުނެވެ. އެމަންޒަރު ފެނި ރޫބީގެ ހިތް ކުރިއަށްވުރެ ބޮޑަށް ބިރުގަންނަން ފެށިއެވެ.
"ކިހިނެއް މިވަނީ.. މަމް މެން އަހަރުމެންނަށް ކަމެއް ސިއްރު ކުރަނީތަ؟.. ރީނާއްތަ ކީއްވެ ރޮނީ..؟ ވަޓްސް ގޮއިން އޮން ބައްޕާ.." އަމްރާ ކަންބޮޑޫވެފައި ހުރެ އަހައިލިއެވެ.
" އޯކޭ.. އެންމެ ފުރަތަމަ މައާފަށް އެދެން ތިކުދިންނަށް ކަމެއް އޮޅުވައިލެވުނީތީ... އެކަމަކު އެއީ މުއިންގެ އެދުމަކަށް..." އައްބާސް ބުނެލިއެވެ.
" ކޮންކަމެއް.. މުއީންބެ ކޮބާ؟" އަނެއްކާވެސް އަމްރާ އަހައިލިއެވެ.
" ބައްޕަމެން ދިޔައީ މުއީންގެ ކެންސަރު ފަރުވާއަށް... މިވީހާ ދުވަހު އުޅުނީ އެކަމުގައި.. " ހުރާޝާ ބުނެލިއެވެ. އަމްރާއައި ޒޫނީއަށް އަނގަމަތީގައި އަތް އަޅައިލެވުނީ ލިބުނު ސިހުމުންނެވެ.
" މުއީން.. މުއީން.. މިވަގުތު އޮތީ އައި ސީ ޔޫ ގަ... " އެހެންބުނި ހިނދު އައްބާސްގެ އަޑުގައި ތުރުތުރެއް އުފެދިގެން ދިޔައެވެ. ރީނާއަށް މޫނުމަތީގައި އަތް އަޅާފައި ރޯން ފެށުނެވެ. އެހިނދު ހުރާޝާ ރީނާ ގެނެސް އޭނާގެ ގަޔާ ކައިރިކޮށްލިއެވެ.
" ނޫން އެހެން ވާންވީ ކީއްވެގެން... މަންމަ ބުނީމެއްނު ބައްޕަ ރަނގަޅޭ.. " ރޫބީ ބުނެލިއެވެ.
" މަންމައަށް މައާފުކުރޭ ދަރިފުޅާ.. އޭރުވެސް މަންމަ ދޮގު ހެދީ.. ދަރިފުޅު ދުރުގަ ހުއްޓައި ދުރުކޮށްލަން ބޭނުންނުވީ.. ވޭތުވެދިޔަ ދުވަސްތަކުގައި ބައްޕަ ގޮވައިގެން އެކި ގައުމުތަކަށް ދެވިއްޖެ.. އެކަމަކު ބައްޕަގެ ބައްޔަށް ދެވޭނެ އިތުރު ފަރުވާއެއް ނެތްކަމަށް ބުނަނީ.. ބައްޕަ ބޭނުންވީ އެންމެ ފަހު ދުވަސްތައް އަމިއްލަ ވަޒަނުގައި ހޭދަކުރަން.. އެހެންވެ އެންމެ ފަހުން މިއައީ..." ރީނާ ރޮމުން ކިޔައިދިނެވެ. ރޫބީއަށް ރޯންފެށުނީ ބޭއިޙްތިޔާރުގައެވެ. އެހިނދު އާކިން ރޫބީގެ ގައިގައި ހިފަހައްޓައިލިއެވެ. އާކިންގެ އޯގާތެރި ބީހުން އިހުސާސްވުމާއެކު ރޫބީއަށް އާކިންގެ މޭގައި ލައްވެލެވުނެވެ. ރޫބީގެ އެ ވޭނީ ރުއިމުގެ އަޑު އިވުމުން އާކިންގެ ހިތަށް އުނދަގޫވިއެވެ. މީގެ ކުރިން މީހެއްގެ ރުއިމުގެ އަޑު އިވިގެން ދުވަހަކުވެސް ނުވާ ވަރަށެވެ.
" މިފަދަ ވަގުތެއްގައި މިހެން ބުނަން ޖެހުނީތީ މައާފަށް އެދެން.. އެކަމަކު ދަރިންނަށް ހެވެއް އެދިގެން ވިޔަސް ތިކަހަލަ ކަންތައްތައް ދަރިންނަށް ސިއްރު ކުރުމަކީ ރަނގަޅު ކަމެއް ނޫން.. އަދި މައިންބަފައިންނަށް ލިބިގެންވާ ހައްޤެއްވެސް ނޫން... " އަމްރާ ބުންޏެވެ.
" އަހަރެން ބޭނުން ބައްޕަ ކައިރިއަށް ދާން... " ރޫބީ ރޮމުން ބުންޏެވެ.
" މަންމަ މިއައީވެސް ދަރިފުޅު ބަލާ.. " ރޫބީ ކައިރިއަށް ޖެހިލާ އޭނާގެ ބުރަކަށީގައި ފިރުމައިލަމުން ރީނާ ބުންޏެވެ.
*****************
ގޭދޮރުމަތީގައި ހުރި ސައިފް ހުރީ ފާރައަށެވެ. ނަދީމާ އުޅޭ ގެއާ ދިމާލަށް އޭނާ ބަލަހައްޓައިގެން އެހުންނަނީ އޭނާގެ ފިރިމިހާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައެވެ.
" ކޮބާ އަދިވެސް ނުނިކުމޭތަ؟ " ސައިފްގެ ފަހަތުން ބޯދިއްކޮށްލަމުން ނަޖުވާ އަހައިލިއެވެ.
" އާނ އަދި ނުނިކުމޭ.. ކޮބާ ބަތްގަނޑު ރެޑީވީތަ..؟ ވަރަށް ބަނޑުހައިވެސް ވެއްޖެ.." ސައިފް ބުނެލިއެވެ.
" ރެޑީވަނީ.. ސައިފް ރަނގަޅަށް ބަލާތި.. އެމީހާ ހަމަ ނިކުންނައިރަށް އަހަރެން ބޭނުން ދާން.. " ނަޖުވާ ބުންޏެވެ.
" އެއޮއް ނިކުތީ.. އެއޮއް ނިކުތީ..." އެމީހާ ފެނުމާއެކު އަވަސްއަވަހަށް ސައިފް ބުންޏެވެ.
" ކޮބާ..." ތަންކޮޅެއް ބޮޑަށް ބޯދިއްކޮށްލަމުން ނަޖުވާ އަހައިލިއެވެ. " ހިނގާ ދާން އަވަހަށް... އައި ކާންޓް ވެއިޓް އެނީ މޯރ"
ނަޖުވާ ސައިފްގެ އަތުގައި ހިފައިގެން ހިނގައިގަތެވެ. އެގޭ ދޮރާށި ކައިރިއަށް ހުއްޓުމަށްފަހު ސައިފް ދޮރުގައި ޓަކި ޖަހަން އުޅުނެވެ. ނަމަވެސް އޭގެ ކުރިން ނަޖުވާ ސައިފްގެ އަތުގައި ހިފެހެއްޓިއެވެ.
" ވަނުމުގެ ކުރިން ހުއްދަ ހޯދަން ވާނެއްނު..." ސައިފް ބުނެލިއެވެ.
" ނޫން.. އޭރުން އަނެއްކާވެސް އޭނަ އަހަރެންނަށް ފިލަން އުޅެދާނެ... ހިނގާބަލަ ވަންނަން.." ނަޖުވާ ބުންޏެވެ.
ކުޑަ ފިރިހެން ކުއްޖަކަށް ކާންދޭން އިން ނަދީމާއަށް ގެއަށްވަން ނަޖުވާ ފެނުމާއެކު ފުންމައިގެން ތެދުވެވުނެވެ. އޭނާގެ މޫނުމަތިން މިފަހަރުވެސް ނަޖުވާއަށް ފެނުނީ ކުރިން ފެނުނު ފަދަ ނުތަނަވަސް ކަމެކެވެ.
" ކީއްކުރަން ތިއައީ... " ނަދީމާ ބުންޏެވެ. އެވަގުތު އެތާ އިން ކުޑަ ފިރިހެން ކުއްޖާ އޭނާގެ ތުއްތު އަޑުން އެއީ ކޮންބައެއްތޯ ނަދީމާ ކައިރިން ސުވާލު ކުރިއެވެ. އެކުއްޖާ ނަދީމާއަށް މަންމާއޭ ކިޔާފައި މުހާތަބު ކުރުމުން އެއީ އޭނާގެ ދަރިއެއްކަން ނަޖުވާއާއި ސައިފްއަށް އެނގުނެވެ.
" ދަރިފުޅު އިހަށް ދޭބަލަ ކޮޓަރިއަށް ކުޅެން.. " އެކުއްޖާ ފޮނުވާލުމަށް ނަދީމާ ބުނެލިއެވެ.
" އަހަރެން މިއައީ ވާހަކަ ދައްކާލަންވެގެން.. " ނަޖުވާ ބުންޏެވެ.
" މައާފު ކުރޭ.. ވާހަކަ ދައްކަން އިންނާކަށް އަހަރެންނަށް ވަގުތެއް ނެތް.. ނަޖުވާއަށް ރަނގަޅުވާނީ އިހަށް މިތަނުން ދިއުން.. ނުދަންނަ މީހުން މިގެއަށް އައިސް ގޮސް ހެދުމަކީ އަހަރެންގެ ފިރިމީހާ އެހާ ހިތްހަމަޖެހޭ ކަމެއް ނޫން..." ނަޖުވާގެ މޫނަށް ނުބަލަން މަސައްކަތް ކުރަމުން ނަދީމާ ބުންޏެވެ.
" އަހަރެންމީ ނުދަންނަ މީހެއް ނޫނެއްނު.. އަހަރެންގެ ނަންވެސް ހަނދާން އެބަހުއްޓެއްނު.. " ހީނލަމުން ނަޖުވާ ބުންޏެވެ. " އަހަރެން މިއައީ ހަމަ އެންމެ ސުވާލެއް ކޮށްލަން ވެގެން..."
" މިބުނީނު އަހަރެންނަށް ވަގުތެއް ނެތޭ.. އާދޭސްކޮށްފަ ބުނަން ދޭ މިތަނުން..." ނަދީމާ ހިތްހަމަނުޖެހިފައި ބުންޏެވެ.
" ނަޖޫ ހިނގާ ދާން..." ނަޖުވާ އަތުގައި ހިފަމުން ސައިފް ބުންޏެވެ. އެހެންނަމަވެސް ނަޖުވާ ހުރީ އޭނާގެ ސުވާލުގެ ޖަވާބު ނުލިބެނިސް އެތަނުން ދާ ގޮތަކަށް ނޫނެވެ.
" ކީއްވެ އަހަރެންގެ މާމަގެ ނަން އެހީ.. މާމަ ދަންނަން ދޯ..؟ އެނގޭތަ؟ އަހަރެންގެ މަންމައަށްވެސް ކިޔަނީ ނަދީމާ.. އެމަންމަ އަހަރެން ވިހާފަ ފިލައިގެން ދިޔައީ.. " ވަރަށް ފުންކޮށް ނަދީމާގެ މޫނަށް ބަލަހައްޓައިގެން ހުރެ ނަޖުވާ އެހިއެވެ. އެހިނދު ނަދީމާ މޫނަށް އަރައި ފޭބި ކުލަވަރުން އޭނާގެ ހިތުގައި އޮތް ޝައްކު އިހުނަށްވުރެ ވަރުގަދަ ވިއެވެ.
" ނޭނގ.. އަހަރ.... " ނަދީމާއަށް ވާހަކަ ދައްކަން އުނދަގޫވިއެވެ.
" ތީ އަހަރެންގެ މަންމަތަ؟" މާގިނަ ވާހަކަތަކެއް ދައްކަން ނުހަދާ އޭނާގެ ހިތަށް އުނދަގޫ ކުރަމުން ދިޔަ ސުވާލު ނަޖުވާ ކޮށްލިއެވެ. އެވަގުތު ނަދީމާއަށް ލިބުނީ ސިހުމެކެވެ. ބޮޑުވެފައިވާ ދެލޮލުން ނަޖުވާއަށް ބަލަހައްޓައިގެން ހުރިއިރު އޭނާގެ ދެލޯ ފެންކަޅިވިތަން ނަޖުވާއަށް ފެނުނެވެ. ވާހަކަ ދައްކަން އެތައް ފަހަރަކު ނަދީމާ އަނގަ ހުޅުވައިލިއެވެ. އެހެންނަމަވެސް އޭނާގެ ދުލުން އެންމެ ބަހެއްވެސް ބޭރު ނުވިއެވެ. ނަދީމާގެ ހަރަކާތްތަކުން ނަޖުވާއަށް އޭނާގެ ސުވާލުގެ ޖަވާބު ލިބުނުފަދައެވެ. އެއީ އޭނާގެ މަންމަކަން ޔަގީންވެއްޖެއެވެ. އަނގައިން އާހެއް ބޭރުވުމާއެކު ނަޖުވާގެ ދެލޮލުން ހޯސްލާފައި ކަރުނަ ފައިބަން ފެށިއެވެ. ދެތުންފަތް ތުރުތުރު އަޅަން ފެށުމުން އޭނާއަށް ތިރީ ތުންފަތުގައި ދަތްއަޅައިލެވުނެވެ. އެމަންޒަރު ފެނި ސައިފް އޭނާ ހިފަހައްޓައިގެން ހުރި ނަޖުވާގެ އަތަށް ފިތައިލިއެވެ.
" ދަރިފުޅާ...." އެންމެފަހުން ކެތް ނުވޭ ނަދީމާއަށް ބުނެވުނެވެ. އޭރު އޭނާގެ ދެލޮލުންވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހެމުން ދިޔައެވެ. ނަޖުވާއަށް ދެލޯ މަރައިލެވުނީ ހިތަށް ލިބުނު ހަމަޖެހުމަކުންނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާގެ މަންމަގެ ދުލުން ދަރިފުޅާއޭނ ބުނި އަޑު އިވުމުން ހިތަށް ލިބިގެން ދިޔަޢީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ.
*****************
އައި ސީ ޔޫގެ ބޭރުގައި ރީނާއާއި ރޫބީގެ އިތުރުން އާކިން ހުއްޓެވެ. ރީނާގެ އަތުގައި ހިފާލައިގެން ރޫބީ އިންއިރު ރޫބީ ކައިރީގައި ކޮޅަށް އާކިން ހުއްޓެވެ.
" އެބަ އަންނަން ފެންފުޅިއެއް ހިފައިގެން..." ރޫބީގެ ކޮނޑުގައި އަތް ބާއްވައިލަމުން އާކިން ބުންޏެވެ. ރޫބީ ބޯޖަހައިލުމުން އެތަނުން ދިއުމަށް އާކިން ހިނގައިގަތެވެ.
" ރޫބީ.. ނަޖޫގެ ހަބަރެއްވިތަ؟.." އިރުކޮޅެއްފަހުން ރީނާ އަހައިލިއެވެ. ރޫބީ ބޯޖަހައިލިއެވެ.
" ނަޖޫ ކިޔަވަން ދިޔައީއޭ ކިޔާފަ މަންމަ ކިއްވެ ދޮގުހެދީ..؟" ރޫބީ އަހައިލިއެވެ.
" ނަޖޫ ގެއިން ނިކުމެގެން ދިޔައީ ކޮންތަނަކަށް ނޭނގޭކަމަށް ބުނުމުން ރޫބީ ދުވަހަކުވެސް އަމިއްލަ ނަފްސަށް މައާފެއް ނުކުރެވޭނެކަން އެނގޭ.. އެހެންވެ ކިޔަވަންދާ ވާހަކަ ބައްޕަ ކައިރީގައި ބުންޏޭ ބުނީ.. ހަޤީޤަތަކީ މުއީނު ކައިރިގައިވެސް ނަޖުވާ އެހެން ނުބުނާކަން.. އޭނާގެ ބަލިހާލަތު ހުރިގޮތުން އަހަރެން ރޫބީ ކައިރީގައި ބުނި ގޮތަށް އޭނަ ކައިރީގައިވެސް ބުނީ.. މުއީން ވަރަށް ގިނައިން އަހާ ނަޖުވާ ކޮބައިތޯ.. ނުގުޅަނީ ކީއްވެތޯ.. މުއީންގެ އެދުމަކީ އެންމެ ފަހުފަހަރަށް ނަމަވެސް ރޫބީއާއި ނަޖޫ ދެކިލުން.. ނަޖޫ ވީތަނެއް ރޫބީއަށް އެނގެންޏާ އޭނަ ކައިރީގައި ބުނޭ ވީހާވެސް އަވަހަކަށް އަންނަން.. މުއީންގެ ހަޤީޤަތް އެނގިއްޖެނަމަ އޭނަ ނައިސް ނުހުންނާނެކަން ޔަގީން.." ރީނާ ބުންޏެވެ. ރޫބީ ނަޖުވާގެ ހުރިހާ ވާހަކައެއް ރީނާއަށް ކިޔައިދިނެވެ. މިހާރު ނަޖުވާ ހުރިތަން ވެސް ބުނެދިނެވެ. ނަޖުވާ އުޅުނު ހާލު އެނގުމުން ރީނާގެ ހިތުގެ ރިހުން އިތުރުވި ކަހަލައެވެ. ނަޖުވާއަށް އެފަދަ ގޮތެއް ދިމާވަން މެދުވެރިވީ އޭނާގެ ސަބަބުންކަމަށް ހީކުރެވި އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ރީނާ އެދުނީ ވީހާވެސް އަވަހަކަށް ނަޖުވާ ގެނެސްދިނުމަށެވެ. ނަޖުވާ ދެކިލާހިތުން ހުދު އޭނާވެސް ވަނީ ކެތްމަދުވެފައެވެ.
***********************
" އެދުވަހުގެ ފަހުން ދުވަހަކުވެސް ހިތަކަށް ނާރާ އަހަރެންގެ ދަރިފުޅު މިދެލޮލަށް ފެންނާނެއޭ.. އެކަމަކު ﷲގެ ކުޅަދުންވަންތަކަން ދެކިބަލަ.. މަރުވުމުގެ ކުރިން އަހަރެންގެ އޮތީ އެންމެ އެދުމެއް.. އެއީ އަހަރެންގެ ދަރިފުޅު ދެކިލުން..." ނަޖުވާގެ އަތުގައި ހިފަހައްޓައިގެން އިން ނަދީމާ ބުނެލިއެވެ. އެމީހުން ތިބީ ނަޖުވާއާއި ސައިފް އުޅޭ ގޭގެ ސޯފާގައެވެ.
" މަންމަ ކީއްވެ އަހަރެން ދޫކޮށް ދިޔައީ..؟ ރަށު މީހުން ކިޔާ ގޮތަށް އަހަރެންމީ ނަހަލާލަށް ވިހޭ ކުއްޖެއްތަ؟ ކޮބާ އަހަރެންގެ ބައްޕަ..؟" ނަޖުވާ އެއްފަހަރާ އެތައް ސުވާލެއް ކޮށްލިއެވެ. ނަދީމާ ލަދުވެތިކަމާއެކު އިސްޖަހައިލިއެވެ. ދެލޯ މަރައިލުމަށްފަހު ބޯޖަހައިލިއެވެ. އެހިނދު ނަޖުވާގެ ލޮލުން ކަރުނައެއް ފައިބައިގެން ދިޔައެވެ.
" ދަރިފުޅުގެ ބައްޕައަކީ ބޭރު ގައުމެއްގެ މީހެއް... މަންމަ އޭނަ ދެކެ ވަރަށް ލޯބިވިން.. އޭނަ އަހަރެންނާ ކައިވެނި ކުރަން އެއްބަސްވީ އެންމެ ޝަރުތެއްގެ މަތިން.. އޭނާ ބޭނުންވީ މަންމަ އެބޯޝަން ހަދަން.. ނޫނީ ވިހެއުމަށްފަހު ދަރިފުޅު ދޫކޮށްލާފަ އޭނާ ކައިރިއަށް އަންނަން.. ދަރިފުޅު ބަލައިގަނެވެން ނެތްކަމަށް އޭނަ ބުނީ.. މަންމަ އޭރު ހުރީ އޭނާގެ ލޯބީގައި ބަނދެވި ކަނުވެފައި.. މަންމަ އޭނަ ކައިރިއަށް އޭނާގެ ގައުމަށް ދިޔައިން.. އެކަމަކު އޭނާއަކީ މަންމަ ހީކުރި ފަދަ މީހަކަށް ނުވި.. އޭނައަކީ މަސްތުވާތަކެތީގެ އަވައިގައި ޖެހި އެކަމުން ސަލާމަތް ނުވެފައި ހުރި މީހެއް.. އެންމެ ފަހުން ޑްރަގް އޯވަޑޯޒްވެ އޭނަ މަރުވީ.. އެގައުމުގައި މަންމަ ހާލުގައި ޖެހިފައި ވަނިކޮށް އެހީވީ މިހާރުގެ ފިރިމީހާ... ދަރިފުޅު ދެކިލަން ދާން މަންމަ ވަރަށް ބޭނުންވި.. އެކަމަކު އެހިތްވަރެއް ނުލިބުނު.. ކުރެވުނު ހުރިހާ ކުށްފާފަތަކަށް މަންމަ ތައުބާވިން.. " ނަދީމާ އެވާހަކަތައް ނަޖުވާއަށް ކިޔައިދިނީ ރޮމުންނެވެ.
" މަންމަ ދެން އެގެއަށް ނުދާތި.. އެއީ ކިހާ އަނިޔާވެރި މީހެއްކަން އަހަރެންނަށް ފެނި އެނގިއްޖެ.. " ނަޖުވާ ބުނެލިއެވެ.
" ނޫން ދަރިފުޅާ... ދަރިފުޅުގެ ކޮއްކޮގެ ހައްޤުގައި ކޮންމެ ހާލެއްގައިވެސް އޭނައާ އިނދެގެން އުޅެން މަންމަ ބޭނުން.. ކުރިން ތަކުރާރުވި ފަދަ ކުށެއް ކުރާކަށް މަންމަ ބޭނުމެއް ނޫން.. ދަރިފުޅުގެ ކޮއްކޮ އާރިޝް އަށް މައެއްގެ ލޯބި އެންމެ ފުރިހަމަ ގޮތުގައި ދޭން ބޭނުން.. ބައްޕައެއްގެ ލޯބިން އެކުއްޖާ މަހުރޫމް ކުރާކަށް ބޭނުމެއް ނޫން.. މިއަދު ދަރިފުޅާ ބައްދަލުވީތީ މަންމަ ޝުކުރުވެރިވަން.. ދަރިފުޅު ކޮންމެ ތަނެއްގައި އުޅުނަސް މަންމަގެ ދުޢާ އަކީ ދަރިފުޅު އުފަލުގައި ހެޔޮ ހާލުގައި އުޅުން... " ނަޖުވާގެ މޫނުގައި ފިރުމައިލަމުން ނަދީމާ ބުންޏެވެ.
********************
ގޮނޑީގައި ނިދިފައި ރީނާ އިނެވެ. ތަންކޮޅެއް ދުރުގައި ފާރުގައި ލެގިލައިގެން ހުރި އާކިން ކައިރިއަށް ރޫބީ ދިޔައެވެ.
" ލަސްވޭތަ؟.. ދާންވީނު ގެއަށް.. " ރޫބީ ބުންޏެވެ. އާކިން ދެފަރާތަކަށް ބޯހޫރާއިލިއެވެ.
" އަދި ތަންކޮޅެއް ފަހުން...." އާކިން ބުނެލިއެވެ.
" އާކި... ބައްޕަ ބޭނުން ނަޖޫ ދެކިލަން... " ނުކެރި ހުރެފައި ރޫބީ ބުންޏެވެ. ނަޖުވާގެ ވާހަކަ ދެއްކުމުން ރޫބީ ހީކުރީ އާކިންގެ މޫނުމަތިން މިލައިގެން ދާނެ ކަމަށެވެ. ނަމަވެސް ހީކުރީ ގޮތާ ހިލާފަށް އާކިން ހިނިތުންވެލިއެވެ.
" ނަޖޫވެސް ގެންނަންވާނެއްނު... އެކަމަކު ރޫބީ ގުޅައިގެން ނަޖޫ އަންނާނެތަ.. ސައިފަށް ގުޅާފަ ބުނަންވީނު.." އާކިން ހިޔާލެއް ދިނެވެ.
" ނޫން.. ނަޖޫއަށް ގުޅާނީ އަހަރެން... އެކަމަކު ދެން މާދަން..." ރޫބީ ބުންޏެވެ. އެވަގުތު މުއީންގެ ނަން ގޮވައިލި އަޑަށް އައި ސީ ޔޫގެ ދޮރާ ދިމާލަށް ރޫބީއާއި އާކިން ބަލައިލިއެވެ. ރޫބީ ދާން އުޅުމުން އޭނާ ކައިރީގައި މަޑުކުރަން ބުނުމަށްފަހު އެތެރެއަށްވަނީ އާކިންއެވެ.
-ނުނިމޭ- ވާހަކައިގެ އާ ބައެއް، އިންޝާﷲ، 01 މާރިޗް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ...
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް