އިއާދަ ކުރުވަނިވި ހަކަތައިގެ ހިދުމަތް ދިނުމުގެ ޤާބިލްކަމާއި، ހުނަރާއިި އަދި ޓެކްނިކަލީ ގޮތުން އެކަން ކުރުމަށް ބޭނުންވާ ކަންކަން ކުރުމުގެ ޤާބިލްކަން ސްޓެލްކޯގެ އެބަހުރި ކަމަށް މިނިސްޓަރ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލިޖީ އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝައުނާ މިހެން ވިދާޅުވީ ސްޓެލްކޯގެ އިންޖީނުގެތަކުގެ ހިންގުން އިތުރަށް ހަރުދަނާކޮށް، ރައްޔިތުންނަށް ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި، ސްޓެލްކޯގެ މެނޭޖަރުންނަށް ބާއްވާ "ޕަވާ ހައުސް މެނޭޖާސް ޑިވޮލޮޕްމަންޓް ޕްރޮގްރާމް 2022" މިއަދު އިފްތިތާހުކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރ ޝައުނާ ވިދާޅުވީ ރާއްޖެ ތަރައްގީގެ ހަލުވި ސްޕީޑްގައި އަންނައިރު، ސްޓެލްކޯ ދެން ވާންވީ ރާއްޖޭގެ އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދޭ ކުންފުންޏަކަށް ކަމަށެވެ. އަދި އިއާދަކުރަނިވި ހަކަތައިގެ ހިދްމަތް ދިނުމުގެ ހުނަރާއި، ގާބިލްކަންވެސް ސްޓެލްކޯގައި އެބަހުރި ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރ ޝައުނާ ވިދާޅުވީ ސަރުކާރުން އަހަރެއްގެ މައްޗަށް ތެޔޮ އިމްޕޯޓް ކުރުމަށް ގާތްގަނޑަކަށް ހަތަރުސަތޭކަ މިލިޔަން ޑޮލަރު ހޭދަކުރާ ކަމަށެވެ. ދުނިޔޭގެ ހާލަތު މި ދިޔަ ހަފްތާއެއްހާ ދުވަސް ތެރޭގައި މި އަންނަނީ ބަދަލުވަމުން ކަމަށާއި، މި ބަދަލާއި އެކީ ތެލުގެ އަގުވެސް މި އަންނަނީ އުފުލެމުން ކަމަށް ޝައުނާ ވިދާޅުވިއެވެ.
ތެލަށް ކުރާ ހަރަދު އިތުރުވާނަމަ އެއީ ، ތަރައްގީގެ އެހެން ކޮންމެވެސް ކަމަކަށް ހޭދަކުރަން ހުރި ފައިސާ ކަމުގައިި ފާހަގަކުރައްވާ އެކަމަނާ ވިދާޅުވީ އެ ފާއިސާ ހޭދަ ކުރަން މި ޖެހެނީ ތެޔޮ ގަންނަން ކަމަށެވެ.
މީގެ އިތުރުން ރާއްޖެއަކީ އިއާދަކުރަނިވި ހަކަތަ އެތައް ގުނައަކަށް ބޭނުންކުރެވެން އޮތް ޤައުމެއް ކަމުގައި ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ ގާތްގަނޑަކަށް ދުވާލަކު 12 ގަނޑިއިރު އިރުގެ އަލި ދިވެހިރާއްޖެއަށް އެބަލިބޭ ކަމަށާއ،ި އިރުގެ އަލިން ހަކަތަ ލިބޭ މިންވަރާއ،ި އަގު މި އަންނަނީ އެއް ދުވަހުން އަނެއް ދުވަހަށް ކުޑަވަމުން ކަމަށެވެ. މިގޮތުން އެ ޓެކްނޮލޮޖީ މި ވަނީ އުފެއްދި އެއާއި ހަމައަށް ވާސިލްވެފައި ކަމަށް ޝައުނާގެ ވާހަަކަފުޅުގައި ފާހަގަކުރެއްވިއެވެ.
އިއާދަކުރަނިވި ހަކަތަ އަށް ބަދަލުވުމަށް ކުރަމުން އަންނަ މަސައްކަތުގައި ގޮންޖެހުންތަކެއް ހުރިކަން ފާހަގަކުރައްވާ މިނިސްޓަރ ޝައުނާ ވިދާޅުވީ ކޮންމެ ކަމެއްވެސް ހާސިލް ވާނީ އެކަމެއް ކުރަން ފެށުމުން ކަމަށާއ،ި ބޭނުންވާ މިންވަރު ހާސިލްވެވޭނީ އޭރުން ކަމަށެވެ.
ރާއްޖެ އަކީ 2030 ވަނަ އަހަރުގެ ނިޔަލަށް ނެޓް ޒީރޯ ގައުމަކަށް ހެދުމަކީ މިސަރުކާރުން ކަނޑައަޅާފައިވާ ވަރަށް މުހިއްމު އަމާޒެއް ކަމުގައި އެކަމަނާ ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ގޮންޖެހުމެއްކަމަށާއި މި ޓާރގެޓް ހާސިލްކުރުމަށް ސްޓެލްކޯގެ ހިއްސާ ސަރުކާރުން
ވަރަށް ބޮޑަށް ބޭނުންވާ ކަމަށް އެކަަމަނާ ފާހަގަކުރެއްވިއެވެ.
މި އަމާޒަށް ވާސިލްވުމަށް ރަށްރަށުގައި ކުރަންޖެހޭ ކަންތައް ކުރުމަށް ސަރުކާރުން އިންވެސްޓްވެސް ކޮށްދޭން ތައްޔާރަށް އޮތްކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެކަން ކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރ ގާއިމްކޮށްދޭން މަސައްކަތް ކުރާނެ ކަމަށާއި، ބޭނުންވަނީ ސްޓެލްކޯގެ އެހީތެރިކަމާއި އެކު ރާވާލައިގެން މި މަސައްކަތާއިގެން ކުރިޔަށް ދިއުން ކަމަށް އެކަމަނާ ވިދާޅުވިއެވެ.
ޔުޓިލިޓީ ސްކޭލްގައި އެކަން ކުރުމަށް ސަރުކާރުގެ އެކި އެކި ޕްރޮޖެކްޓްތަކުގެ އެހީތެރިކަމާއި އެކު މިހާރުވެސް އެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ސަރުކާރުގެ "ނެޓް ޒިރޯ" ޓާރގެޓް ހާސިލްކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އާއްމު ރައްޔިތުންނަށް އެންމެ ފަސޭހައިން، އަވަހަށް ކުރެވޭނެ ގޮތަކީ ގޭގޭގެ ފުރާޅުތަކުގައި ހޯމް ސޯލަރ ގާއިމްކުރުން ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ފެެނަކަ އާއި އެކުގައި "ހޯމް ސޯލަރ" ޕްރޮގްރާމެއް ތައާރަފް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއ،ި ހަމަ އެ ގޮތަށް ސްޓެލްކޯ އާއި އެކުގައި މި މަސައްކަތް ކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މިނިސްޓަރ ޝައުނާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް