ދިރާގުގެ ހައި ސްޕީޑް ފައިބަ އިންޓަނެޓްގެ ހިދުމަތާއި ދިރާގު ޓީވީގެ ހިދުމަތް ތ. ވޭމަންޑުއަށް ތައާރަފުކޮށްފި އެވެ.
މިއަދު ވޭމަންޑޫއަށް މިފެށުނު ހިދުމަތްތަކާއެކު ދިރާގުން ވަނީ ހާއްސަ ޑިސްކައުންޓްތަކެއް ދޭން ނިންމާފައެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ޕެކޭޖުތަކަށް އެދޭ ކަސްޓަމަރުންނަށް ހިލޭ ފައިބަ ގުޅައިދީ ރައުޓާ ވެސް ހިލޭ ދޭނެ އެވެ. މިއީ ހަލުވި ސްޕީޑްގެ އެންމެ ބޮޑެތި ޑޭޓާ އެލަވެންސްތައް ހިމެނޭ ޕެކޭޖުތައް ނެގުމަށް ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.
ވޭމަންޑޫ އިން ދިރާގު ޓީވީ އަށް އެދޭ ކަސްޓަމަރުންނަށް ވެސް ހިދުމަތް ހިލޭ ގުޅައިދޭނެ އެވެ. އަދި ޖޯއިބޮކްސް ވެސް މި ކަސްޓަމަރުންނަށް ހިލޭ ލިބޭނެކަމަށް ދިރާގުން ބުނެއެވެ.
މި ހިދުމަތަކީ ދިވެހިންގެ މެދުގައި މަގުބޫލު ޗެނަލްތައް ހިމެނޭހެން ގިނަ އަދަދެއްގެ ކޮންޓެންޓް ބަލާލެވޭ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް 100 އަށްވުރެ ގިނަ ޗެނަލް ބަލާލެވޭއިރު މިހާތަނަށް ރާއްޖޭގެ ގޭބިސީތަކުގެ 82 ޕަސެންޓަށް ވަނީ މި ހިދުމަތް ފޯރުކޮށްދީފަ އެވެ.
ދިރާގުން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތްކުރާނީ ކަސްޓަމަރުންނަށް ލުއި ފަސޭހަ ގޮތްތައް ހޯދައި ދިނުމަށް ކަމަަށެވެ. އަދި އިނޮވޭޝަނާއި ފަހުގެ ޓެކްނޮލޮޖީތައް ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް ފުރިހަމަ ކުރުމަށް މަސައްކަތް ކުރާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް