ވެލާ ވަޅުގައި އޮއްވާ ފުލުހުން އަތުލަފިކޮށްގެން އެ ވެލާ ބޭރުކޮށްލީތަ !؟

ޒަމާންތަކަކަށްފަހު ވެލައެއް މާލޭގެ ގޮނޑުދޮށަށް އެރި ހަބަރަކީ ތިމާވެއްޓަށް ލޯބިކުރާ ދިވެހި ކޮންމެ ރައްޔިތަަކަށްވެސް މިއަދު އުފާވެރިކަން ގެނުވާނެ ހަބަރެއް ކަމާއިމެދު ޝައްކެއް ނެތެވެ. އެ ވެލާ އެރީ ސިނަމާ...

27 Feb 2022 | 09:32

ޒަމާންތަކަކަށްފަހު ވެލައެއް މާލޭގެ ގޮނޑުދޮށަށް އެރި ހަބަރަކީ ތިމާވެއްޓަށް ލޯބިކުރާ ދިވެހި ކޮންމެ ރައްޔިތަަކަށްވެސް މިއަދު އުފާވެރިކަން ގެނުވާނެ ހަބަރެއް ކަމާއިމެދު ޝައްކެއް ނެތެވެ.

އެ ވެލާ އެރީ ސިނަމާލެ ބްރިޖާއި އުސްފަސްގަނޑާ ދެމެދުން ކަނަށް ވާގޮތަށް އޮތް ކުޑަ ވެލިކޮޅަށެވެ. ކުޑަ ބީޗު ސަރަަހައްދަކަށެވެ.

ނަމަވެސް ފަހުން ފެނުނު ފޮޓޯތަކަކުން ފެންނަނީ ވަރަށްވެސް އެހެންކަހަލަ، ސުވާލުތަކެއް އުފެދޭ މަންޒަރު ތަކެކެވެ.

ވެލާ އެ ބީޗަށް އަރާ، ވަޅުކޮނެ ވަޅުގައި އޮއްވާ ދެ ފުލުހަކު އެ ވެލާ އަތުލަފިކޮށްގެން ވަޅުން ނަގާ މަންޒަރެވެ. އަދި މޫދާ ދިމާއަށްވާގޮަތަށް އެ ވެލާ ބޭއްވުން އެ ވެލާ ފައިބައިގެން ދާ މަންޒަރެވެ.

ސޯޝަލް މީޑިއާގައި މިކަމާއިމެދު ކަންބޮޑުވުން އުފެދިފައިވާއިރު އެއް ބަޔަކު ސުވާލު އުފައްދަނީ ވެލާ ބިސް އަޅާނެ ހުއްދަ ފުލުހުން ނުދިނީތޯ؟ އެވެ. އަނެއް ބަޔަކު ބުނަނީ ޒަމާންތަކަކަށްފަހު އެރި ވެލާވެސް ފުލުހުން ފައްސާލީ ކަމަށެވެ.

ދުވަހަަށް މައުލޫމާތުދެއްވަމުން އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާހިމް ނައީމް ވިދާޅުވީ ޒަމާންތަކަކަށްފަހު ވެލައެއް މާލެއަށް އެރުމުން އެކަމުގެ މައުލޫމާތު އެއްކޮށް އިތުރު ތަފްސީލު މިހާރު ހޯދަމުން އަންނަ ކަމަށެވެ.

ފުލުހުން އެ ވެލާ ބޭރުކޮށްލިފަދަ ވާހަކައެއް އަޑު އިވުނުތޯ ނުވަތަ އެކަމެއް ފުލުހުން ކުރީ އީޕީއޭގެ އިރުޝާދާއެކުގައިތޯ ސުވާލުކޮށްލުމުން ނައީމް ވިދާޅުވީ އެކަންވެސް ބަލަމުން އަންނަ ކަމަށާއި އިތުރު މައުލޫމާތު ސާފު ކުރެއްވުމަށްފަހު މީޑިއާ އާ ހިއްސާ ކުރައްވާނެ ކަމަށެވެ.

މި މަންޒަރު ވީޑިއޯކޮށް ފޮޓޯ ނަގާ ސޯޝަލް މީޑިއާއަށް ހިއްސާކުރި، ކަރޯ އައްބާސް އިބްރާހިމް ދުވަހަށް ބުނީ ދުވަން ނިކުމެ އުޅެނިކޮށް އެ ސަރަަހައްދުގައި މީހުން އެއްވެފައިވާތީ އެ ސަރަަހައްދަށް ދިޔަ ކަމަށާއި،  ފެނުނީ ދެ ފުލުހަކު ވަޅަށް އެރި ވެލާ ނެގި މަންޒަރު ކަމަށާއި އާންމުކޮށް ފޮޓޯ ނަގާ ވީޑިއޯ ނަގާ އުޅޭތީ އެ މަންޒަރުވެސް ނެގީ ކަމަށެވެ. އަދި އެ ވެލާ އޮތީ ވަޅުގައި ކަމުން ފުލުހުން އެކަން އެ ކުރީ އެ ވެލަޔަށް އެހީވުމުގެ ގޮތުން ކަމަށްވެސް ވެދާނެ ކަމަށާއި ނަމަވެސް އެ ވެލާ އޮތީ ބިސް އަޅަން އަރާކަމަށް އެ ސަރަހައްދުގައި ތިބި ގިނަ ބަޔަކު ބުނަމުންދިޔަކަމަށް އައްބާސް ބުންޏެވެ.

މިކަމުގައި ފުލުހުންގެ ކޮމެންޓެއް ހޯދައިލަން ފުލުހުން ކުރެން ވާނީ އަހާލާފައެވެ. ނަމަވެސް އަދި މިކަމުގައި ފުލުހުންގެ ކޮމެންޓެއް ލިބޭގޮތް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް