އެން ސްޕޯޓްސް އެކަޑަމީގެ ނެޓްބޯލް ޑިވެލޮޕްމެންޓް ޕްރޮގްރާމެއް މާލެއިން ބޭރުގައި ބާއްވަން ނިންމައި އެކަމުގެ ތައްޔާރީތައް ވާން ފަށައިފިއެވެ.
އެން ސްޕޯޓްސް އެކަޑަމީގެ ފައުންޑަރ އަދި ހެޑް ކޯޗު ނީޝާ ހަލީމް ވިދާޅުވީ މި ޑިވެލޮޕްމެންޓް ފަށާފައިވަނީ ހުޅުމީދޫގައި މި މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. އަދި މިއީ ހުޅުމީދޫ އެކުވެރިންގެ ޗޭނުގެ އެއްބާރުލުމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެއް ކަމަށެވެ.
އޭނާ ވިދާޅުވީ މި ޕްރޮގްރާމުގެ ޢަމަލީ މަސައްކަތް ފެށުމަށް ނިންމާފައިވަނީ އަންނަ މާރޗު މަހުގެ އެއްވަނަ ދުވަހުން ފެށިގެން ކަމަށާއި މިހައިތަނަށް 35 ބައިވެރިން މި ޕްރޮގްރާމުގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި މި ޕްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އަދިވެސް އެބްއޮތް ކަމަށެވެ.
"އަޅުގަނޑުމެންގެ މި ޕްރޮގްރާމުގައި އަދިވެސް ބައިވެރިވެވޭނެ. މިއީ ހަމައެކަނި އަންހެން ކުދިންނަށް ކުރިއަށް ގެންދާ ޕްރޮގްރާމެއް. މިހާރުވެސް 35 ބައިވެރިން އެބަތިބި." ނީޝާ ވިދާޅުވިއެވެ.
ނީޝާ އިތުރަށް ވިދާޅުވީ މި ޕްރޮގްރާމުގެ މަގުސަދަކީ ސިއްހަތު ރަނގަޅު ދިރިއުޅުމަކަށް ކުދިން ތައްޔާރު ކުރުން ކަމަށާއި އެގޮތަށް އެންމެރަނގަޅަށް ކުދިން ތައްޔާރު ކުރެވޭނީ ކިޔެވުމާއެކު ކުޅިވަރުން ކަމަށެވެ. އަދި ނެޓްބޯޅައަކީ އެ ކުޅިވަރަކުން ކުރިއަށް ދެވިދާނެ ކުޅިވަރެއް ކަމަށެވެ.
މި ޕްރޮގްރާމު ކޮންމެ އަހަރަކު ވެސް ކުރިއަށް ގެންދަން ނިންމާފައިވާ އިރު، އެ އެކަޑަމީގެ އޯޕަން ޓޯނަމެންޓެއް ކޮންމެ އަހަރަކު ވެސް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވެސް ނެޓްބޯޅައިން ރާއްޖެއަށް ސިލްވަރ އަދި ބްރޯންޒް މެޑަލް ހޯދައިދިން ކޯޗު ނީޝާ ވިދާޅުވިއެވެ.
2015 ވަނަ އަހަރު ވުޖޫދުވި އެން ސްޕޯޓްސް އެކަޑަމީ ގައި 200 ކުދިންނާއެކު ޑިވެލޮޕްމެންޓެއް މާލޭގައި ހިންގަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް