ވެކްސިންގެ ދެ ޑޯޒު ޖެހި މީހުންނަށް ޕީސީއާރާ ނުލާ ލަންކާއަށް ދެވޭނެ

ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، ކޮވިޑަށް ޓެސްޓު ނުކޮށް ލަންކާ އަށް އެތެރެވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ. ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ވެކްސިން ފުރިހަމަކޮށްފ...

27 Feb 2022 | 08:40

ކޮވިޑް ވެކްސިންގެ ދެޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް، ކޮވިޑަށް ޓެސްޓު ނުކޮށް ލަންކާ އަށް އެތެރެވެވޭ ގޮތަށް އުސޫލު ބަދަލުކޮށްފި އެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނީ ވެކްސިން ފުރިހަމަކޮށްފައިވާ ނަމަ ޕީސީއާރް އަދި ރެޕިޑް އެންޓިޖެން ޓެސްޓު ނުހަދާ ވެސް އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ލަންކާ އަށް އެތެރެވެވޭނެ ކަމަށެވެ.

ލަންކާގެ ސިވިލް އޭވިއޭޝަނުން ބުނީ ކޮވިޑުން ދިފާއުވާން ދޭ ވެކްސިންގެ ދެ ޑޯޒް ޖަހައި، 14 ދުވަސް ވެފައިވާ ނަމަ ވެކްސިން ފުރިހަމަކޮށްފައިވާ ކަމަށް ބަލާނެކަމަށެވެ. އަދި 18 އަހަރު ނުވާ ކުޑަކުދިން ކޯވިޑް ވެކްސިންގެ އެއް ޑޯޒް ފުރިހަމަކޮށްފައިވާނަމަ އެ ލަންކާއަށް އެތެރެވެވޭނެ ކަމަށް އެ އޭވިއޭޝަނުން ބުނެއެވެ.

މީގެ އިތުރުން، ދަތުރަށް ފުރުމުގެ 7 ދުވަހާއި ހަ މަސް ދުވަހުގެ މުއްދަތެއްގެ ތެރޭގައި ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ނަމަ އެ މީހަކީ ވެކްސިންގެ އެންމެ ޑޯޒެއް ޖަހާފައިވާ މީހަކަށް ވިޔަސް އަލުން ކޮވިޑަށް ޓެސްޓް ނުކޮށް ލަންކާއަށް އެތެރެވެވޭނެ އެވެ. އެކަމަކު މިކަން ސާބިތުކޮށްދެވޭނެ ލިޔެކިޔުން ހުށަހަޅަން ޖެހޭނެ އެވެ. ކޮވިޑް ޖެހުނުތާ ހަ މަސް ދުވަސް ވެފައިވާ ނަމަ އެއް ޑޯޒް ޖަހާފައިވާ މީހުން ނެގެޓިވް ޕީސީއާރް ޓެސްޓް ހަދަންޖެހޭނެ އެވެ.

ލަންކާއަށް ދާއިރު، ވެކްސިންގެ މައުލޫމާތާއި ކުރިން ކޮވިޑް ޕޮޒިޓިވް ވެފައިވާ ނަމަ އެކަމުގެ މައުލޫމާތު ކަށަވަރުކޮށްދެވޭނެ ލިޔެކިޔުން ގެންދަން ޖެހޭނެއެވެ.

ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކުރާ މީހުންނަށް ލަންކާއަށް އެތެރެވެވޭނީ 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ޓެސްޓަކާ އެކުގަ އެވެ.

ވެކްސިން ނުޖަހާ، ޓޫރިސްޓް ވިސާގައި ލަންކާއަށްދާ މީހުން ލަންކާއަށް އެތެރެވާތާ ދުވަހު ޕީސީއާރް ޓެސްޓެއް ހަދައި ކަރަންޓީން ހޮޓެލް ނުވަތަ ހުއްދަ ދީފައިވާ ހޮޓަލެއްގައި 14 ދުވަހުގެ ކަރަންޓީނެއް ފުރިހަމަކުރަން ޖެހޭނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް