އެޓަރނީ ޖެނެރަލްގެ އޮފީހުގެ ބަންޑާރަ ކްލަބްގެ ފަރާތުން ރާވައި އިންތިޒާމްކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ "ބަންޑާރަ ކަޕް 2022" ފުޓްސަލް މުބާރާތް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ.
ރޭ މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތުގައި ބަންޑާރަ ކަޕް 2022 އިފްތިތާޙުކޮށްދެއްވީ ކުރީގެ ބަންޑާރަ ނައިބު އަލްއުސްތާޛު ޢަބްދުﷲ މުޢިއްޒެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ބަންޑާރަ ކްލަބުގެ ރައީސް އަލްއުސްތާޛާ ފާޠިމަތު ޙަލީމް ވިދާޅުވި ގޮތުގައި، ބަންޑާރަ ކަޕްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ހިމެނޭ ދައުލަތުގެ މުއައްސަސާތަކާއި، އެ ނޫންވެސް ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ އަމިއްލަ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކޮށް، ކުޅިވަރުގެ ވާދަވެރި މާހައުލެއްގެ ތެރެއިން، ޝަރުޢީ އަދި ޤާނޫނީ ދާއިރާގައި ޙަރަކާތްތެރިވާ އެންމެހައި ފަރާތްތަކުގެ މެދުގައި އެކުވެރިކަން އާލާކުރުމެވެ.
މީގެ އިތުރުން ބަންޑާރަ ކަޕް ކޮންމެ އަހަރަކު ބޭއްވުމަށް ޤަސްދުކުރައްވާ ކަމަށާއި، އެގޮތުން މި އަހަރު ބޭއްވޭ ބަންޑާރަ ކަޕް 2022 އަކީ މި މުބާރާތުގެ ފުރަތަމަ އިންސްޓޯލްމަންޓްކަމަށް ވިދާޅުވިއެވެ.
ބަންޑާރަ ކަޕް 2022 ގައި، ޤާނޫނީ ޚިދުމަތް ފޯރުކޮށްދޭ ތަންތަނުން ޤާނޫނީ ވަކީލުންނާއި އެހެން ފަންނީ މުވައްޒަފުން ހިމެނޭހެން، 16 ފިރިހެން ޓީމާއި، 8 އަންހެން ޓީމު ވާދަކުރާނެއެވެ.
ބަންޑާރަ ކަޕް 2022 ގެ މެޗުތައް ފެށޭނީ 1 މާޗް 2022 ގައެވެ. ބަންޑާރަ ކްލަބަކީ، 24 މެއި 2011 ގައި، އޭރު އެޓަރނީ ޖެނެރަލްގެ އޮފީހުގައި މަސައްކަތްކުރެއްވި ބޭފުޅުން މުޢައްސިސުންގެ ގޮތުގައި ހިމެނިގެން، ޤާނޫނު ނަންބަރު 2003/1 (ޖަމްޢިއްޔާތަކާބެހޭ ޤާނޫނު) ގެ ދަށުން އެކުލަވައިލާފައިވާ ޖަމްޢިއްޔާއެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް