ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ހޭލުންތެރިކުރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މ. ދިއްގަރާއި މަޑުއްވަރި އަދި ރަތްމަންދޫގައި ކުރިއަށް ގެންގޮސްފިއެވެ.
މެރިން ޕޮލިހާއި މ. އަތޮޅު ފުލުހުން ގުޅިގެން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްގައި، ކަނޑުދަތުރުފަތުރު ކުރުމުގެ ގާނުނާއި ގަވާއިދުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި އެ ގާނޫނާއި ގަވާއިދުތައް ތަންފީޒު ކުރުމުގައި ފުލުހުންނާއި ކައުންސިލުތަކުގެ ދައުރާއި ޒިންމާތަކާ ގުޅޭގޮތުން މައުލޫމާތު މި ޕްރޮގްރާމުގައި ވަނީ ހިއްސާކޮށްފައެވެ. އަދި ކަނޑު އުޅަނދު ފަހަރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބަލަންޖެހޭ ކަންކަމާއި އެޅިދާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވެސް ހިއްސާކޮށްފައިވެއެވެ.
އެ ރަށްރަށުގައި ވަކިވަކީން ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި، އެ ރަށްރަށުގެ އޮޑިވެރިންނާއި ކެޕްޓަނުންނާ އަދި ރަށު ކައުންސިލުތަކުގެ މުވައްޒަފުން ވަނީ ބައިވެރި ވެފައެވެ.
އޭގެ އިތުރުން، ކަނޑު އުޅަނދު ފަހަރުގައި ސަލާމަތީގޮތުން ފުރިހަމަވެފައި ހުންނަންޖެހޭ ކަންކަމާއި އުޅަނދުގައި ހުންނަންޖެހޭ ތަކެއްޗާއި އެ ތަކެތީގެ ބޭނުންހިފާނެ ގޮތުގެ މައުލޫމާތު އުޅަނދުތަކަށް އަރައި ކެޕްޓަނުންނާ ވަނީ ހިއްސާކޮށްފައެވެ.
ފެބްރުވަރީ 24 އިން 26 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމްތަކުގައި މައުލޫމާތުދެއްވީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ބޭފުޅުންނާއި މެރިން ޕޮލިހުގެ ކަމާ ގުޅުންހުރި ތަޖުރިބާލިބިފައިވާ މުވައްޒަފުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް