ޖަރުމަން ލީގު: ފްރޭންކްފާޓް ބަލިކޮށް ބަޔާންއިން ތާވަލުގެ އެއްވަނާގައި 9 ޕޮއިންޓުގެ ލީޑެއް ނަގައިފި

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-0 އިން މޮޅުވެ، ތާވަލްގެ އެއްވަނާގައި ނުވަ ޕޮއިންޓުގެ ލީޑެއް ބަޔާން މިއުނިކުން ނަގައިފިއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މ...

27 Feb 2022 | 04:47

ޖަރުމަނު ލީގުގައި ހޮނިހިރު ދުވަހުގެރޭ އެއިންޓްރަކްޓް ފްރޭންކްފާޓް އަތުން 1-0 އިން މޮޅުވެ، ތާވަލްގެ އެއްވަނާގައި ނުވަ ޕޮއިންޓުގެ ލީޑެއް ބަޔާން މިއުނިކުން ނަގައިފިއެވެ.

ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ ހާފު ނިމުނީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެ އޮވެގެންނެވެ. ނަމަވެސް ދެ ޓީމަށް ވެސް ލަނޑު ޖަހަން ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރު ވެފައެވެ.

މެޗުގެ ފަހު ހާފުގެ ކުޅުން ފެށިގެން ރަނގަޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފައްދާފައިވަނީ ބަޔާންއިންނެވެ. އެގޮތުން އެޓީމުގެ ކެޕްޓަން ލެވަންޑޯސްކީގެ ގިނަ ހަމަލާތަކެއް ފެނިގެން ދިޔައިރު، މި ހަމަލާތަކުގެ ހުރަހަކަށް ވީ ފްރޭންކްފާޓްގެ ކީޕަރު ކެވިން ޓްރަޕް އެވެ. މެޗުގައި ބަޔާންގެ ހަމައެކަނި ލަނޑު ޖެހީ 72 ވަނަ މިނިޓްގައެވެ. ބަޔާން މޮޅުވި މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ކިމީ ޖޯސުއާ ކިމިޗްގެ އެހީތެރިކަމާއި އެކު ލެރޯއި ސާނޭ އެވެ.

ރޭގެ މި މޮޅާ އެކު ބަޔާން އެއް ވަނައިގައި އޮތީ ނުވަ ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ބަޔާން ތާވަލްގެ އެއްވަނާގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 58 ޕޮއިންޓާއި އެކުގައެވެ. ތާވަލްގެ ދެ ވަނައިގައި އޮތީ ޑޯޓްމަންޑެވެ. އެޓީމު ދެވަނާގައި އޮތީ ކުޅުނު 23 މެޗުން ލިބުނު 49 ޕޮއިންޓާއި އެކުގަ އެވެ. ތިން ވަނާގައި އޮތީ ބަޔާން ލެވަކޫސަންއެވެ. އެޓީމު ތިން ވަނާގައި އޮތީ ކުޅުނު 24 މެޗުން ލިބުނު 44 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް