އިޓާލިއަން ލީގު: ވްލަހޯވިޗްގެ ދެ ގޯލާ އެކު ޔުވެންޓަސް މޮޅުވެއްޖެ

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެމްޕޮލީ އާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ. އެމްޕޮލީގެ ދަނޑުގައި ކުޅު މި މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 2-3 ހެ ނަތީޖާއިންނެވެ. ފޯރި...

27 Feb 2022 | 04:05

އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެމްޕޮލީ އާއި ދެކޮޅަށް ކުޅުނު މެޗު ޔުވެންޓަސްއިން ކާމިޔާބު ކޮށްފިއެވެ.

އެމްޕޮލީގެ ދަނޑުގައި ކުޅު މި މެޗުން ޔުވެންޓަސް މޮޅުވެފައިވަނީ 2-3 ހެ ނަތީޖާއިންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނަގާފައިވަނީ ޔުވެންޓަސްއިންނެވެ. މެޗުގެ 32 ވަނަ މިނެޓުގައި ޔުވެންޓަސް އިން ލީޑު ނަގާފައިވަނީ އެޑްރިއަން ރެބިއޮޓް ދިން ޕާހަކުން މޮއިސް ކީން ކާމިޔާބު ކޮށްދިން ލަނޑުންނެވެ. ނަމަވެސް ޔުވެންޓަސްގެ މި ލަނޑު ޖަހާ ލީޑު ނެގިތާ ހަ މިނެޓު ފަހުން އެމްޕޮލީން ވަނީ ލަނޑެއް ޖަހާ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެމްޕޮލީއަށް ނަތީޖާ ހަމަހަމަ ކޮށްދިން މި ލަނޑު ޖަހައިދިނީ ޒީމަން ޒުރްކޯސްކީ އެވެ.

މި މެޗުގައި ޔުވެންޓަސްއިން ދެވަނަ ފަހަރަށް ލީޑު ނަގާފައިވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ސާބިއާ ފޯވާޑް ވްލަހޯވިޗް ކާމިޔާބު ކޮށްދިން ލަނޑުންނެވެ. މި ނަތީޖާގައި ޔުވެންޓަސް ކުރީގައި އޮވެގެން މެޗުގެ ފުރަތަމަ ހާފު ނިމުނުއިރު، ޔުވެންޓަސްގެ ތިން ވަނަ ލަނޑު މެޗުގެ 66 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ލީޑު އިތުރަށް ފުޅާ ކޮށްދިނީ ވެސް ވްލަހޯވިޗް ކާމިޔާބު ކޮށްދިން ލަނޑަކުންނެވެ. މި ލަނޑު އޭނާ ޖެހީ އަލްވާރޯ މޮރާޓާގެ އެހީތެރިކަމާއި އެކުގައެވެ. މިއީ ވްލަހޯވިޗް ޔުވެންޓަސްއަށް މި ފަހަރުގެ ސީޒަނުގައި ކާމިޔާބު ކޮށްދިން ހަ ވަނަ ލަނޑެވެ. އެމްޕޮލީން އެޓީމުގެ ދެވަނަ ލަނޑު ޖަހާ މެޗުގެ ނަތީޖާގެ ފަރަގު ކުޑަކުރީ މެޗުގެ 76 ވަނަ މިނިޓްގައި އަންދްރެއާ ލަ މަންޓީއާ ކާމިޔާބު ކޮށްދިން ލަނޑުންނެވެ.

ރޭގެ މޮޅާ އެކު ޔުވެންޓަސް އިން ވަނީ ލީގުގެ ހަތަރު ވަނައިގައި ހަ ޕޮއިންޓުގެ ލީޑަކާއި އެކު ހަމަޖެހިލާފައެވެ. ޔުވެންޓަސް ހަތަރު ވަނާގައި އޮތީ 27 މެޗުން ލިބުނު 50 ޕޮއިންޓާއި އެކުގަ އެވެ. ލީގުގެ އެއްވަނާގައި އޮތީ މިލާނެވެ. މިލާން އެއް ވަނާގައި އޮތީ ކުޅުނު 27 މެޗުން ލިބުނު 57 ޕޮއިންޓާއި އެކުގައެވެ. ދެ ވަނައިގައި އިންޓަ މިލާން އޮތީ ކުޅުނު 26 މެޗުން ލިބުނު 55 ޕޮއިންޓާއި އެކުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް