އިސްލާމިކް ޔުނިވާސިޓީގެ ޗާންސެލަރު ޑރ މުހައްމަދު ޝަހީމް އަލީ ސައީދު އަދާލަތު ޕާޓީން ވަކިވެވަޑައިގެންފި އެވެ.
އަދާލަތު ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވި ޑރ ޝަހީމް އެ ޕާޓީން ވަކިކޮށްދިނުމަށް އެދި ސިޓީ ފޮނުއްވާފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އެ ސިޓީގައި ހަމައެކަނި ބުނެފައިވަނީ އަދާލަތު ޕާޓީގެ ދަފްތަރުން ޝަހީމްގެ ނަން އުނިކޮށްދިނުމަށް އެދޭކަމަށެވެ.
ޝަހީމްގެ ފޭސްބުކް ގައި ވިދާޅުވެފައިވަނީ އަދާލަތު ޕާޓީން ވަކިވާން ނިންމީ މިދިޔަ ދެތިން އަހަރު ހިޔާލުތަފާތުވުންތަކާއި އެކު އުޅުމަށް ފަހު ކަމަށެވެ. އަދިި މިނިންމުމުގެ ސަބަބުން މިހާރުވެސް ކުރަމުން އަންނަ ދީނީ މަސައްކަތްތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވެފައިވެ އެވެ.
ޝަހީމް ވިދާޅުވީ ޕާޓީން ވަކިވިޔަސް ޕާޓީގެ މެންބަރުންނާއި އިސްވެރިންނާއި ދެމެދު އޮތް ގާތް ގުޅުމެއް ނުކެނޑޭނެ ކަމަށެވެ.
ޝަހީމް ވަނީ މީގެ ކުރިން އެ ޕާޓިން ވަކިވުމަށް ވިސްނަމުންދާކަމަށް މީގެ ކުރިން ވިދާޅުވެފައި އެވެ. ޝަހީމް އެ ޕާޓީގެ ހަރަކާތްތަކުން ނުފެންނަން ފެށީ ރައީސް ޔާމީންގެ ސަރުކާރާއި އަދާލަތު ޕާޓީން ދެކޮޅު ހަދައި އިދިކޮޅު ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަން ފެށި ހިސާބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް