ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި އަލަށް އަޅާ ރަންވޭގެ މަސައްކަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.
މި ރަންވޭ އަކީ 400 މިލިއަން ޑޮލަރު ހަރަދުކޮށްގެން އަޅާ ރަންވޭ އެކެވެ. މި މަސައްކަތަށް ޗައިނާގެ އެގްޒިން ބޭންކުން ވަނީ 373 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައި އެވެ.
މި ރަންވޭ އަޅަނީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ. މި މަސައްކަތް އަންނަ އަހަރުގެ ތެރޭގައި ނިމޭނެ ކަމަށް އެމްއޭސީއެލް ބުނެ އެވެ.
އާރަންވޭއަކީ 3400 މީޓަރު ދިގު 60 މީޓަރު ފުޅާ ރަންވޭއެކެވެ. އެއީ ދުނިޔޭގައި މިހާރު ގެންގުޅޭ އެންމެ ބޮޑެތި މަތިންދާބޯޓު ކަމަށްވާ އެއާބަސް އޭ 380 މަރުކާގެ ބޯޓު ވެސް ޖެއްސޭ ގޮތަށް ހަދާ ރަންވޭ އެކެވެ.
ރަންވޭގެ ބިން ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖުލައި 25 ވަނަ ދުވަހު އެވެ. އާ ރަންވޭގެ އިތުރުން ފަސް މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމަށްޓަކައި 80،000 މީޓަރުގެ ބޮޑު ސަރަހައްދެއްގައި އާ ޓާމިނަލެއް އެޅުމުގެ މަސައްކަތްވެސް ވަނީ ފަށާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް