ދުބާއީގައި ދިރިއުޅޭ އިންޑިއާ އަށް ނިސްބަތްވާ ވިޔަފާރިވެރިއެއް ކަމަށްވާ ބަލްވިންދަރު ނަމަކަށް ކިޔާ މީހަކު ނީލަމުގައި 1.2 މިލިއަން ޑޮލަރަށް ފޯނު ނަމްބަރެއް ގަނެފި އެވެ.
މިއީ އޭނާ މިހާ ބޮޑު އަގުގައި އެއްޗެއް ގަތް ފުރަތަަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބަލްވިންދަރު ވަނީ 8.98 މިލިއަން ޑޮލަރަށް ކާރު ނަމްބަރު ބޯޑެއް ނީލަމުގައި ގަނެފައި އެވެ. އަދި ފަހުން އެހެން ނަމްބަރު ބޯޑެއް ގަތުމަށް 272،000 ޑޮލަރު ވަނީ ހޭދަކޮށްފައި އެވެ.
އެ ނަމްބަރު ބޯޑުތަކަށް އޭނާ ހެދިގޮތެއް އެފަހަރު ހާމައެއް ނުކުރެ އެވެ. އެކަމަކު މިފަހަރު ފޯނު ނަމްބަރު ގަތުމަށް ފަހު މީޑިއާގައި ބުނެފައިވަނީ އެހާ އަގު ބޮޑުކޮށް އެ ނަމްބަރު ގަތަސް ނަމްބަރު އޭނާއަށް ބޭނުން ކުރެވެން ނެތް ކަމަަށެވެ.
ސަބަބެއް ކަމަށް ބުނެފައިވަނީ އެ ނަމްބަރަކީ މާ ރީތިވެފަ އެންމެންނަށް އެނގޭ ނަމްބަރެއް ކަމުން މީހުން އަބަދު ގުޅާތީ އެވެ. އެގޮތުން އޭނާ ނީލަމުގައި ނަމްބަރު ގަތްތާ ދެ ގަޑި އިރު ތެރޭގައި 1،000 އަށްވުރެ ގިނަ މީހުން އެ ފޯނަށް ގުޅާފައިވާ ކަމަށާއި އަބަދު ފޯނު ރިންގުވާތީ އޭނާއަށް މީހަކަށް ގުޅުމުގެ ފުރުސަތު ނުލިބޭ ކަމަށެވެ.
ބަލްވިންދަރު މިހާ އަގުބޮޑުކޮށް އެކަހަލަ އެއްޗެހި ގަންނާތީ ބައެއް މީހުން ޖޯކު ޖަހާކަމަށްވެ އެވެ. އެކަމަށް ރައްދުދީ އޭނާ ބުނެފައިވަނީ އެއީ ހުންނަ ޝައުގުވެރިކަމެއްގެ ބޮޑުކަމުން ކުރާ ކަމެއް ކަމަށެވެ. އަދި އެހާ ބޮޑު ހޭދައެއް ކުުރުމުން އެކަމުގެ ފައިދާ އެހީއަށް ބޭނުންވެފައި ތިބި މީހުންނަށް ކުރާނެތީ ކަމަށެވެ.
އޭނާ ބުނީ ނީލަމުގައި ވިއްކާ ރީތި ފޯނު ނަމްބަރާއި ކާރު ނަމްބަރު ބޯޑު ގަތުމަށް މިހާތަނަށް 100 މިލިއަނަށްވުރެ ގިނަ ޑޮލަރު ހަރަު ކޮށްފައިވާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް