ފްރާންސްގެ ރައީސް ކަމަށް އޮބާމާ ގެންނަން ބަޔަކު މަސައްކަތް ފަށައިފި

ފްރާންސްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި މެދު ހިތްހަމަ ނުޖެހިގެން ގްރޫޕަކުން އެ ގައުމުގެ ރައީސް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާދަ ކުރުމަށް ގޮވާލާ ކެމްޕެއިނެއް ފަށައި...

27 Feb 2017 | 03:00

ފްރާންސްގެ ރައީސް ކަމަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންނާއި މެދު ހިތްހަމަ ނުޖެހިގެން ގްރޫޕަކުން އެ ގައުމުގެ ރައީސް ކަމަށް އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވާދަ ކުރުމަށް ގޮވާލާ ކެމްޕެއިނެއް ފަށައިފި އެވެ.

ރިޕޯޓުތައް ބުނާގޮތުގައި އެ ގްރޫޕުން ދަނީ އޮންލައިންކޮށް ޕެޓިޝަނެއްގައި މީހުން ލައްވާ ސޮއި ކުރުވަމުންނެވެ. އަދި ފްރާންސްގެ ވެރިރަށް ޕެރިހުގެ މަގުތަކުގައި ވަނީ އެ ޕެޓިޝަނަށް ތާއީދު ކުރުމަށް އެދި 500 ޕޯސްޓަރު ހިއްޕާފައި އެވެ.

"އޮބާމާ17" ގެނަމުގައި ހަދާފައިވާ މި ޕެޓިޝަންގައި އެއް މިލިއަން މީހުން  ސޮއިކުރުމަކީ އެ ގްރޫޕުގެ އަމާޒު ކަމަށް ބުނެފައިވެ އެވެ. އަދި މާޗް 15 ގެ ކުރިން އެވަރަށް ސޮއި ލިބިއްޖެނަމަ ފްރާންސްގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް އޮބާމާއަށް ހުށަހަޅާނެ ކަމަށް ބުނެ އެވެ.

އެ ގްރޫޕުން ބުނީ އެމެރިކާގެ ރައީސް ކަމުގެ ދެ ދައުރު އޮބާމާ ފުރިހަމަކޮށްފި ކަމަށާއި ދެން ފްރާންސްގެ ރައީސް ކަމަށް ވާދަ ކުރުންވެސް އެއީ ހަމަ ރަނގަޅު ކަމެއް ކަމަށެވެ. އެ ގްރޫޕުން ސޮއި ހޯދި ކަމުގައިވުޔަސް ފްރާންސްގެ ގާނޫނުތައް އޮތް ގޮތުން ބިދޭސީ އަކަށް އެ ގައުމުގެ ރައީސް ކަމަކަށް ވާދައެއް ނުކުރެވޭނެ އެވެ.

އެ ގްރޫޕުގައި އިސްކޮށް އުޅޭ މީހަކު ސީއެންއެންއަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޮބާމާއަށް ފްރާންސްގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަން އެނގި ތިބެ މިފަދަ ކެމްޕެއިނެއް ކުރުމަކީ ޖޯކެއް ކަމަށެވެ. އެކަމަކު އުންމީދަކީ އެ ގައުމުގެ ސިޔާސީ ދާއިރާއިން ފެންނަން ބޭނުންވާ ތަފާތު އާންމުންނަށް ވިސްނޭނެ ކަމަށް ކަމަށެވެ.

ފްރާންސްގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އެޕްރިލް މަހުގެ 23 ގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް