އާ މަންހަޖު ހަރުދަނާ ކުރުމާއި ގުޅޭ މަޝްވަރާއަށް އެޑިއުކޭޝަން މިނިސްޓަރު މ. އަތޮޅުގައި

އާ މަންހަޖުގައި ހިމެނޭ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީ (އައިސީޓީ)ގެ މުގައްރަރު އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ މަޝްވަރާތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް މ. އަތޮޅުގެ ސްކޫލ...

27 Feb 2017 | 01:59

އާ މަންހަޖުގައި ހިމެނޭ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލިޖީ (އައިސީޓީ)ގެ މުގައްރަރު އިތުރަށް ހަރުދަނާ ކުރުމާއި ގުޅޭ މަޝްވަރާތަކަށް އެޑިއުކޭޝަން މިނިސްޓަރު ޑރ އައިޝަތު ޝިހާމް މ. އަތޮޅުގެ ސްކޫލްތަކަށް ވަޑައިގެންނަވައިފި އެވެ.

މި ދަތުރުގައި މިނިސްޓަރުގެ އަރިހުގައި ކެމްބްރިޖް ޔުނިވާސިޓީ ޕްރެސް ގެ ޓެކްނިކަލް ބޭފުޅުން ބައިވެރިވާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ. މިނިސްޓަރުގެ މި ދަތުރުގައި އަތޮޅުތެރޭގެ ސްކޫލްތަކުގައި އައިސީޓީގެ މުގައްރަރު ބައްޓަންކުރުމުގައި ސްކޫލްތަކުގެ ހާލަތަށް ރިއާޔަތްކުރާނެ އެވެ.

މި ދަތުރުގައި މިނިސްޓަރު ޑރ އައިޝަތު ޝިހާމް އެންމެ ފުރަތަމަ އިއްޔެ ވަޑައިގެންނެވީ މ.މުލަކުގައި ހުންނަ އެ އަތޮޅު ތައުލީމީ މަރުކަޒަށެވެ. މިއަދު ރަތްމަންދޫ ސްކޫލަށާއި، މަޑުއްވަރީ ސްކޫލަށް އަދި ދިއްގަރު ސްކޫލަށާއި ނާލާފުށީ ސްކޫލަށް ވަޑައިގަންނަވާނެ އެވެ.

އެޑިއުކޭޝަން މިނިސްޓްރީ ބުނީ މި  މަޝްވަރާތަކަށް ފަހު އަންގާރަ ދުވަހު އެ އަތޮޅުގެ ހުރިހާ ސްކޫލެއްގެ ޕްރިންސިޕަލުންނާއި މިނިސްޓަރު ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރުމަށް ހަމަޖެހިފައިވަނީ އެއްވެސް ކުއްޖަކު ބާކީ ނުކުރުމުގެ ސިޔާސަތުގެ ދަށުން ސްކޫލްތަކުގެ ނަތީޖާ މަތި ކުރުމާއި ގުޅޭ ގޮތުން ނެވެ.

މިނިސްޓަރުގެ މި ދަތުރުފުޅަކީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރެކެވެ. މިދިޔަ ހަފްތާގައި އެޑިއުކޭޝަން މިނިސްޓަރު ވަނީ އައްޑޫ ސިޓީއަށް ވަޑައިގެން އެ ސިޓީގެ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބައްދަލު ކުރައްވާފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް