މިދިޔަ ހުކުރު ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ކަންނެލި ދޯނި ހޯދުމުގައި އިންޑިއާ އަސްކަރިއްޔާގެ އެއާ ކްރާފްޓުގެ އެހީތެރިކަމަށް އެމްއެންޑީއެފުން އެދެފި އެވެ.
އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ދޯނި ހޯދުމަށް ކޯސްޓްގާޑުން ކުރަމުން އަންނަ މަސައްކަތް އިތުރުކުރުމަށް އިންޑިއާގެ މަތިންދާބޯޓުގެ އެހީތެރިކަމަށް އެދިފައިވާ ކަމަށެވެ. އަދި އިންޑިއާ އާއި ސްރީލަންކާގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަނާއި ވެސް އެ މައުލޫމާތު ހިއްސާ ކޮށްފައިވާ ނެ ކަމަށެވެ.
"ބްލޫ ފިޝް 1" ނަމަކަށް ކިޔާ ދޯނި ގެއްލިފައިވަނީ 12 މީހުންނާއި އެކު އެވެ. ދޯނީގެ ވެރިފަރާތާއި ހަވާލާދީ އެމްއެންޑީއެފުން ބުނެފައިވަނީ ދޯނީގެ ހަބަރެއް އެންމެ ފަހުން ވެފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހު ކަމަށެވެ. އޭރު ދޯނި އޮތީ ކ. ދިއްފުށީ ބޭރުގައި ކަމަށް ވެ އެވެ.
އެއީ ދިގު މިނުގައި 87 ފޫޓު ހުންނަ ދޯންޏެކެވެ. ދޯނީގެ ބޭރުގައި ނޫކުލައިގެ ދަވާދު ލާފައިވާއިރު، ގެގަނޑުގައި ލާފައިވަނީ ހުދު ކުލައިގެ ދަވާދެވެ.
އެމްއެންޑިއެފުން ބުނީ އެ ދޯނި ހޯދުމުގެ މަސައްކަތް ހުއްޓުމެއް ނެތި ކޯސްޓްގާޑުން ކުރަމުންދާ ކަމަށެވެ. އެމްއެންޑީއެފުން ވަނީ ކަނޑު ދަތުރު ކުރާ ފަރާތްތަކުންނާއި އެނޫން ފަރާތަކުން “ބްލޫ ފިޝް 1” ދޯންޏާއި ގުޅޭ މައުލޫމާތެއް ލިބިއްޖެ ނަމަ ކޯސްޓްގާޑަށް މައުލޫމާތު ފޯރުކޮށްދިނުމަށް އެދިފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް