ސަރުކާރުން ދިވެހި ރައްޔިތުންނަށްޓަކައި 13 ކަމެއް ކޮށްދިނުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މުޒާހަރާ ނިންމާލައިފި އެވެ.
އެ ކަންކަން އިއުލާންކޮށްދެއްވީ ޖުމްހޫރީ ޕާޓިގެ ލީޑާ ގާސިމް އިބްރާހީމް ސްރީލަންކާގައި ހުންނަވާ ފޯން މެދުވެރިކޮށެވެ.
ގާސިމް އިބްރާހިމް ޑިމާންޑް ކުރެއްވި 13 ކަމަކީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތައް ހަނިކުރުމަށް މަސައްކަތް ނުކުރުމަށާއި، ފުލުހުން ހައްޔަރުކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލައްވާ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާ އަބުރާ ގެެންދިއުމާއި، ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމާއި ސިޔާސީ އެހެން ބޭފުންގެ މައްޗަށް ކުރާ ދައުވާތައް އަބުރާ ގެންދިއުމާއި، އޮޑިޓް ގާނޫނަށް އިސްލާހު ގެނެސްގެން އޮޑިޓަ ޖެނަރަލް ވަކިކުރެއްވި މައްސަލަ އަބުރާ ގެނައުމާއި، މަސްވެރިންނާ ދަނޑުވެރިންނަށް ދޭން ވައުދުވި ފައިސާ ދިނުމާއި ދެވެންނެތްނަަމަ އެކަން ރައްޔިތުންނަށް އަންގައިދިނުމާއި، ކަރަންޓް ސަބްސިޑީ އިންސާފުވެރި އަދި އެންމެންނަށް ހަމަހަމަ އުސޫލަކުން ދިނުމާއި، ތެލުން މިސަރުކާރުން ޑިއުޓީ ނަގަން ފެށުމާއި ގުޅިގެން ތެލުން ޑިއުޓީ ކަނޑާލުން ހިމެނެ އެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނޫގައި ލޯކަލް ކައުންސިލްތަކަށް ދީފައިވާ ބާރުތައް ކައުންސިލްތަކަށް ދިނުމާއި، ހުސްނުވާ އާސަންދަ ރައްޔިތުންނަށް ދޭން ވައުދުވި ގޮތަށް އެކަން ހަމަޖައްސައިދިނުމާއި، ސަރުކާރުގެ އިސްވެރިންގެ މައްޗަށް ކުރެވޭ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ބަލައި ދެފުށް ފެންނަ ގޮތަށް ސަރުކާރު ހިންގުމާއި، ޓީޗަރުންނާއި ސިއްހީ ދާއިރާގެ ބޭފުޅުންނާއި ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންގެ ޝަކުވާތަކަށް ހައްލެއް ހޯދައިދިނުމާއި، މިނިވަން މުއައްސަސާތަކަށް ހަގީގީ ބާރު ދިނުމާއި އަދި އިދިކޮޅު ފަރާތްތަކާއި އެއް މޭޒަކަށް އައިސް މަޝްވަރާކުރުަމަށްވެސް ގާސިމް ވަނީ އެދިވަޑައިގެންފަ އެވެ.
ނަމަވެސް އެ އެދުންތައް ސަރުކާރުން ފުރިހަމަ ކުރަން ޖެހޭ ވަކި މުއްދަތެއް މުޒާހަރާއަކުވެސް އަދި ގާސިމްވެސް އިއުލާނެއް ނުކުރައްވައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް