ދިރާގު 'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ގުރުވަތު ނެގުން މި ބުރާސްފަތި ދުވަހުގެ ރޭ، 08:00 ގައި ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ހަމަޖެހިފައިވާކަން ދިރާގުން ހާމަކޮށްފިއެވެ.
ވޭތުވެ ދިޔަ އަހަރުގެ 'ވިން އަ ޓެސްލާ' ޕްރޮމޯޝަންގެ ކާމިޔާބީ އަށް ފަހު، ދިރާގުން މި އަހަރު ވަނީ 'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ދަށުން އަލް ޝާލީ މެރިން މަޖެލަން 32 ބޯޓެއް، ޔަމަހާ އައުޓްބޯޑް އިންޖީނާއެކު ލިބުމުގެ ފުރުސަތު ދިރާގުން ވަނީ ކަސްޓަމަރުންނަށް ހުޅުވައިލައިފައެވެ.މި ޕްރޮމޯޝަނަށް ކަސްޓަމަރުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަން ދިރާގުން ފާހަގަކުރެއެވެ. އަދި، މި އިނާމު ހާސިލްކުރާނެ ފަރާތަކީ ކޮބައިތޯ ބެލުމަށް އާންމުންގެ ތެރޭގައި ޝައުގުވެރިކަން އިތުރުވަމުން އަންނަކަންވެސް ދިރާގުން ފާހަގަކުރެއެވެ.
އަލް ޝާލީ މެރިން، މަޖެލަން 32 ސްޕީޑްބޯޓަކީ ރާއްޖޭގައި ބޯޓު އުފެއްދުންތެރިކަމުގެ އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ އަލް ޝާލީ މެރިން މޯލްޑިވްސް އިން ފަރުމާކޮށްފައިވާ ލޯންޗެކެވެ. އަދި، މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް މި ހައި ސްޕީޑް ލޯންޗާ އެކު 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް ޔަމަހާ އިންޖީނު ވެސް ލިބިގެންދާނެއެވެ. ޔަމަހާއަކީ ރާއްޖޭގައި 50 އަހަރު ދުވަހުގެ ހިދުމަތުގެ ތަޖުރިބާ ލިބިފައިވާ، ދުނިޔޭގެ ނަން މަޝްހޫރު، އައުޓްބޯޑް އިންޖީނަށް ހާއްސަ ބްރޭންޑެކެވެ.
ދިރާގުން ހާމަކޮށްފައިވާގޮތުގައި 'ވިން އަ ސްޕީޑް ބޯޓް' ޕްރޮމޯޝަންގެ ގުރުވަތު ނެގުމަށް ބާއްވާ ފޯރިގަދަ އިވެންޓުގައި އެކިއެކި ދިވެހި މިއުޒީޝަނުންގެ ލައިވް ހުށަހެޅުންތައް ފެނިގެންދާނެއެވެ. އަދި، މި އިވެންޓް ކުރިއަށްދާނީ، ގިނަ ރަހަތަށް ހިމެނޭ ފުޑް ސްޓޯލްތަކާއި އެކީގައެވެ.
ދިރާގުން ދަނީ ކޮންމެ އަހަރަކު ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ފަދަ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށް ގެންގޮސް، ދިރާގުގެ ކަސްޓަމަރުން ޑިޖިޓަލް ރާއްޖޭގައި ކުރިއެރުމަށް އެހީތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް