އޯޓީޕީއަށް ރައްޔިތުން ހޭލުންތެރި ކުރުވުމުގެ ނަތީޖާ ރަނގަޅު – ދެން އޮތީ ފްލެޝް ކޯލްސް އޯޓީޕީއަށް ހޭލުންތެރިވުން: ފުލުހުންގެ ސީ 3

އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މަދުވެއްޖެ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފިއެވެ. ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުގައި ވަނ...

27 Jan 2025 | 11:02

އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މަދުވެއްޖެ ކަމަށް ފުލުހުންގެ ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފިއެވެ.

ސައިބަރ ކްރައިމް ސެންޓަރުން ހާމަކޮށްފައިވާ މައުލޫމާތުގައި ވަނީ އޯޓީޕީ ހިއްސާ ނުކުރުމަށް މުއައްސަސާތަކާއި ދައުލަތުގެ އިދާރާތްތަކާއި އަމިއްލަ ވިޔަފާރި ކުންފުނިތަކުން ކުރި މިންނެތް މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، ރައްޔިތުން އޯޓީޕީއާއިމެދު ހޭލުންތެރި ބަޔަކަށްވެ އޯޓީޕީ އިތުރު ފަރާތަކާއި ހިއްސާކޮށް، އެކައުންޓް ކޮމްޕްރޮމައިޒްވެގެން ރިޕޯޓް ކުރާ މައްސަލަތަކުގެ އަދަދު މިވަނީ އިންތިހާއަށް މަދުވެފައި ކަމަށެވެ.

އެހެންނަމަވެސް އޯޓީޕީ އޮތަންޓިކޭޝަންގެ ބަދަލުގައި އިތުރު އޮތަންޓިކޭޝަން މެތަޑެއް މިހާރު ވަނީ ތަޢާރަފްވެފައިވާކަން ސައިބަރ ކްރައިމް ސެންޓަރުން ފާހަގަކުރެއެވެ. މި ޓެކްނޮލޮޖީ އުފެއްދި ފަރާތުން ބުނާގޮތުގައި މިއީ އޯޓީޕީއަށްވުރެ ހުރިހާ ގޮތަކުންވެސް ރަނގަޅު އޮތަންޓިކޭޝަން މެތަޑެކެވެ. އަނެއްބަޔަކު ދެކޭގޮތުގައި މި ބަދަލާއިއެކު ސްކޭމްގެ ޝިކާރައަކަށްވާ މީހުންގެ އަދަދު އަނެއްކާވެސް އިންތިހާއަށް އިތުރުވެގެންދާނެއެވެ.

އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ތަޢާރަފްވެފައިވާއިރު ގިނަ ކުންފުނިތަކުން މި އޮތަންޓިކޭޝަން މެތަޑަށް ކަސްޓަމަރ އޮތަންޓިކޭޝަން މިހާރު އެދަނީ ބަދަލު ކުރަމުންނެވެ. ނަމަވެސް ފްލޭޝް ކޯލްސްއަކީ ކީއްކުރާ، ކޮންގޮތަކަށް މަސައްކަތްކުރާ އެއްޗެއްކަން ގިނަ ބަޔަކަށް ނޭނގުމުގެ ސަބަބުން ފްލޭޝް ކޯލް ސްކޭމްގެ ޝިކާރައަކަށް ވަމުންދާ މީހުންގެ އަދަދު މިދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ.

ފްލޭޝް ކޯލްސްއަކީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) ގެ ބަދަލުގައި މިހާރު އާންމުވަމުން އަންނަ، އޮތަންޓިކޭޝަން މެތަޑެކެވެ. ގިނަ ކުންފުނިތަކުން ފްލޭޝް ކޯލްސް އޮތަންޓިކޭޝަން މެތަޑް ހިޔާރުކުރަން ފަށާފައިވަނީ ވަން-ޓައިމް-ޕާސްވޯޑު (އޯޓީޕީ) އަކީ އެސް.އެމް.އެސްގެ ޒަރިއްޔާއިން ލިބޭ ޓެކްސްޓް މެސެޖަކަށްވާތީއާއި، ޓެލެކޮމިއުނިކޭޝަން ޚިދުމަތްދޭ ފަރާތްތަކުން އޯޓީޕީ އެސް.އެމް.އެސްއަށް ކަސްޓަމަރު އަތުން އަގެއް ނަގާތީއެވެ. އަދި މީގެ އިތުރުން އެސް.އެމް.އެސްގެ ޒަރިއްޔާއިން އޯޓީ.ޕީ ފޮނުވުމުން އޯޓީޕީ ރައްދުވާ ފަރާތައް އޯޓީޕީ ރައްދުވުމުގައިވެސް ލަސްތަކެއް އުޅޭތީ ކަމަށް ވެއެވެ.

ނަމަވެސް ފްލޭޝް ކޯލްސް ތަފާތެވެ. ފްލޭޝް ކޯލްސްއަކީ ކޯލް-ބޭސްޑް އޮތަންޓިކޭޝަން ޓެކްނޮލޮޖީއެވެ. ފްލޭޝް ކޯލްސް އަގުހެޔޮވެފައި އަވަސްވެސް މެއެވެ. ފްލޭސް ކޯލަކީ ކަސްޓަމަރުގެ ފޯނަށް ޚިދުމަތްދޭ ކުންފުނިން ކުރާ ފޯން ކޯލެކެވެ. ނުވަތަ ފޮނުވާ މިސް ކޯލެކެވެ. ގުޅާ ނަންބަރު ނުވަތަ މިސް ކޯލް ލިބޭ ނަންބަރުގެ ފަހު އަކުރުތަކަކީ އޮތަންޓިކޭޝަން ކޯޑެވެ. މި ކޯޑު އިތުރު އެވެސް ފަރާތަކާއި ހިއްސާކޮށްފިނަމަ ތިޔަ ހިއްސާ ކުރެވެނީ ހަމަ އޯޓީޕީއާއި އެއްވަރުގެ ކޯޑެކެވެ.

ޓެކްނޮލޮޖީއަށް މިއައި ބަދަލާއިއެކު އެތައް ކުންފުންޏަކުން އޯޓީޕީގެ ބަދަލުގައި ފްލޭޝް ކޯލްސް ބޭނުންކުރަންފާށާފައިވާއިރު، ސްކޭމަރުން ސްކޭމްކުރަން ގެންގުޅޭ އުކުޅުވެސް ބަދަލުކޮށްފިއެވެ. އެކިއެކި އުކުޅުތައް ބޭނުންކޮށްގެން މަކަރާއި ހީލަތުން ފްލޭޝް ކޯލްގެ ނަންބަރު ސްކޭމަރުން ހޯދައި އެކައުންޓްތައް ހިޞޯރުކުރަން މިވަނީ ފަށާފައެވެ. އެހެންކަމުން ފްލޭޝް ކޯލްސްއަކީ ކޮބައިކަމާއި، ފްލޭސް ކޯލްސް މަސައްކަތް ކުރާގޮތް ދެނެގަންނާނެ ގޮތްތައް ދިރާސާކޮށް ހޭލުންތެރި ބަޔަކަށް އަޅުގަނޑުމެން އެންމެންވާން އެބަ ޖެހެއެވެ. އަދި އެއްވެސް އިތުރު ފަރާތަކަށް ތިމާގެ ފޯނަށް ލިބޭ ކޯޑެއްވެސް، ގުޅާފައި އިން ނަންބަރެއްވެސް އަދި މިސްކޯލެއް ލިބިފައިއިން ނަންބަރެއްވެސް ހިއްސާ ނުކުރައްވާށޭވެ. ފްލޭޝް ކޯލްސްއަކީ ކޮބައިކަން ތިބާގެ އާޢިލާ މީހުންނާއި ރަޙްމަތްތެރިންނަށް ކިޔައިދީ ފްލޭޝް ކޯލްސްއާއި މެދު ހޭލުންތެރި ބަޔަކަށް އެންމެންވެސް ހެދޭތޯ ފަރުދީ ޙައިސިއްޔަތުން ކުރެވެންހުރި ހުރިހާ ކަމެއް ކުރުމަކީ ސައިބަރ ކްރައިމް ސެންޓަރުގެ އެދުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް