ވަކިވުމުގެ ކުރިން: ހަތްވަނަ ބައި

ކުރީގެ އަދަދާއި ގުޅޭ... ބާބު އަށެއް: އުންމީދު އާދައިގެ މަތިން ހަވީރު ބޭރަށް ނިކުމެލަން ދީނާއަށް ގުޅުމަށް ފަހު އެގެއަށް ދިޔައީމެވެ. އަހަރެން އެގެއަށް ދިޔަ އިރު ދީނާ ހުރީ ތައްޔާރުވެގެން އަހަރެންގެ އިންތ...

27 Jan 2025 | 10:08

ކުރީގެ އަދަދާއި ގުޅޭ...

ބާބު އަށެއް: އުންމީދު

އާދައިގެ މަތިން ހަވީރު ބޭރަށް ނިކުމެލަން ދީނާއަށް ގުޅުމަށް ފަހު އެގެއަށް ދިޔައީމެވެ. އަހަރެން އެގެއަށް ދިޔަ އިރު ދީނާ ހުރީ ތައްޔާރުވެގެން އަހަރެންގެ އިންތިޒާރުގައެވެ. އަހަންނާއި ދީނާ ހިނގާލާފައި އަތިރި މައްޗަށް ނިކުމެލީމެވެ. އޭރު ދީނާ ދިޔައީ ދީނާގެ އަމިއްލަ ވާހަކަތައް ދައްކަމުންނެވެ. އަހަންނަށް ހުރެވުނީ ލައިސަމްގެ ހިޔާލުތެރެއަށް ގެއްލިފައެވެ. ދީނާ ކިޔާ އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ނުދެވުނެވެ.

"ޒާރާ!... އަޑު އަހަންތަ އެބަ؟" ދީނާ ބުންޏެވެ.

"އާން.. އާން އަޑުއަހަން މީނީ... " އަހަރެން ބުނީމެވެ.

ދީނާ ދިޔައީ ވިޝާމްގެ ވާހަކަތައް ދައްކަމުންނެވެ. ވިޝާމް ފިނޑި ވާހަކައާއި އެހާ ދުވަސްވީ އިރުވެސް ދުރުގައި ލޯބި ހުށަހަޅަން ނުކެރި ހުންނަ ވާހަކަތަކެވެ.

"އަދި އެނގޭތަ.. އަހަރެން އަޑުއެހިން ވިޝާމް ވެސް ފުރަނީޔޯ... ލައިސަމް އެ ހުރި ރިސޯޓަށް ދާން... ވިޝާމް ހާދަ ފިނޑިއޭ ދޯ.. އަހަރެން ދެން އޭނަ ލޯބި ހުށަހަޅާނެ އިރަކަށް އިންތިޒާރު ކުރަން ވީތަ؟" ދީނާ ބުންޏެވެ.

"ލައިސަމް؟ ލައިސަމް ހުންނަ ތަނަށްތަ ވިޝާމް ދަނީ؟" އަހަރެން އެހީމެވެ.

އިރުއޮއްސުމުން އަހަރެމެން ގެއާ ދިމާއަށް ދިޔުމަށް ހިނގައިގަތީމެވެ. އޭރު މަގްރިބު ބަންގި ގޮވަނީއެވެ. ވިޝާމް މިސްކިތާއި ދިމާއަށް ދާތަން ފެނިގެން ދީނާ އަހަންނަށް ދެއްކިއެވެ. ދީނާ އެދައްކަނީ މުޅިއަކުން ދޮގު ވާހަކައެއް ވެސް ނޫނެވެ. ދީނާ ފެނިއްޖެ ނަމަ ވިޝާމް ކަޅި ޖަހާނުލާ އެހުންނަނީ ދީނާ އަށް ބަލާށެވެ.

ގެއަށް ގޮސް ނަމާދު ކޮށްލައިގެން އެނދުމަތީގައި އޮށޯވެލީމެވެ. ހިޔާލުތައް ސިކުނޑީގައި އެނބުރެމުން ދިޔައެވެ. ވިޝާމް އަތަށް ސިޓީއެއް ލައިސަމް އާ ހަވާލުކުރަން ދޭ ހިތަށް އެރިއެވެ. އޭރުންވެސް ލައިސަމްއަށް އަހަރެން ހުރީ ލައިސަމްގެ އިންތިޒާރުގައި ކަން އެނގޭނެތާއެވެ.

އަހަރެން ބޭރަށް ނިކުމެ މަންމައާއި ވާހަކަ ދައްކާލައިގެން ލައިސަމްއަށް ހަދިޔާއެއް ހަދަން ނިންމީމެވެ. ލައިސަމްއަކީ އަހަންނާ ގާތް ކުއްޖެއް ކަން މަންމަމެންނަށް ވެސް އެނގޭނެއެވެ. އަހަރެމެން ދެމީހުންގެ އޮތް ގުޅުން ނޭނގުނު ނަމަވެސް ލައިސަމްއަކީ ހަޔާތަށް އައި ވަރަށް މުހިންމު މީހެއް ކަން މަންމައަށް އެނގޭނެއެވެ. ހަދިޔާ ފޮށިގަނޑު ބަންދުކުރުމަށް ފަހު ފޮށިގަނޑުގެ އެންމެ ފުލަށް ސިޓީއުރަ ލީމެވެ. ރަގަނޅަށް ޓޭޕު އަޅާ ބަންދުކޮށްލުމަށް ފަހު ދީނާއަށް ގުޅީމެވެ. އަހަންނާ އެކު އެގެއަށް ދިޔުމަށް ދީނާ ކައިރިން އެދުނީމެވެ. ދީނާ ހުރީ ހޭވައްލާ ތައްޔާރަށެވެ.

އަހަންނާ ދީނާ ފޮށިގަނޑު ހިފައިގެން ދިޔަ އިރު ވިޝާމްގެ މަންމަ އެގޭ ބޭރު އުނދޯލީގައި އިނެވެ.

"ދައްތާ... މި ވިޝާމް އާ ހަވާލުކޮށްދީބަ" އަހަރެން ބުނީމެވެ.

"ވިޝާމް އެބައިން ފެންޑާގަ... ކޮއްކޮމެން ހަވާލުކޮށްލަބަ" ދައްތަ ބުންޏެވެ.

ދީނާ އަހަންނާ ދިމާއަށް ބަލާލާފައި ހީލިއެވެ. ސިއްރު ސިއްރުން ދީނާއަށް އެތެރެއަށް ވަންނަން ނުކެރޭނެ ކަމަށް ބުންޏެވެ.

"ދެން އާދެބަ... އަހަންނަކަށް ވެސް އެކަންޏެއް ނުކުރޭނެ ދާކަށް" އަހަރެން ބުނީމެވެ.

ދީނާ ހަމަ ކުރެއް ނުކުރިއެވެ. ދޮރުމަތީގައި ގާ ވެފައި ހުއްޓެވެ. އިރުގަނޑެއްގައި އެ ސަކަރާތުގައި އުޅުމަށް ފަހު އަހަރެން އެކަނި އެތެރެއަށް ވަނީމެވެ. އޭރު ވިޝާމް އިނީ ސޯފާގައި ޓީވީ ބަލާށެވެ.

"އައްސަލާމް އަލައިކުމް" އަހަރެން ގޮވާލީމެވެ.

ވިޝާމް އަހަރެން ފެނުމާއި އެކު ތެދުވެގެން އައެވެ.

އަހަރެން ފޮށިގަނޑު ދިއްކޮށްލުމަށް ފަހު ލައިސަމް އާއި ފޮށިގަނޑު ހަވާލުކޮށްދިނުމަށް އެދުނީމެވެ. އަދި މަންމަ ވިޝާމްއަށް ދިން ކޮތަޅުވެސް ހަވާލުކުރީމެވެ.

"ޒާރާ އެކަނިތަ ތި އައީ... އަހަރެން ކައިރީގަ ބުނި ނަމަ މި ބަލާ ދާން" ވިޝާމް ބުންޏެވެ.

"އެކަންޏެއް ނޫން... ދީނާ އާ އެކީ މި އައީ... ދީނާ ވަރަށް އަންނަ ހިތްވާނެ އެހެންވެ ނުބުނެ މިއައީ" އަހަރެން ސަމާސާ ރާގަކަށް ބުނީމެވެ.

"ވަރަށް އުފާވެއްޖެ ޒާރާ އައީމަ..." ވިޝާމް ބުންޏެވެ.

"އަހަރެން އައީމަތަ ދީނާ އައީމަތަ؟" އަހަރެން ހީލަމުން ބުނީމެވެ.

"އޯކޭ ދީނާ އަށް ލަސްވާނެ...ދަނީ ދެން... ހިތްހެޔޮ ކުރާތި ..." އަހަރެން ސަލާމްކޮށްލުމަށް އަތް ދިއްކޮށްލަމުން ބުނީމެވެ.

ވިޝާމް އަހަންނާ ސަލާމްކުރަން އަތުގައި ހިފާލިއެވެ.

އަހަންނާ ވިޝާމްގެ ހަތަރު ކަޅި ހަމަވިއެވެ. ވިޝާމް އަހަންނަށް ބެލި ގޮތުން އަހަރެން ފާޑަކަށް ރަކިވިއެވެ. ވިޝާމް ހުރީ އަހަރެންގެ އަތުގައި ހިފާފަ ދޫކުރަން ނޭގިފައެވެ. އަހަރެން އަތް ދުރުކޮށްލުމަށް ފަހު އެތަނުން ދިޔުމަށް ހިނގައިގަތީމެވެ. ދޮރާ ހަމައަށް ގޮސް ފަސް އެނބުރި ބަލާލި އިރުވެސް ވިޝާމް ހުރީ ބަލަހައްޓައިގެންނެވެ. ހިނިތުންވެ ހުރެ އަހަންނަށް ބަލަން ހުރި އިރު އަހަންނަށް ހީވީ ބޮޑު ބިރެއް ފެނުން ހެނެވެ. ވާނީވެސް އެހެންތާއެވެ. އެއީ ވިޝާމްގެ ނުފެންނަށް ފުށެއް ވިއްޔާއެވެ.

ޖެހިގެން އައި ހޯމަ ދުވަހު ވިޝާމް ރިސޯޓަށް ދާން ފުރިއެވެ. އަހަންނަށް އައު އުންމީދެއް ލިބި ހިތަށް ދިރުން ލިބުނެވެ. އަހަރެންގެ ހިތަށް އޭރު ހުރީ ކުޑަ ތަސައްލީއެއް ލިބިފައެވެ. އަހަރެންގެ ސިޓީ ލައިސަމްއަށް ލިބޭއިރަށް އަހަންނަށް ހަބަރެއް ވާނެ ކަމުގެ ފޮނި އުންމީދުގައެވެ.

އެދުވަސްކޮޅު އުޅެން ޖެހުނުލެއް ބުރަ ކަމުން ދީނާއަށް ވެސް ހަބަރެއް ނުވެވެއެވެ.

ފެންވަރާލައިގެން ނިކުމެ ދީނާގެ ހަބަރެއް ބަލާލަން ގުޅީމެވެ. ދެތިން ފަހަރަކު ގުޅި އިރުވެސް ދީނާ ފޯނެއެ ނުނަގައެވެ.

ތައްޔާރުވެގެން އެގެއަށް ދާނީއޭ ހިތަށް އަރާ ރީތިވެލައިގެން ނިކުތީމެވެ. އަތިރި މަގުން ލާފައި އެގެއާ ދިމާއަށް ދަނިކޮށް އަހަންނަށް ދީނާ ފެނުނެވެ. އެކަނި މައި އެކަނި ޖޯލީގައި އިންދައެވެ. އަހަރެން ގޮސް ދީނާ ކައިރީގައި އިށީދެލީމެވެ.

"ހާދަ އެކަނިވެފަ... ހާދަ ދެރަވެފަ ހެން ހީވެޔޭ... ވިޝާމް ދިޔައީމަތަ؟" އަހަރެން ދީނާއާއި ދިމާ ކޮށްލީމެވެ.

ދީނާ އަހަންނާ ދިމާއަށް ލޯ އަޅާލިއެވެ.

"އާން ދެރަވާނެއެއްނު... ޒާރާމެން ހާ ރީތި ނޫން ވީމަ" ދީނާ ބުންޏެވެ.

އަހަރެން ހުރީ ބަސް ހުއްޓިފައެވެ.އިތުރަށް އެންމެ ބަހެއްވެސް ނުކިޔާ ދީނާއަށް ބަލަހައްޓައިގެން އިދެވުނެވެ.

"ދެން މީ ވަރަށް ވާހަކަ... އަހަންނަށް ރަގަނޅީ ޒާރާ މިތަނުން ދިޔައިއްޔާ.... އަހަންނާ ގުޅުންވެސް ކަނޑާލިއްޔާ... އަހަންނެއް ބޭނުމެއް ނޫން ޒާރާއާއި އެއްވެސް ގުޅުމެއް ބާއްވާކަށް"ދީނާ ބުންޏެވެ.

"ދީނާ...ކިހިނެއްވީ؟ އަހަންނަށް ގޯސް ކަމެއް ކުރެވުނީތަ؟ އަހަރެން ހަބަރު ނުވެވުނީމަތަ؟ ވަރަށް ބުރަކޮށް އުޅުނީ މަންމަމެން މަސްކައްކާތީވެ" އަހަރެން ބުނީމެވެ.

"ބުރަކަން އެނގެޔޭ އަހަންނަށް.. އެހެންވޭނު މިބުނީ އަހަންނާ ގުޅުން ކަނޑާލާށޭ"

"އަހަންނެއް ދެން ދީނާ އަކާ ގުޅުމެއް ކަނޑައެއް ނުލާނެއެއްނު... އެހާ ރުޅި ނާދެބަލަ.. ދެން ހަބަރު ވާނަމޭ" އަހަރެން ބުނީމެވެ.

ދީނާ ޖޯލިން ތެދުވިއެވެ.

"ކުޑައިރުން ފެށިގެން މިއަދާ ހަމައަށްވެސް އަހަރެން ކިތަންމެ ގަޔާވާ އެއްޗެއް ވިޔަސް ޒާރާ ބޭނުމޭ ބުނެފިއްޔާ އަހަރެން ޒާރާއަށް ދެން... އެކަމް މިއަދު ...މިއަދު އަހަރެން މިހުރީ ވަރަށް ހިތުގަ ޖެހިފަ... ޒާރާއަށް އެނގޭނެ އަހަރެން ވިޝާމްއަށް ބޭނުންވި ވަރު... ދެން ކީއްވެ؟ އެއީ ޒާރާގެ ހިތުގައި އަހަންނަށް އެ ލޯތްބާއި އެގަދަރު ނުދެވޭތީ..." ދީނާ އެހެން ބުނުމަށް ފަހު ހިނގައިގަތެވެ.

"ދީނާ...ދީނާ...މަޑުކޮށްބަ.." އަހަރެން ބުނީމެވެ.

ދީނާ އެހެން އެބުނަނީ އެދުވަހު ވިޝާމް އަހރެންގެ އަތުގައި ހިފި މަންޒަރު ފެނިގެން ބާއެވެ. އެހެން ނަމަވެސް އެހެން ވެގެންނެއް ނުވާނެއެވެ. އޭގެ ފަހުންވެސް އަހަންނާއި ދީނާ ވާހަކަދެއްކިއެވެ. އެފަދަ އެއްވެސް އެއްޗެއް އަހަންނާ ދިމާއަކަށް ނުބުނެއެވެ. ވިޝާމް ދީނާއަށް އެއްޗެއް ބުނީ ކަމެއް މީހަކު ދެބައުޑުވީކަމެއް އަހަންނަކަށް ނޭނގެއެވެ.


ނުނިމޭ.... ވާހަކައިގެ އާ ބައެއް، 29 ޖެނުއަރީ، ބުދަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް