ނިމިދިޔަ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ފަތުރުވެރިއެއްގެ ގޮތުގައި ރާއްޖެ ޒިޔާރަތްކުރި ޗައިނާ އަންހެނަކު ގެއްލިގެން ހޯދަމުން އަންނަކަމުގައި ފުލުހުން ބުނެފިއެވެ.
ގެއްލިގެން ހޯދަމުންދަނީ ޗައިނާ ރައްޔިތެއްކަމަށްވާ ސޫ ޒިއޯނިންގ (30އ) އެވެ.
ފުލުހުން ބުނެފައިވަނީ ސޫ ޒިއޯނިންގ ރާއްޖެ އައިފަހުން އާއިލާއަށް ޚަބަރެއް ވެފައި ނުވާތީ، ވީނުވީއެއް ނޭނގި ގެއްލިގެން، ދިވެހިރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ މެދުވެރިކޮށް އާއިލާގެ ފަރާތުން ފުލުހުންނަށް މައްސަލަ ހުށަހަޅާފައިވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށެވެ.
"މިމައްސަލަ ފުލުހުންނަށް ރިޕޯޓްކުރުމާއެކު އޭނާ ހޯދުމަށްޓަކައި ފުލުހުންގެ ކަމާގުޅުންހުރި އެންމެހައި ބަހާތަކަށް މައުލޫމާތު ހިއްސާކުރެވި، ހޯދުމުގެ މަސައްކަތް ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނެފައިވަނީ އޭނާ ޓްއަރިސްޓް ވިސާގައި ރާއްޖެ އައިސްފައިވަނީ 2024 އޮކްޓޫބަރު 13 ވަނަ ދުވަހުކަން މިހާތަނަށް ބެލިބެލުމުން އެނގިފައިވާކަމަށާއި އަދި އޭނާ މާލޭގައި ހުރި ގެސްޓް ހައުސް އިން 2024 އޮކްޓޫބަރު 24 ވަނަ ދުވަހު ހެނދުނުގެ ވަގުތެއްގައި ޗެކްއައުޓް ވެފައިވާކަމާއި އެއަށްފަހު އޭނާ ރާއްޖެއިން ފުރައިގެން ގޮސްފައިނުވާކަން ތަހުގީގަށް މައުލޫމާތު ލިބިފައިވާކަމާއި ނަމަވެސް އޭނާ ހޯދުމަށް މިހަތާނަށް ކުރެވުނު މަސައްކަތުން އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އުޅޭތަނެއް ހޯދިފައިނުވާކަމަށް ބުނެފައިވެއެވެ.
ސޫ ޒިއޯނިންގ އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަށް ލަސްނުކުރައްވައި ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް އިންވެސްޓިގޭޝަންގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުން ފުލުހުން އެދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް