އަޒާން މިސްރާބު ރޯދައިގެ ކުރިއަށް އައްޑޫ ކަރަންޓުގެ މައްސަލަ ހައްލު ކުރުމާއި ދިމާއަށް – ފެނަކަ ވެރިން ކޮމިޓީއަށް ހާޒިރުކޮށްދޭން ހުށަހަޅައިފި

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިން އިހުމާލުވަމުންދާތީ ފެނަކައިގެ ވެރިން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކޮށްދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު ...

27 Jan 2025 | 07:34

އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމުގައި ފެނަކައިން އިހުމާލުވަމުންދާތީ ފެނަކައިގެ ވެރިން މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހާޒިރުކޮށްދޭން ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން މަރުޒޫޤު އެދިވަޑައިގެންފިއެވެ.

އަޒާން މިކަމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީފުޅެއްގައެވެ.

އެ ސިޓީގައި އަޒާން ވަނީ އައްޑޫ ސިޓީއިން މިހާރަކަށް އައިސް ކޮންމެ ދުވަހަކުހެން ކަރަންޓު ކެނޑޭތީ އެ މައްސަލަ ހައްލު ކުރުމަށް މިހާތަނަށް ކުރެވުނު މަސައްކަތްތަކުގެ ބައެއް ތަފްސީލު ހިމަނާފައެވެ. އެގޮތުން ފެނަކަ އައްޑޫ ސިޓީގެ އޮފީހުގެ އިސްވެރިންނާއި އެތައް ފަހަރަކު ބައްދަލުކޮށް މައުލޫމާތު އެއްކޮށް އަދި މައްސަލަ ހައްލު ކުރުމަށް ފެނަކައިގެ އިސްވެރިންނާއިވެސް ބައްދަލުކޮށް މައްސަލަ އަށް ހައްލު ހޯދުމަށް މަސައްކަތްކުރެވުނުކަން ފާހަގަކޮށްފައިވެއެވެ.

އަޒާން ހާމަކުރައްވާފައިވާގޮތުގައި އައްޑޫ ސިޓީ ފެނަކަ ބްރާންޗުގައި މިހާރު ހުރި 17 އިންޖީނުގެ ތެރެއިން ބޭނުންކުރެވެމުންދަނީ 13 އިންޖީނެކެވެ. ހަތަރު އިންޖީނު ބޭނުން ނުކުރެވޭ ހާލަތުގައި ހުރި އިރު ތިން އިންޖީނު ހުރީ މަރާމާތުވެސް ނުކުރެވޭ ހާލުގައިކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ބޮޑު މައްސަލައަކީ އަހަރަކަށްވުރެ ދިގުލައިގެން ދާއިރުވެސް ބޭނުންވާ ސްޕެއަރ އަދި އެ ބްރާންޗުގެ އޮޕަރޭޝަނަށް ބޭނުންވާ ތަކެތި ނުލިބުންކަން ފާހަގަކުރައްވައި އަޒާން ވިދާޅުވެފައިވަނީ އެ މައްސަލައިގާ މި މަހުގެ 14 ވަނަ ދުވަހު ފެނަކައިގެ އިސްވެރިންނާ ބައްދަލުކުރެވި ސްޕެއަރ ލިބޭނެކަމަށް ތާރީހެއްވެސް ފެނަކައިގެ ވެރިން ދެއްވި ކަމަށެވެ. ނަމަވެސް ހަތް ދުވަހުގެ ތެރޭގައި ފޮނުވާނެކަމަށް ބުނި ސްޕެއަރ 12 ދުވަސް ވީއިރުވެސް ފޮނުވާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން އަޒާންގެ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.

އަޒާން އެދިފައިވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ހިމެނިވަޑައިގަންނަވާހެން ކުރީގެ ބައެއް ވެރިންނާއި މިހާރުގެ ބައެއް ވެރިން ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސްއޯއީ) ކޮމިޓީއަށް ހާޒިރުކޮށް އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ރޯދައިގެ ކުރިއަށް ހައްލު ކުރެވޭނެކަމުގެ ޔަޤީންކަން ހޯދުމާއި އެކަމަށް ޓައިމްލައިނެއް ނުވަތަ ޕްލޭނެއް ފެނަކައިން އެކުލަވާލާފައިވާނަމަ އެ މައުލޫމާތުތައްވެސް ހޯދުމެވެ.

ހާޒިރުކޮށްދޭން އެދިފައިވާ ފަރާތްތައް

  • މެނޭޖިން ޑިރެކްޓަރ މުހައްމަދު ނަޖާހު
  • ކުރީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލް ވާހިދު
  • މިހާރުގެ ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ
  • ޗީފް ފައިނޭންޝަލް އޮފިސަރ އަބްދުﷲ ވަހީދު
  • ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރ މުހައްމަދު މަސްޢޫދު
  • ޗީފް ޓެކްނިކަލް އޮފިސަރ އަބްދުﷲ ނާޝިދު

އަޒާން ވިދާޅުވެފައިވަނީ ރޯދަމަސް ބޯމަތީގައި އޮތް އިރު އައްޑޫ ސިޓީގައިވެސް ރޯދަމަހު ކަރަންޓު ބޭނުންކުރެވޭ މިންވަރު މަދުވެގެން ހަތަރު މެގަވޯޓަށް އިތުރުވެގެންދާނެކަން ފެނަކަ އައްޑޫ އޮފީހުގެ މުވައްޒަފުން ފާހަގަކޮށްފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް