ތިނަދޫ ސިޓީ ކައުންސިލުން އެ ހަދަނީ ދޮގު: އޭސީސީ

ތިނަދޫ ސިޓީ ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަމުގައި ބަޔަކުގޮސް ވައްކަންކޮށްފައިވާކަމަށް އެ ކައުންސިލުން ކުރާ ތުހުމަތު އޭސީސީއިން ދޮގުކޮށްފިއެވެ. އޭސީސީއިން އެކަން ދޮގުކޮށްފައިވާ އެ...

27 Jan 2025 | 07:21

ތިނަދޫ ސިޓީ ކައުންސިލަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނަމުގައި ބަޔަކުގޮސް ވައްކަންކޮށްފައިވާކަމަށް އެ ކައުންސިލުން ކުރާ ތުހުމަތު އޭސީސީއިން ދޮގުކޮށްފިއެވެ.

އޭސީސީއިން އެކަން ދޮގުކޮށްފައިވާ އެކަމާއި ގުޅޭގޮތުން ނެރެފައިވާ ނޫސްބަޔާނެއްގައެވެ.

އޭސީސީގެ އެ ނޫސްބަޔާނުގައި ބުނެފައިވަނީ ތިނަދޫ ސިޓީ ކައުންސިލާއި ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލަތަކަކާ ގުޅިގެން 26 ޖެނުއަރީ 2025 ގައި ވަނީ އެ ކޮމިޝަނުގެ ޓީމެއް "ތިނަދޫ ސިޓީ ކައުންސިލް ގައި ހަރަކާތްތެރިވި ކަމަށާއި ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކުރިކަމަށެވެ.

"ނަމަވެސް މިކަމުގައި ކައުންސިލުގެ ފުރިހަމަ އެއްބާރުލުން ލިބިފައިނުވާ ވާހަކަ ހިތާމައާއެކު ދަންނަވަން" އޭސީސީއިން ބުނެފައިވެއެވެ.

އެހެން ނަމަވެސް ޤާނޫނު އަސާސީއާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ޤާނޫނުގެ ދަށުން، އެ ކޮމިޝަނުގެ ޤާނޫނީ އިމުގެ ތެރެއިން، އެންމެހާ އިޖުރާއަތްތައް ފުރިހަމަ ކުރުމަށްފަހު، އެ ކޮމިޝަނުގެ ތަހުޤީޤަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައިވާކަމަށް އޭސީސީއިން ބުނެފައިވެއެވެ.

އަދި އެކަމާ ގުޅޭގޮތުން ކައުންސިލުން ހާމަކޮށްފައިވާ މަޢުލޫމާތަކީ ދޮގު ވާހަކަތަކެއް ކަން ހާމަކޮށް އެ ކޮމިޝަނާ ގުޅޭގޮތުން ފަތުރަމުންދާ، ހަޤީޤަތާ ޚިލާފު މަޢުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމާއި އަދި އެކަމާމެދު އެ ކޮމިޝަނުން އިންތިހާއަށް ކަންބޮޑުވާކަންވެސް ފާހަގަކޮށްފައިވެއެވެ.

ތިނަދޫ ސިޓީ ކައުންސިލުން އެ ކައުންސިލުގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭސީސީގެ ނަމުގައި އެ ކައުންސިލަށް ބަޔަކު ވަދެ ބައެއް ތަކެތި ވަގަށް ގެންގޮސްފައިވާތީ އެ ކައުންސިލުން ދެމުންދާ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް