ޕޫނޭގައި ނުރައްކާތެރި ބައްޔެއްގެ އައުޓްބްރޭކެއް – އަދަދު 100 އިން މައްޗަށް، އެއް މަރު

އިންޑިއާގެ މަހަރާސްތުރަ ސްޓޭޓްގެ ސިޓީއެއްކަމުގައިވާ ޕޫނޭގައި ނުރައްކާތެރި ބައްޔެއް އައުޓްބްރޭކް ވެއްޖެއެވެ. އެ ބައްޔަކީ އިންސާނާގެ ދިފާއީ ބާރަށް ހަމަލަދީ ހަރަކާތް ކުރުމުގެ ނިޒާމަށް އަސަރު ކުރުވާ އިންސ...

27 Jan 2025 | 01:49

އިންޑިއާގެ މަހަރާސްތުރަ ސްޓޭޓްގެ ސިޓީއެއްކަމުގައިވާ ޕޫނޭގައި ނުރައްކާތެރި ބައްޔެއް އައުޓްބްރޭކް ވެއްޖެއެވެ.

އެ ބައްޔަކީ އިންސާނާގެ ދިފާއީ ބާރަށް ހަމަލަދީ ހަރަކާތް ކުރުމުގެ ނިޒާމަށް އަސަރު ކުރުވާ އިންސާނާ ބަލިކަށިކޮށްލާ ބައްޔެއްކަމުގައިވާ ގިއާން ބަރޭ ސިންޑްރޯމް (ޖީބީއެސް) އެވެ.

އިންޑިއާގެ މީޑިއާ ރިޕޯޓުތައް ބުނާގޮތުން ފުރަތަމަ ކޭސް ރިޕޯޓުކުރެވުނީ މި މަހުގެ ނުވަ ވަނަ ދުވަހުގައެވެ. އަދަދު މަދު ދުވަސްކޮޅެއްގެ ތެރޭގައި 100 އިން މައްޗަށް ގޮސްފައިވާއިރު ވެންޓިލޭޓަރުގައި ފަރުދެމުން އަންނަ މީހުންގެ އަދަދު ވަނީ 14 އަށް އަރާފައެވެ. އަދި މި ބަލީގައި އެކަކު މަރުވެފައިވާކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.

މި ބަލީގެ އައުޓްބްރޭކެއް ޕޫނޭއިން ފެނުނު ސަބަބު އަދި ސީދާ ސާފު ނުވިނަމަވެސް މިހާތަނަށް ބެލި ބެލުމުން މިފަހަރު މި ބަލި ޖެހެން ފަށާފައިމިވަނީ "ކެމްޕައިލޯބެކްޓަރ ޖެޖުނީ" ބެކްޓީއާގެ ސަބަބުން ކަމަށް ވަނީ މިހާތަނަށް ހެދި ބައެއް ޓެސްޓްތަކުން ދައްކާފައެވެ. އެ ބެކްޓީރިއާއަކީ ސަލްމޮނެއްލާ، ޝިގެއްލާ ކަހަލަ ބެކްޓީރިއާއެކެވެ. މި ބެކްޓީރިއާ ހަށިގަނޑުގެ ތެރެއަށް އެތެރެވަނީ ތަޣައްޔަރުވެފައިވާ ފެނުގެ ސަބަބުން ނުވަތަ ކާނާ ވިހަވުމުގެ ސަބަބުންނެވެ.

މިއީ ގައިން ގަޔަށް އަރާ ބައްޔަކަށް ނުވާއިރު މި ބަލި ޕޫނޭގައި ފެތުރެމުންމިދަނީ ފެނުގެ ޒަރީއާއިން ކަމަށްވެސް މިހާތަނަށް ބަލާފައިވެއެވެ. އެހެންނަމަވެސް ސީދާ އެގޮތަށް ނިންމާފައެއް ނުވެއެވެ.

ޖީބީއެސް އަކީ ވަރަށް އަވަސް ސްޕީޑެއްގައި އޭގެ އަސަރު ހަށިގަނޑަށްކޮށް މީހާގެ ހާލު ބޮޑުވަރުކޮށްލާ ބައްޔެކެވެ. އަދި އެ ބައްޔަށް ދެވޭ ފަރުވާއަކީވެސް އަގުބޮޑު ފަރުވާއަކަށްވެފައި ބަލިން މީހާ އެއްކޮށް ސަލާމަތްވުމަށް ގިނަ މުއްދަތަކަށް ބޭސްކުރަންވެސް ޖެހޭ ބައްޔެކެވެ. އަދި މީހާ އެކުގައި ރަނގަޅުވުމަށް ހަ މަހާއި އަހަރު ދެ އަހަރުގެ މުއްދަތުވެސް ނަގާ ބައްޔެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް