ޣައްޒާ މަސްރަޙުން ބޮޑު އަދި އުފާވެރި ދެތިން ސުރުޚީއެއް

07 އޮކްޓޯބަރު 2023 ވީ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދިޔަ ޙަމަލަތައް މި ހިނގާ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ހުއްޓައިލި ފަހުން މިއަދަށް މި ވީ އަށް ދުވަހެވެ. މިހާތަނަށް ހަމާސް ޖަމާޢަތުން...

27 Jan 2025 | 00:43

07 އޮކްޓޯބަރު 2023 ވީ ހޮނިހިރު ދުވަހުން ފެށިގެން އިސްރާއީލުން ދެމުންދިޔަ ޙަމަލަތައް މި ހިނގާ ޖަނަވަރީ މަހުގެ 19 ވަނަ ދުވަހު ހުއްޓައިލި ފަހުން މިއަދަށް މި ވީ އަށް ދުވަހެވެ.

މިހާތަނަށް ހަމާސް ޖަމާޢަތުން ވަނީ އިސްރާއީލުގެ ހަ އަސީރަކު މިނިވަންކޮށްފައެވެ. އެއީ އެ ގައުމުގެ އާންމު ތިން ރައްޔިތަކާއި ސިފައިންގެ ތިން މީހެކެވެ. މިހާތަނަށް މިނިވަންކުރި ހަ އަސީރުންނަކީވެސް އަންހެނުންނެވެ. އިސްރާއީލުންވެސް އިސްރާއީލުގެ ޖަލުތަކުން ފަލަޞްޠީނަށް ނިސްބަތްވާ 290 ހައްޔަރީން މިނިވަންކޮށްފައެވެ.

ހަމަލަތައް ހުއްޓި، އެހީގެ ގާފިލާތަކަށް ޣައްޒާއަށް ވަނުމަށް ފުރުޞަތު ލިބި އަދި އިސްރާއީލު ޖަލުތަކުން ފަލަޞްޠީނަށް ނިސްބަތްވާ ހައްޔަރީން މިނިވަންވެ އަދި ހަމަ އެހެންމެ ޣައްޒާ ދޫކޮށް ހިޖުރަކުރި މިލިޔަނުން ގުނާލެވޭ ރައްޔިތުން އެނބުރި ޣައްޒާއަށް ދަތުރުފެށި އުފާވެރި ޚަބަރުތަކަށް ފާއިތުވި ދެތިން ދުވަހަކު ހިޔަނި އެޅިގެންދިޔައެވެ.

އެއް ކަމަކަށް ދިމާވީ ހަމާސް އިން އެއްބަސްވުމާ ޚިލާފުވެފައިވާކަމަށްބުނެ އިސްރާއީލުން ބޮޑާ ހާކައި ޣައްޒާގެ އުތުރަށް އާންމު ރައްޔިތުންނަށް ނުވަދެވޭނެކަމަށް އެންގި އެންގުމެވެ. އަދި ދެވަނަ ހިތާމަވެރި ސުރުޚީއަކަށް ވެގެންދިޔައީ ޣައްޒާއަކީ މިހާރު ވީރާނާވެފައިވާ ބިމެއްކަމަށްބުނެ ޣައްޒާގެ ރައްޔިތުން މިސްރާއި އުރުދުން އަށް ބަދަލުކޮށް ޣައްޒާގެ ބިން ހުސްކުރުމުގެ ވިސްނުން ހުރިކަމާއި އެކަމާ ގުޅޭ މަޝްވަރާ މިސްރާއި އުރުދުންގެ ވެރިންނާއި ކުރަމުން އަންނަކަން އެމެރިކާގެ އައު ރައީސް ޑޮނާލްޑް ޓްރަމްޕް އިޢުލާނުކުރި ކުރުމެވެ.

އެހެންނަމަވެސް ޣައްޒާއަށް އާ ދުވަހަކަށް މިއަދު އިރު އަރަންދާއިރު އެ މަސްރަޙުން އުފާވެރި ދެތިން ސުރުހީއެއް މިވަނީ ލިބިފައެވެ.

އެއް ސުރުޚީއަކީ ޣައްޒާގެ އުތުރަށް ޣައްޒާގެ ރައްޔިތުން ވަނުމުގެ ފުރުޞަތު ދޭނެކަން އިސްރާއީލުން ބުނުމެވެ. އިސްރާއީލުގެ ބޮޑުވަޒީރު ނަތަންޔާހޫ މިހެން ބުނެފައިމިވަނީ ހަމާސް އިން ދެން މިނިވަންކުރާނެ އަސީރުންގެ ލިސްޓު ދިނުމުންނެވެ.

ދެވަނަ އުފާވެރި ސުރުޚީއަކީ ޓްރަމްޕްގެ ވިސްނުމާ ސީދާ ދެކޮޅު ކަމަށް މިސްރާއި އުރުދުންގެ ވެރިން އިޢުލާނުކުރި ކުރުމެވެ. އެ ދެ ޤައުމުންވެސް ބުނެފައިވަނީ ޣައްޒާ ހުސްކޮށް ނަސްލެއް ނައްތައިލަން އެ ދެ ޤައުމުން ސީދާ ދެކޮޅު ކަމަށެވެ.

ތިންވަނަ އުފާވެރި ސުރުޚީއަކީ މިހާރުވެފައިވާ ހަމަލަ ހުއްޓާލުމުގެ އެއްބަސްވުނސް ފެބްރުއަރީ 18 އާއި ހަމައަށް ދެމިގެންދާނެކަމުގެ ތަސައްލީ ލިބިގެންދިއުމެވެ. އެ ތަސައްލީ ލިބިގެންގޮސްފައިވާއިރު އިސްރާއީލުން އެ އެއްބަސްވުމަށް އަމަލުނުކޮށް ހަމަލަތައް އަލުން ފަށައިފާނެކަމުގެ ބިރު އޮންނަނީ ހީވެފައެވެ.

15 މަހަށްވުރެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ ހަމަލަތަކުގައި ޣައްޒާއިން ޝަހީދުވި މީހުންގެ އަދަދު އިއްޔެއާއި ހަމައަށް ވަނީ 47،300 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް